މަސްތުވާ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ 4.5 މިލިއަން ރުފިޔާ ފުލުހުން ހިފަހަށްޓައިފި

މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ 4.6 މިލިއަން ރުފިޔާ ފުލުހުން ހިފަހައްޓައިފި އެވެ. މިއީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ފުލުހުން މާލޭގައި ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނާ ގުޅުންހުރި ފައިސާކަމަށް ފުލުހުން ވަނީ ހާމަކުރައްވައިފައެވެ.

އެ މައްސަލަގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އިސްކޮށްހުރި، ގދ. އަލޯރާ ހޯޑެއްދޫ އަރުޝަދު ޚާލިދު ޝަރުތުތަކާއެކު ކޯޓުންވަނީ ދޫކޮށްލާފައެވެ. ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. އިއްޔެ އޭނާ ކޯޓުން ދޫކޮށްލައިފައިވަނީ އެމައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އޭނާގެ މައްޗަށް ޑައަމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލުމަށް އިއްޔެގެ ވަގުތެއްގައި ކްރިމިނަލް ކޯޓަށް ހުށަހެޅުމަށް ނިންމާފައިވަނިކޮށެވެ. އަރުޝަދު ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި ޝަރުތުތައް ފުލުހުން ހާމައެއް ނުކުރެއެވެ. މިމައްސަލައިގައި ފުލުހުން ހައްޔަރުކުރި އިތުރު ތިން މީހެއްގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 10 ދުވަސް އިތުރުކޮށްފައިކަމަށް ފުލުހުން ގެބަޔާނުގައި ވެއެވެ. މި ތިން މީހުންނަކީވެސް ގދ. ހޯޑެއްދޫއަށް ނިސްބަތްވާ ތިން މީހުންނެވެ. އެއީ އެރަށު އިރުމަތީގެ، އަޙްމަދު ސުނައިން އާއި މެޑްރިޓްހައުސް އަޙްމަދު ޤިޔާސް އާއި ގުލޭނޫރަންމާގޭ ޢަލީ ޒުބައިރެވެ.

އަރުޝަދުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައިވާ ފައިސާ އަކީ، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަމަށް ތުހުމަތު ކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން އޭނާގެ އެކައުންޓުތައް ފްރީޒްކޮށްފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ. މިމައްސަލައިގައި ކުށުގެ ވެށިންވެސް ވަނީ ގިނަ ޢަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. ގާތްގަނޑަކަށް 4.6 މިލިއަން ރުފިޔާ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް މިމައްސަލައި ގެނެވިފައިވާކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން އަރްޝަދުގެ މައްސަލަ ތަޙްޤީޤްކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ 30 ވަނަ ދުވަހު ޑްރަޤް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކުން، އޭނާ އަކީ އިތުރުބަޔަކާ ގުޅިގެން ފުޅާދައރާއެއްގައި މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ، އެތަކެތީގެ ޓްރެފިކްކުރާކަމަށް ތުހުމަތު ކުރެވޭ މީހަކަށް ވާތީއެވެ.

މިމައްސަލައިގައި ބަލައިފާސްކުރުމަށްފަހު ފުލުހުން ވަނީ ނުވަކިލޯއަށްވުރެގިނަ ޑައެމޯފިން(ހެރޮއިން) އާއި ހަތަރު ގްރާމަށްވުރެގިނަ ކޮކެއިން އަތުލައިގެންފައިކަމަށް ފުލުހުންގެ ބަޔާނުގައި ވެއެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.