100 ށް 100 ދަރަންޏަށް ދިނުމަކީ ޢަދާލަތްތެރިކަމެއްނޫނެވެ. އެހެނެއްކަމަކު އެއީ އިޙްސާންތެރިކަމެކެވެ. އެއީ ދަރަނިދޭ މީހާ ދަރަނިނަގާ މީހާއަށް ކޮށްދޭ އިޙްސާންތެރިކަމެކެވެ. އޭނާ ވަގުތުގެ ބަދަލުގައި ( މުއްދަތަށް ) އެއްވެސް އެއްޗެއް އިތުރަކަށް ނުނަގައެވެ.
ފަހުން އަގު ދައްކާގޮތަށް އެއްޗެއް ވިއްކާއިރު 100 ށް 120 ނެގުމަކީ ޢަދްލުވެރިކަމެކެވެ.މިތާނގައި އިތުރު މި ކުރަނީ ވަގުތުގެ ބަދަލުގައެވެ.
ދަރަންޏަކީ ދަރަނިނަގާ މީހާއަށް ކޮށްދެވޭ ހެޔޮ ކަމެކެވެ. ފަސްކޮށް އަގު ދައްކާތީ އަގު ބޮޑުކޮށް ވިއްކުމަކީ ކޮށްދޭ ހެޔޮ ކަމެއްނޫނެވެ. ފަސްކޮށްދޭތީ އޭނާ އިތުރަށް އެބަ ފައިސާ ދައްކައެވެ.
ދަރަންޏަށް ދިނުން އިޙްސާންތެރި ކަމެއް
މިއަދު ދޭ 100 މީގެ އަހަރެއް ނުވަތަ ދުވަސްކޮޅެއް ފަހުން އަގުގެ ގޮތުން 100 ށްވުރެ ބޮޑުވެދާނެއެވެ. އިސްލާމީ ފިޤްހުގައި ވަގުތަކީ އަގުހުރި އެއްޗެކެވެ. ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ ވަގުތުގައި އެ ކަމެއް ކުރުމަކީ އަދާކުރުމެވެ. ވަގުތު ފާއިތުވިފަހުން ކުރުމަކީ ޤަޟާކުރުމެވެ. ފަޤީހުން ވިދާޅުވަނީ ( މިންވަރުގައި ހަމަހަމަވެއްޖެނަމަ) ފަސްކުރުމަށްވުރެ އަވަސްކުރުން ހެޔޮކަން ބޮޑުވެގެންވެއެވެ.
100 ށް 100 ދަރަންޏަށް ދިނުން ހުއްދަވަނީ އެއީ ދަރަނި ނަގާމީހާއަށް ކޮށްދެވޭ އިޙްސާންތެރި ކަމަކަށް ވާތީއެވެ. އަދި ކިއެއްތޯއެވެ؟ އެއީ މަންދޫބު ކަމެކެވެ. ފަހަރެއްގައި އެ ކަން ވާޖިބު ކަމަކަށް ވެސް ވެދާނެއެވެ.މާތްﷲ ވަޙީ ކުރައްވަނީ (لاَ تَظْلِمُونَ وَلَا تُظْلَمُونَ[1] – މާނައީ : (އިތުރުކޮށްގެން) ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި، (އުނިވުމުން) ތިޔަބައިމީހުންނަށް ވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.) މި ގޮތަށް ކުރީގެ ޢިލްމުވެރިން ތަފްސީރުކުރެއްވިޔަސް މިހާރުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ރަނގަޅު ތަފްސީރަކީ : އިތުރުކޮށްގެން ތިޔަބައިމީހުން އަނިޔާވެރި ނުވާ ގޮތަށެވެ. އަދި އެކަމުން ލިބޭ ސަވާބުވެސް އުނިނުވާ ގޮތަށެވެ. ދޭ ދަރަނީގައި ހިމެނޭ ވަގުތަކީ ގެއްލިގެންދާ އެއްޗެއް ނޫނެވެ. އެއީ ގެއްލިގެންދާ އެއްޗެއްނަމަ އެކަމަށް މާތް ﷲ ސަވާބެއް ނުދެއްވާނެތެވެ. ފަސްކޮށް އަދާކުރާ ގޮތަށް އެއްޗެހި ވިއްކާއިރު ، ވަގުތުގެ އަގު މާއްދީކޮށް ފެނެއެވެ.އެކަމަށް މާލީ ބަދަލެއް ލިބޭތީއެވެ.
ދަރަންޏަކީ އިސްލާމްދީނުގައި ފަޤީރުންނަށް ޚާއްޞަކުރައްވައިފައިވާ އެއްޗެކެވެ. މިއާ ޚިލާފަށް ފަސްކޮށް އަގު އަދާކުރާ ގޮތަށް ގަނެވިއްކުމަކީ ފަޤީރުންނާއި މުއްސަނދިން ވެސް ހިމެނޭ މުޢާމަލާތެކެވެ.
ދަރަނިދޭއިރު އުނިކޮށް ދަރަނި ދިނުމަކީ ހުއްދަ ކަމެކެވެ. 100 ދީފައި 80 އަތުލުމަކީ ރިބާއެއް ނޫނެވެ. އެހެނެއްކަމަކު އެއީ އިޙްސާންތެރިކަމުގެ މައްޗަށް އޮތް އިޙްސާންތެރިކަމެކެވެ. އެއީ ދަރަނިދިން މީހާގެ ރައުސްމާލުން 20 އުނިކޮށް ދޭ ދިނުމެކެވެ. އެހެންކަމުން އެ 20 ވާނީ ޞަދަޤާތަކަށެވެ. ދަރަންޏަށް އެ ދެވުނީ 80 އެވެ.
މި ދިން ދަރަނި މުއްދަތު ހަމަވިއިރު އަދާ ނުކުރެވިގެން މުއްދަތު އިތުރުކޮށްދިންނަމަ އެކަން ވާނީ ތިންވަނަ އިޙްސާންތެރިކަމަކަށެވެ. މުޅި ދަރަނި ކަނޑައިލައިދިންނަމަ އެ ކަން ވާނީ ހަތަރުވަނަ އިޙްސާންތެރިކަމަށެވެ. މި ޙާލަތުގައި މުޅި ދަރަނި ބަދަލުވެގެން އެ ދިޔައީ ޞަދަޤާތަކަށެވެ.ސަވާބު ލިބޭނީ އެ ހަތަރު އިޙްސާންތެރިކަމަށެވެ. މާތް ﷲ ރުއްސުނލެއްވި އަބޫ ޤަތާދަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. މާތް ﷲގެ ނަބިއްޔާ r ޙަދީސްކުރެއްވި އަޑު އެއްސެވީމެވެ. ( من نفَّسَ عن غريمِهِ أو مَحا عنهُ كانَ في ظلِّ العرشِ يومَ القيامةِ [2]- މީހެއްގެ އަތުން ނަގައިފައިވާ ދަރަންޏަކުން އޭނާގެ ދަރަނިވެރިޔާ ސަލާމަތްކޮށްދިން މީހާ ނުވަތަ އެ ދަރަނި މުޅިން ކަނޑައިލަދިން މީހާ ޤިޔާމަތްދުވަހު ޢަރްޝީގެ ހިޔާވަހިކަމުގައި ވާނެތެވެ.) ޙުޛައިފަތު ބުނުލް ޔަމާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ r ޙަދީސްކުރެއްވިއެވެ. ( أتى اللهُ بعبدٍ من عبادِهِ آتاهُ اللهُ مالًا فقال لهُ ماذا عملتَ في الدنيا قال : ياربِّ آتيتني مالَكَ فكنتُ أُبايِعُ الناسَ وكان من خُلُقِي الجوازُ فكنتُ أَتَيَسَّرُ على الموسرِ وأُنْظِرُ المُعْسِرَ فقال اللهُ أنا أحقُّ بذا منكَ تجاوزوا عن عبدي[3]- ﷲގެ އަޅުންގެ ތެރެއިން މުއްސަނދިކަން ދެއްވި އަޅަކު ޤިޔާމަތްދުވަހު ﷲގެ ޙަޟްރަތަށް ގެނެވޭނެއެވެ. އެހިނދު މާތް ﷲ ސުވާލު ކުރައްވާނެއެވެ. ތިމަން ރަސްކަލާނގެއަށް ޓަކައި ތިބާ ދުނިޔޭގައި ކުރީ ކޮންކަމެއް ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާއަށް މުދާ ދެއްވީމުއެވެ. އެހެންވެ މި އަޅާ މީސްތަކުންނާއެކު ވިޔަފާރިކޮށް އުޅުނީމެވެ. މިކަމުގެ ތެރޭގައި މީހުންނަށް މި އަޅާ ދޫދިނީމެވެ. ތަނަވަސް މީހަކަށްނަމަ ލުއިކޮށްދިނީމެވެ. އަތްމަތި ދަތިމީހެއްނަމަ އޭނާގެ ދަރަނި އަދާކުރުމަށް އިތުރު ވަގުތު ދިނީމެއެވެ. އެހިނދު މާތް ﷲ ވަޙީ ކުރައްވާނެއެވެ. ތިބާއަށްވުރެ ތިޔަގޮތަށް މުޢާމަލާތު ކުރުން އެންމެ ޙައްޤު ފަރާތަކީ ތިމަންރަސްކަލާނގެއެވެ.ތިޔަބައިމީހުން ތިމަންރަސްކަލާނގެ އަޅާ ދޫކޮށްލާށެވެ.އަދި ތިބާ ސުވަރުގެ ވަންނާށެވެ!)
ބައެއް ޙާލަތްތަކުގައި ދަރަނި ނަގާ މީހާއަށް ކޮށްދެވޭ އިޙްސާންތެރިކަމަކަށް ނުވާ ގޮތަށް ވެސް ދަރަނި ދޭ މީހާ ދަރަނި ދީފާނެއެވެ.އެއީ ދަރަނި ދޭ މީހާގެ މުދާ ރައްކައުތެރިކުރުމަށާއި ވަގުންގެ ކިބައިން ޙިމާޔަތް ކުރުމަށް ޓަކައި ފޮރުވަންދެނީއެވެ.މި ޙާލަތުގައި ދަރަނިދޭނީ މުއްސަންޖަކަށެވެ. މުއްދަތު ހަމަވީމާ ނުވަތަ ބޭނުންވީމާ އެ ދަރަނި ލިބިގަންނަ ގޮތަށެވެ. މިއީ އިޙްސާންތެރިކަން ހިމެނޭ ދަރަނި ދިނުމެއް ނޫނެވެ.އެހެނެއްކަމަކު އެއީ ޙިމާޔަތް ކުރުމެކެވެ. އެއީ ދަރަންޏަށް ދިނުން ކަމަކަށް ނުވާނެއެވެ.
[1] - ބަޤަރާ : 279
[2] - أخرجه أحمد (٢٢٥٥٩)، والدارمي (٢٥٨٩)، وعبد بن حميد في «المسند» (١٩٥)
[3] - أخرجه مسلم (١٥٦٤)، وابن أبي حاتم في «تفسيره» (٥٣٤٩)، والحاكم (٣١٩٧)