ކޮވިޑްގެ ވައިރަސް ފެތުރެން މެދުވެރިވާ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް ހުކުރު ޚުތުބާގައި ނަސޭޙަތްތެރިވެ ވަޞިއްޔަތް ކުރައްވައިފިއެވެ.
މިއަދުގެ ހުރުކު ނަމާދު މަސްޖިދުއްޞުލްތާން މުޙައްމަދު ތަކުރުފާނުލް އަޢްޟަމްގައި ކުރެއްވީ އިސްލާމިކް މިނިސްޓްރީގައި ލޮކްޑައުންގައި ތިއްބެވި ބޭފުޅުންނެވެ. މިއީ މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައިފައި އޮތުމަށްފަހު ކުރެވުނު ފުރަތަމަ ހުކުރު ނަމާދެވެ. އިމާމްވެ ހުކުރު ނަމާދު ކުރެއްވީ އައްޝައިޚް އިލްޔާސް ޖަމާލެވެ. މިއަދުގެ ހުކުރު ނަމާދުގައި ހަތަރު ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޚުތުބާގައި ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވީ އަޅުގަނޑުމެން މިފަދަ މާތް މައްސަރަކާ ކުރިމަތިލާން ޖެހިފައިވަނީ މުޅި ދުނިޔައަށް ވެސް ދަތި އުދަނގޫ ހިތާމަވެރި ދުވަސް ވަރެއްގައިކަމަށެވެ. ރައްކާތެރިކަމެއްގެ ގޮތުން އަޅަން ޖެހިފައިވާ ފިޔަވަޅުތަކެއްގެ ސަބަބުން މިމައްސަރުގައި އިޖްތިމާޢީ ގޮތުންނާއި ދީނީގޮތުން މުސްލިމުން އެއްތަންވެ ކުރަމުން އައި އެތައް ކަމެއް ހުއްޓިފައިވާކަން ފާހަގަކުރެއްވިއެވެ. ގާތްތިމާގެ ކަމުގެ ގުޅުން ބަދަހިކުރުމަށްޓަކައި ގޭގެއަށް ޒިޔާރަތް ކުރުމެވެ. ސަވާބާއި ދަރުމަ ހޯދުމަށްޓަކައި އެއްބަޔަކު އަނެއްބަޔަކަށް ރޯދަ ވީއްލުމަށް ދައުވަތު ދިނުމެވެ. ފަރުޟު ފަސް ނަމާދާއި ތަރާވީސް ނަމާދަށް މިސްކިތްތައް ފުރި ބާރުވެގެން ދިއުންފަދަ އެތައް ކަމަކުން މިވަނީ މަޙްރޫމް ވެފައިކަން ޚުކުރު ޚުތުބާގައި ފާހަގަ ކުރެއްވިއެވެ. ނަމަވެސް މިޙާލަތުގައިވެސް މި މާތް މައްސަރުގެ ރޭތައް އިޙްޔާކޮށް މި ދުވަސްތަކުގެ ފައިދާ ހެޔޮގޮތުގައި ލިބިގަތުމަށް ޓަކައި މަސައްކަތް ކުރުމަކީ ކުރެވޭނެ ކަމެއްކަމަށް ވިދާޅުވިއެވެ. އެގޮތުން ގޭގައި ފުރަބަންދުގައި ތިބެ ބަރާބަރަށް ފަސް ނަމާދު ޤާއިމްކޮށް، ސުންނަތް ނަމާދުތަކަށް ރައްކާތެރިވެ، ޤުރުއާން ކިޔަވައި ދުޢާކޮށްޒިކުރު ކޮށް ފައިދާ ހުރިކަންކަމުގައި ވަގުތުތައް ހޭދަކޮށްފި ކަމުގައިވާނަމަ މިމައްސަރުގެ އެންމެ ފުރިހަމަ ގޮތުގައި ޙާޞިލްވެގެން ދިއުމަކީ އެއްވެސް ޝައްކެތް އޮތް ކަމެއް ނޫންކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
"މި ދަނޑިވަޅުގައި ކަމާ ބެހޭ ފަރާތަތަކުން ދެއްވާ އިރްޝާދު ތަކަށް ތަބާވެ މިނުރައްކާތެރި ވައިރަސް ފެތުރެން މެދުވެރިވާ އެންމެހާ ކަންކަމުން ދުރުވެ ތިބުމަށް ނަސޭޙަތްތެރިވެ ވަޞިއްޔަތް ކުރަން" ޚުތުބާގައި ޝައިޚް އިލްޔާސް ޖަމާލު ވިދާޅުވިއެވެ.
ޚުތުބާގައި ޝައިޚް ވިދާޅުވީ ރަމަޟާން މަހަކީ ހައިހޫނުކަމުގެ މައްޗަށް ކެތްތެރިވެ ނަފްސް ތަޙްޒީބުކޮށްދޭ މައްސަރު ކަމަށެވެ. އަދި ޣާފިލުކަމުގެ ނިދިން ނަފްސު ހޭލައްވާލަދޭ މައްސަރުކަށެވެ. އެހެންކަމުން މިމައްސަރުގައި ހެޔޮ ޢަމަލު ކުރުމަށް ގަދަ އަޅައި މަސައްކަތްކޮށް ކުރިމަތިވެފައިވާ މިވާ ތަދުމަޑު ކަމުގެ މައްޗަށް ކެތްތެރިވެ އިޤްތިޞާދުކުރުމަށް ނަޞޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ވަކިން ޚާއްޞަ ކޮށް މިނުރައްކާތެރި ވަބާއިން ރާއްޖެއާއި މުޅި އިންސާނިއްޔަތު ސަލާމަތްކޮށްދެއްވުން އެދި ﷲގެ ޙަޒުރަތުގައި އިބްތިހާލުވެ ދުޢާ ދެންނެވުން އިތުރުކުރުމަށް ގޮވާލެއްވިއެވެ.
ރަމަޟާންމަހުގެ ހެޔޮކަމާއި ބަރަކާތާއި ސަވާބު ފާހަގަ ކުރައްވައި މިފަދަ މާތް މައްސަރަކާ ބައްދަލުވުމުގެ ހެޔޮ ތަޢްފީޤް ލިބުނުކަމަށް ޓަކައި ﷲ އަށްޝުކުރުކޮށް ޤުރުއާ ކިޔެވުމާއިހެޔޮ ޢަމަލުތައް ކުރުން ގިނަ ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ޚުތުބާގައި ވިދާޅުވިއެވެ.
އިސްލާމިކް މިނިސްޓްރީގައި ލޮކްޑައުންގައި ތިއްބެވި ބޭފުޅުންނަކީ ޒަކާތުގެ މަސައްކަތްތަކާއި، ދީނީ ޕްރޮގަރާމްތައް ކުރިއަށް ގެންދެވުމަށް ޓަކައި ލޮކްޑައުންގައި ތިއްބެވި މުވައްޒަފުންކަމަށް އެމިނިސްޓްރީން ވިދާޅުވިއެވެ.