މެމްބަރ ޝިޔާމްގެ ފަހަތުގައި ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރު ހުރުމުން އެކަން ހުއްޓުވައިފި

ނައިފަރު ދާއިރާގެ ޕީޕީއެމްގެ މެމްބަރ އަޙްމަދު ޝިޔާމް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަހުސް ގޭގައި ހުންނަވައިގެން އޮންލައިންކޮށް ބައިވެރި ވަޑައިގެންނެވިއިރު ފަހަތުން ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ޕޯސްޓަރުތަކެއް ފެންނަން ހުރުމުން އެކަން ހުއްޓުވައިފިއެވެ.

މެމްބަރ ޝިޔާމް ވާހަކަދައްކަވަމުން ވަކި ހިސާބަކަށް ވަޑައިގެނެވި ތަނާ މަޖިލީހުގެ ރައީސް ވިދާޅުވީ ކައުންސެލަރ ޖެނެރަލް ނުކުތާއެއް ފާހަގަ ކުރައްވާކަމަށެވެ. އެނުކުތާއަކީ ބެކްރައުންޑް ނުވަތަ ފަހަތުން ފެންނަން ހުރި ނިޝާންތަކާއި ޝިޢާރުތައް ސާފު ނުވާގޮތަށް ސްކްރީނުން ބެކްރައުންޑް ފުސްކޮލަ ދެއްވުން ކަމަށެވެ. މަޖިލީހުގެ ރައީސް އެހެން ވިދާޅުވުމުން ޝިޔާމު ވިދާޅުވީ އޭނާގެ ބެކްރައުންޑް ގޯހީތޯ، ސުވާލުކުރައްވައިފައެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ އެއްވެސް ނިޝާނެއް ލޯގޯއެއް ނުވަތަ ޝިޢާރެއްވެސް ހުރުމަށް މަޖިލީހުގެ ޤަވާއިދު ތަން ނުދޭކަމަށް ކައުންސެލަރ ޖެނެރަލް ފާހަގަ ކުރައްވާ ކަމަށެވެ.

މެމްބަރ ޝިޔާމް ވިދާޅުވީ އޭނާގެ ފަހަތުގައި އެވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވާ ބެނާއަކާއި ޤައުމަށް ޚިދުމަތްތެރި ރައީސަކު މިނިވަންކޮށް ދެއްވުމަށް އެދި ގޮވާލާ ބެނާއެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްގެ އެންގެވުމަށް ބެކްރައުންޑް ފުސްކޮށް ދެއްވާނެކަމަށެވެ.

ޝިޔާމްގެ ވާހަކަ ކުރިއަށް ގެންދެވީ ބެކް ރައުންޑް ފުސް ކުރެއްވުމަށް ފަހުއެވެ. މިއަދު ކުރިއަށް ދިޔަ ބަހުސް ގައި ޝިޔާމް ވަނީ ވަރަށް ބޮޑަށް ސަރުކާރަށް  ފާޑް ވިދާޅުވެފައެވެ.

ސަރުކާރަށް ފާޑް ވިދާޅުވަމުން ދިވެހި ރައްޔިތުންނާ މެދު ސަރުކާރުން ޢަމަލުކުރަމުން ދަނީ ޓޮއިލެޓް ރޯލްގައި ތަޅާ ގޮތަށް ކަމަށް ސިފަ ކުރެއްވޭކަމަށް ވެސް ނައިފަރު ދާއިރާގެ މެމްބަރ ވިދާޅުވިއެވެ. އެހެން ވިދާޅުވުމާއެކު އެމްޑީޕި ބައެއް މެމްބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައި ޝިޔާމު ދެއްކެވި ވާހަކަ ކުށްވެރިކުރައްވައި ފައެވެ.

މެމްބަރ ޝިޔާމް ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި 25 ބުރީގެ ހޮސްޕިޓަލެއް ބިނާކުރެވި ނޭވާލާ ނިޒާމުގެ މީހުންނަށް ފަރުވާ ދެވޭނެ ފުރިހަމަ އައިސީޔޫ އެތަނުގައި ހުރުމަކީ މިއަދު އުފާ ކުރައްވާ ކަމެއް ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.