ސިވިލް ސާވިސް މުވައްޒަފުންނަށް ދިރާގުން އިންޓަރނެޓު ހިލޭ ފޯރުކޮށްދީފިއެވެ. މިއީ ކޮވިޑް19 ގެ ސަބަބުން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވުމުން، ސަރުކާރުގެ މުވައްޒަފުންނަށް ގޭގައި ތިބެގެން އޮފީސް މަސަކަތްކަތް ކުރުމަށް ލުއިފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން ކޮށްދެއްވި ކަމެކެވެ. އެގޮތުން ދިރާގުން ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓްގެ ޒަރިއްޔާއިން ސަރުކާރުގެ ވިއުގަތަކަށް ހިލޭ ވަދެވޭނެގޮތް ވަނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީއާ ގުޅިގެން ލިބޭނެ ގޮތް ހަދައިދީފިއެވެ.
މިދުވަސްވަރު ސަރުކާރުގެ ހުރިހާ އޮފީސްތަކާއި މުއައްސަސާތަކެއް ބަންދުކޮށްފައިވުމުން، ގޭގައި ތިބެގެން، ރިމޯޓް ވޯރކިންގގެ އެކި ވަސީލަތްތައް ބޭނުންކުރުމަށް އިންޓަނެޓްގެ ޚިދުމަތް މުވައްޒަފުންނަށް މިވަނީ ވަރަށް މުހިންމުވެފައި ކަމަށް ދިރާގުން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، މިފަދަ ހާލަތެއްގައި، ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ސަރުކާރުގެ މުވައްޒަފުންގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދިޔުމަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަކީ ދިރާގުން އެންމެ އިސްކަމެއް ދިން އެއްކަންތައް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތް މެދުވެރިކޮށް ސަރުކާރު މުވައްޒަފުންނަށް ރައްކާތެރިކަމާއެކު ސަރުކާރުގެ އެކި ޕޯޓަލް ތަކަށް ހިލޭ ވަދެވި، ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރެވުމަށް މަގުފަހިވެގެންދާނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލްތަކުގެ ސަބަބުން ކުރިއަށް ވުރެ ބޮޑަށް އިންޓަނެޓަށް ބަރޯސާވާން ވަނީ ޖެހިފައި ކަމަށާއި، ކިޔެވުމަށާއި، އޮފީސް މަސައްކަތްކުރުމަށާއި، ޢާއިލާއާއި ރައްޓެހިންގެ ޙާލުބެލުމަށާއި، ވަގުތުން ވަގުތަށް މައުލޫމާތު ހޯދުމާއި މުނިފޫހިފުލުވުމަށްވެސް އިންޓަރނެޓު ވަރަށް މުހިންމުވެފައިވާ ކަމަށް ދިރާގުން ވިދާޅުވެފައިވެއެވެ. އަދި މި ކަމުގެ ސަބަބުން އިންޓަނެޓް ބޭނުން ކުރުން ކުރިއަށްވުރެ އިތުރުވެގެން ވަނީ ގޮސްފައިއެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމުގެ ގޮތުން، ދިރާގުން ދަނީ މާރިޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް އަދި ޑިސްކައުންޓް ދެމުންނެވެ.
ހަމަ މިއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ ދަށުން، ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުން ކުރުމުގައި އިތުރު ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް އިންޓަނެޓް ބޭނުންކުރުމަށް ދިރާގުން ކުރިން ހިލޭ ދީފައިވާ ޑޭޓާގެ މިންވަރު އެޕްރީލް އަދި މޭ މަހަށް އިތުރުކޮށްފައިއެވެ.
މިގޮތުން، ހުރިހާ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް %50 އާއި %140 އާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވެންސް އެޕްރިލް މަހުގައި ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި ހަމައެއާއެކު، ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރތަކަށް ވަނީ %50 ޑިސްކައުންޓް ދީފައިއެވެ.
މީގެ އިތުރުން، ދިރާގު ޕޯސްޑްޕެއިޑް ކަސްޓަމަރުންނަށް އެޕްރިލު މަހު %50 އާއި %75 އާ ދެމެދުގެ އަދަދަކަށް އިތުރު ޑޭޓާ އެލަވަންސް ވަނީ ދީފައިއެވެ. އަދި މޭ މަހުގައިވެސް މި އިތުރު އެލަވަންސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. އަދި، ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން އެޕްރީލު އަދި މެއި މަހު ނަންގަވާ ޑޭޓާ އެޑް-އޮން އަށް %50 އިތުރު ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ވިދާޅުވެފައިވެއެވެ.
ދިރާގުން ދަނީ ސަރުކާރާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން މުޖުތަމައަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްނަގައިގެން ގިނަ ކަންތައްތަކެއް ކުރުމަށް މަސައްކަތްކުރަމުންނެވެ.
ކޮވިޑް-19 އާ ގުޅިގެން ގައުމުގެ ހާލަތަށް ދިމާވާ ކަންތައްތައް ދިރާގުން ދަނީ ވަރަށް ގާތުން ބަލައި، މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދެވޭނެ ގޮތްތައް ބަލަމުންނެވެ.