ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީ ވާން ހުޅުވާލައިފި

ރާއްޖޭގެ ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީ ކުރަން އެކުންފުނީން ހުޅުވާލައިފިއެވެ.

އެސްޓީއޯއާއި އެގްރިކަލްޗަރ މިނިސްޓްރީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީން ވާން ބޭނުންވާ ފޯމު ރަށްރަށުގައި ހުންނަ އެކުންފުނީގެ ބޭސްފިހާރަތަކުންނާއި ފިހާރަތައް މެދުވެރިކޮށް ލިބޭނެ ކަމަށެވެ. އެކަމަށް ބޭނުންވާ ފޯމް އެސްޓީއޯ ވެބްސައިޓުން ވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވިއެވެ. ރަޖިސްޓްރީވާން އެދޭ ފޯމު ފުރުމަށްފަހު ވައިބަރ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ދަނޑުވެރިން އެސްޓީއޯގައި ރަޖިސްޓްރީވާންޖެހެނީ އެމީހުންނަށް ދަނޑުވެރިއެއްކަން އަންގައިދޭ ލިޔުމެއް ނުވަތަ އައިޑީއެއް ހަވާލު ކުރުމަށެވެ. ބޭނުމަކީ އެމީހުން އުފައްދާ ސާމާނު އެއްވެސް އޮޅުމެއްނެތި އެސްޓީއޯއަށް ގަތުމުގެ މަގު ފަހިކޮށް އެކަން އުސޫލެއްގެ ތެރެއިން ކުރުމެވެ.

ދަނޑުވެރިން އުފައްދާ ތަކެތި އެސްޓީއޯއަށް ގަންނަނީ އެތަކެތި އެސްޓީއޯއާ ހަމައަށް ގެނެސްދިނީމައެވެ.

އެސްޓީއޯއިން ވިދާޅުވީ އެކުންފުންޏަށް ފޮނުވާ ދަނޑުވެރިކަމުގެ ބާވަތްތައް ދޯންޏަށް އެރުވުމުގެ ކުރިން އެތަކެތި ވަރަށް ރަނގަޅަށް ލޭބަލް ކުރަންވާނެ ކަމަށެވެ. އަދި ބާއްވަތްތަކާއި އަދަދުވެސް އެނގޭ ގޮތަށް ހުންނާންވާނެ ކަމަށާއި ދޯނި ފުރާނެ ދުވަހާއި މާލެއަށް އާދެވޭނެ ކަމަށް ލަފާ ކުރާ ދުވަސް ވެސް އަންގަންވާނެ ކަމަށް އެކުންފުނީން ވިދާވިއެވެ.

އެސްޓީއޯއަށް ގަންނާނީ ދަނޑުވެރިން ފޮނުވާ ތަކެތީގެ ތެރެއިން ހަލާކު ނުވެ ރަނގަޅަށް ހުންނަ ސާމާނުކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ. ރަނގަޅަށްހުރީ ކިހާވަރެއް ކަމަށާއި އެސްޓީއޯއަށް ކިރުވީ ކިހާވަރެއް ކަމާއި ލިބުނު އާމްދަނީ ދަނޑުވެރިޔާއަށް އެސްއެމްއެސް އަކުން ނަމަވެސް އަންގަވާނެ ކަމަށް އެކުންފުނީން ވިދާޅުވިއެވެ. އަދި ދެ ދުވަހެއްގެ ތެރޭގައި ފައިސާ ދަނޑުވެރިޔާއަށް ފޮނުވައި ދެއްވާނެ ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ ރަށްރަށުން ފޮނުވާ ދަނޑުވެރިކަމުގެ ސާމާނު ނެގުމަށް ކަލެކްޓިން ޕޮއިންޓެއްވެސް ނޯތު ހާބަރުގައި ހަދާނެ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.