އިސްލާމީ ޤައުމެއްގެ ވެރިކަމުގެ އެންމެ އިސްވާޖިބެއް ކަމަށް ވާނީ އިސްލާމީ ޝަރީޢާގެ މަޤުޞަދުތައް (މަޤާޞިދުއްޝަރީޢާ) ޙިމާޔަތްކުރުމެވެ. މި މަޤުޞަދުތަކުގެ ތެރެއިން ވެސް އެންމެ އިސްކަމެއް ދޭންޖެހޭނީ ދީން (ޢަޤީދާ) ޙިމާޔަތްކުރުމެވެ. ދައުލަތުގެ ވެރީންނާއި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން މަޤާމާ ޙަވާލުވެވަޑައިގަންނަވަނީ ވެސް މި ކަމަށް މާތް ﷲ ގަންދީ ހުވައިކުރައްވައިގެންނެވެ. ވީމާ އިސްލާމީ ކޮންމެ ޤައުމެއްގައި ވެސް ވެރިކަމުގެ ފަރާތުން މި ކަމަށް ޚާއްޞަ އިސްކަމެއް ދެއްވާނެ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ސަބަބަކީ މާތް ﷲ ގަންދީ ކުރާ ހުވަޔަކާ ގަސްތުގައި ޚިލާފުވުމަކީ ކޮންފަދަ ނުބައި ޢަމަލެއްކަން ކޮންމެ މުސްލިމަކު ވެސް ދަންނާނެތީއެވެ.
އެހެންނަމަވެސް ކޮރޯނާ ވައިރަހުގެ މި ނުރައްކާތެރި ޙާލަތާ ގުޅުވައިގެން އިސްލާމް ދީނާ ޚިލާފު ފިކުރު ފެތުރުމުގެ ދުވެލި ބާރުކޮށްފައިވާ ކަމަށް އަޅުގަނޑަށް ފާހަގަވެއްޖެއެވެ. އަދި ދިވެހިރާއްޖެއަށް އަމާޒުކޮށް ހިންގާ ލާދީނީ ޙަރަކާތްތައް ވެސް މި ޚުޠޫރަތްތެރި ދަނޑިވަޅާ ދިމާކޮށް، ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން، ވަރަށް ބޮޑަށް އިތުރުކޮށްފިއެވެ.
އަޅުގަނޑުގެ މި ލިޔުމުގެ ބޭނުމަކީ، ޢާލަމީ ވަބާގެ މި ނުރައްކާތެރި ދަނޑިވަޅުގައި، ކޮވިޑުން ސަލާމަތްވުމުގެ މަސައްކަތުގައި މުޅި ސަރުކާރާއި މުޅި މުޖުތަމަޢު މަޝްޣޫލުވެވަޑައިގެން އުޅުއްވާތީ، އަދި މި ދަނޑިވަޅުގައި ވެސް، ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން މި މަސައްކަތް، ވަރަށް ބޮޑަށް އިތުރުކޮށްފައި ވާތީ، މި ކަން ސަރުކާރާއި ރައްޔިތުންގެ ސަމާލުކަމަށް ގެނައުމެވެ. އިސްލާމީ ޢަޤީދާއާ ޚިލާފަށް ރޭވިގެން ހިންގާ ނުރައްކާތެރި ހަރަކާތްތަކާ އިދިކޮޅަށް އަޅުއްވާ ފިޔަވަޅުތައް މި ދަނޑިވަޅުގައި ވެސް އިތުރުކޮށްދެއްވާށޭ ދަންނަވައިލުމެވެ.
ދިވެހރާއްޖޭގައި އުޅޭ ނުވަތަ ރާއްޖެއަށް ނިސްބަތްވާ ކޮންމެވެސް ޚާއިނުންތަކެއް ރާއްޖެއާ ބެހޭ ގޮތުން ނުރަނގަޅު މަޢުލޫމާތު ދީގެން ބޭރުގެ ނޫސްތަކުގައްޔާއި މީޑިއާގައި ރާއްޖޭގެ އަގުވައްޓައިލައި ރާއްޖޭގެ އިސްލާމް ދީނުގެ ތަޞައްވުރު ކިލަނބުކުރުމުގެ މަސައްކަތް ވަރަށް ފުޅާ ދާއިރާއެއްގައި އެބަ ކުރެއެވެ. މީސްމީޑިއާގައި ވެސް މި ހުތުރު ޢަމަލު އެބަ ހިންގައެވެ.
ހުސްވި މާރިޗުމަހު 21 ގައި އިކޮނޮމިސްޓް ނަމަކަށް ކިޔާ އޮންލައި ނޫހެއްގައި (www.economist.com) ލިޔެފައިވެއެވެ. "އަހަރަކު 1.5 މިލިއަން ފަތުރުވެރިން އަންނަ، އަދި އިންޑިއާ ކަނޑުގެ ޖަޒީރާ ގައުމެއްކަމުގައިވާ ދިވެހިރާއްޖެއަށް ކޮވިޑް19 ދިޔުމަކީ އެބައިމީހުންނަށް ކުއްލި ޙައިރާންކަމެއް ލިބުނު ކަމެކެވެ. މާރިޗް މަހުގެ 18އާ ހަމައަށް 13 ބިދޭސީއަކު ކޮވިޑަށް ފައްސިވެއްޖެއެވެ. އެކަމަކު އެހާތަނަށް އެއްވެސް ދޭސީއަކު (ދިވެއްސަކު) އެބައްޔަށް ފައްސިވިކަން ކަށަވަރުކުރެވިފައެއް ނުވާ"ކަމަށެވެ."
މި ވާހަކަ ބަޔާންކުރުމާއެކު ދެން ލިޔެފައިވަނީ ކީކޭ ކަމަށްތޯއެވެ؟ "ނަމަވެސް މިއަށްވުރެ ކުޑަނޫން ބައްޔެއް - މުސްލިމް ހައްދުފަހަނަޅައިދިޔުން - އެ ރަށްތަކަށް ހާސްކަމާއި ކަންބޮޑުވުން އެބަ ކުރިމަތިކުރުވައެވެ. ފެބްރުވަރީ 4 ގައި ތިން ބިދޭސީއަކަށް، ވެރިރަށް މާލޭގައި ވަޅީން ހަމަލަދީ ޒަޚަމްކޮށްލައިފައިވެއެވެ. (އެ މީހުން ސަލާމަތްވިއެވެ.) މުސްލިމް އެކްޓިވިސްޓުން އެކަމުގެ ޒިންމާ އުފުލިއެވެ. މިއީ 2007 ވަނަ އަހަރު މުސްލިމް ޖިހާދީން މާލޭ ޕާކެއްގައި ބޮމެއް ބާއްވައި 12 ފަތުރުވެރިޔަކު ޒަޚަމްކޮށްލި ހާދިސާއަށް ފަހު، ބިދޭސީންނާ ދެކޮޅަށް ހިންގި މި ފަދަ ފުރަތަމަ ޢުދުވާނެވެ. މި ޢުދުވާނުގެ ދުވަސްކޮޅެއް ފަހުން، އެކަށީގެންނުވާ ގޮތަށް ހެދުން އަޅައިގެން އުޅުނު އިނގިރޭސި އަންހެނަކަށް ފުލުހުން ހުރަސްއެޅި ވާހަކަ ވަރަށް ބާރަށް ވިރަވިއެވެ. ފެތުރުނެވެ. މިއީ ބިކިނީއިން ނިވައިވެގެން އިރަށް އަޅުކަންކުރާ މީހުންނާ މެދު، އިޚްލާޞްތެރި ސީރިއަސް މުސްލިމު ޤައުމުގެ އެއްބާރުލުން ނުދޭ ޢަޤީދާ ހުންނަ ގޮތެވެ."
ވިސްނައި ވަޑައިގެންބައްލަވާށެވެ! މިއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން ދިވެހީންނަށް އެނގެއެވެ. "ހަރުކަށި ފިކުރުގެ" އެތައް ސަތޭކަ ބަޔަކު ރާއްޖޭގައި އުޅޭ ކަމަށް "ކަމާބެހޭ ފަރާތްތަކުން" ހާމަކޮށްފައިވާ އިރު "ހަރުކަށި ފިކުރު"ގެ ތަޢާރަފެއް އެއްވެސް ޤާނޫނެއްގައި ބަޔާންކޮށްފައެއް ނުވެއެވެ. އަދި ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ވެސް "ހަރުކަށި މީހުން"ގެ ސިފަ އަކީ ކޮބައިކަން ބަޔާންކޮށްދެއްވައިފައެއް ނުވެއެވެ. ވީމާ "ހަރުކަށި ފިކުރުގެ މީހުން" ޢަދަދުކުރާނީ ކިހިނެއްތޯއެވެ؟ އަދި އެ ބުނާ "ހަރުކަށި ފިކުރު"ގެ މީހުންނަކީ ކޮބައިކަމެއް އެ މީހުންގެ ފުށުން ރާއްޖޭގެ ރަށްރަށަށް ފޯރަނީ ކޮން އުނދަގުލެއް ކަމެއް ދިވެހި ރައްޔިތުންނަކަށް ނޭނގެއެވެ.
މިއަހަރު ފެބްރުއަރީމަހު 6 ގައި ބީބީސީގައި ޝާއިޢުކޮށްފައިވާ "ޗައިނާގެ ދެ މީހަކަށާއި އޮސްޓްރޭލިއާ މީހަކަށް ވަޅިން ޙަމަލާދިނުމުގެ ކުށުގައި، އިސްލާމް ދީނުގެ ހައްދު ފަހަނަޅައިފައިވާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި" މި ޚަބަރުގައި ވެސް ހުޅުމާލޭގައި މި ޙަމަލާ ދީފައިވަނީ، (މުސްލިމުންނަށް ހެދިގެން އުޅޭ) އައިއެސް ޖަމާޢާތުގެ މީހުން ކަމަށް ސިފަކޮށްފައި ވެއެވެ. އަދި މިކަން މި ގޮތަށް މީހުންނަށް ހީކޮށްދޭން ބަޔަކު ރާވައިގެން ފޭކް އޯޑިއޯއެއް ވެސް ޢާއްމު ކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ އަގުވައްޓައިލައި ދިވެހީންގެ ތެރޭގައިވާ އިސްލާމީ ޢަޤީދާ ބަލިކަށިކުރުމަށް ލާދީނީ ޚާއިނުންގެ ބަޔަކު ރާއްޖޭގެ ތަޞައްވުރު ހުތުރުކުރުމަށް ފަތުރާ ދޮގު މަޢުލޫމާތުގެ އަލީގައި ބޭރު މީހުން ލިޔާ ލިޔުންތަކެވެ. މި ފަދަ ލިޔުންތަކުގެ ސަބަބުން މި ޚަބަރު ފަތުރާ ޣަދަރުވެރި ދިވެހީންނަށް ވެސް ލިބޭނީ ހަގީގަތުގައި ބަދުނާމެވެ. އެހެނީ އެމީހަކު އެ ގައުމަކަށް ނިސްބަތްވާ ޤައުމެއް ޝަރަފުވެރި ނުވާހައި ހިނދަކު އެ ބަޔަކު ވެސް ޝަރަފުވެރިއެއް ނުވާނެއެވެ. ދިވެހި ޤައުމަށް ލިބޭ ކޮންމެ މޮޅެއްގެ ހިއްސާ އަޅުގަނޑުމެން ކޮންމެ މީހަކަށް އޮންނަ ފަދައިން ދިވެހި ޤައުމަށް ލިބޭ ކޮންމެ ބަދުނާމެއްގެ ޙިއްޞާ ވެސް ހަމަ ކޮންމެ ދިވެއްސަކު ތަޙައްމަލުކުރާންޖެހޭނެއެވެ.
މިއީ ލާދީނިއްޔަތު ފަތުރައި ދިވެހި ޤައުމުގެ އިޖުތިމާޢީ އިޤުތިޞާދީ ފޭރާން ހަލާކުކުރުމަށްޓަކައި ޤައުމުގެ ދުޝްމަނުންނާ ގުޅިގެން ޤައުމުގެ ޣައްދާރުންގެ ބަޔަކު ފަތުރާ ދޮގު މަޢުލޫމާތެވެ. ވީމާ މިކަންކަން ހުއްޓުވައި އެ ފަދަ ޚާއިނުން ހޯއްދަވައި، އެފަދަ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ވަރަށް އިޚުލާޞްތެރިކަމާއެކު އިލްތިމާސްކުރަމެވެ. ޤައުމާ މެދު މިފަދަ ނޭދެވޭ ވާހަކަތައް ފަތުރާ ދުނިޔޭގެ ނޫސްތަކަށް ވެސް މިއީ ރޯ ބުހުތާނު ދޮގުކަން އަންގަވައިދެއްވައި ދިވެހި ޤައުމުގެ ޝަރަފާއި ދިވެހި ރައޔިތުންގެ ޢަޤީދާ ޙިމާޔަތްކޮށްދެއްވާށެވެ! މިއީ ދައުލަތުގެ ޒިންމާދާރު ފަރާތްތަކުގެ އެންމެ އިސް ވާޖިބުކަން ހަނދުމަފުޅުކުރައްވާށެވެ! ތިޔަ ބޭފުޅުން މަޤާމުތަކާ ޙަވާލުވެވަޑައިގެން ތިޔަ ތިއްބެވީ މި ކަމަށް މާތް ﷲ ގަންދީ ހުވައިކުރައްވައިގެންކަން، ޤައުމަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ހަނދުމަފުޅުން ކެހުނަ ނުދެއްވާށެވެ!
އަނެއްކޮޅުން، ކޮވިޑް19 އާ ގުޅުވައިގެން އެއްކައުވަންތަ މާތް ﷲގެ ރުބޫބިއްޔަތާއި އުލޫހިއްޔަތަށް ކުޑައި މީސްކޮށް ވާހަކަދައްކައި މީސްމީޑިއާގައި ފަތުރާ ދީނާ ޚިލާފު ވާހަކަތައް ވެސް ފާޅުކަން ބޮޑު ގޮތެއްގައި ދިވެހީން އެ ގެންދަނީ ފަތުރަމުންނެވެ. ތިޔަ ބޭފުޅުން ތިޔަ އުޅުއްވަނީ ކޮރޯނާއިން ދިވެހީން ސަލާމަތްކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. މި ޙާލަތާ ގުޅިގެން ރައްޔިތުންނަށް ފޯރައިދާނެ އިޤްތިޞާދީ ހީނަރުކަމެއް ކުޑަކުރެއްވޭތޯއެވެ. މި ކަންކަމަށް އަޅުގަނޑުމެން ހިތުގެ އަޑީން ފުހިމައަށް ތާއީދުކުރަމުއެވެ.
ކޮރޯނާ ވައިރެހާ ދެކޮޅަށް ތިޔައަޅުއްވާ ހަރުދަނާ ފިޔަވަޅުތަކާ އެއްވަރަށް ނުވަތަ އެޔަށްވުރެ ވެސް ބޮޑަށް، ދިވެހި ޤައުމުގެ ޢަޤީދާއާއި ޝަރަފާ ދެކޮޅަށް މި ފެތުރޭ ވައިރަހުން ސަލާމަތްވާން ވެސް ފިޔަވަޅުއަޅުއްވައިދެއްވާށެވެ! ކޮރޯނާ ވައިރަހުގެ ޙާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ޤައުމުގެ ޣައްދާރުން މި ހިންގާ ނުބައި ނުލަފާ ޢަމަލުތައް ހުއްޓުވައިދެއްވާށެވެ!
އަޅުގަނޑުމެންނަށްޓަކައި މަސައްކަތްކޮށްދެއްވާން ތިޔަ ތިއްބެވީ ހަމަ ތިޔަބޭފުޅުންނެވެ. ދިވެހި ޤައުމަށްޓަކައި ދިވެހީންގެ ޢަޤީދާގެ ޙިމާޔަތަށްޓަކައި، ދިވެހިރާއްޖޭގެ ކުރިއެރުމަށްޓަކައި، ކުރައްވާ ކޮންމެ މަސައްކަތްޕުޅެއްގައި ދިވެހި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެއެވެ. މިއީ ﷲ ގެ ޙައްޤުގައި ދިވެހި އުއްމަގުގެ ޙިމާޔަތުގައި އަޅުގަނޑު ކުރާ ވަރަށް އިޚުލާޞްތެރި އާދޭހެކެވެ.
____________________________
ރުޖޫޢަވި ބައެއް ވަސީލަތްތައް:
https://www.economist.com/asia/2020/03/21/the-maldives-is-threatened-by-jihadism-and-covid-19
Thee alhugan'dumen gina Dhivehinge ves dua in'gethoa..fennan jehey faraaiythakah liyun feni aharemen nihaayathah kanboduvaa mi massala aai medhu funkoh visnaanegoiy medhuveri kuravvaashi