މަސައްކަތް މިކުރަނީ ވައުދު ފުއްދޭނެ ވަރުގެ ކައުންސިލަރުން ހޮވުމަށް: އެމްޑީޕީ

އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓގެ ޗެއާޕާސަން ޙަސަން ލަތީފް ވޯޓު ލައްވަނީ: ފޮޓޯ އެމްޑީޕީ

އެމްޑީޕީން މަސައްކަތް ކުރައްވަނީ ސަރުކާރުގެ ވައުދުތައް ފުއްދޭވަރުގެ ކައުންސިލަރުން ލޯކަލްކައުންސިލް އިންތިޚާބުގައި އެކިދާއިރާތަކަށް އިންތިޚާބު ކުރަން ކަމަށް އެޕާޓީން ބުނެފިއެވެ.

އެޖެންޑާ 19 ރަށަށް ކެމްޕޭނާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޗެއާޕާސަން ޙަސަލް ލަތީފު ވިދާޅުވީ ފާއިތުވި ހަފްތަގައި މިކެމްޕޭނުގެ ހަރަކާތްތައް މިހާރުވަނީ ވަރަށް ކާމިޔާބު ކަމާއެކު ތިލަންދުންމަތީގައި ހިންގާފައި ކަމަށެވެ. އަދި މިމަހު 23 އިން 25 އަށް އެޖެންޑާ 19 ގެ ދަށުން އެމްޑީޕީން މުޅިރާއްޖޭގައި ކެމްޕޭން ފަށާނެ ކަމަށް ޗެއާޕާސަން ވިދާޅުވިއެވެ.

ޙަސަން ލަތީފު ވިދާޅުވީ 2018 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީންވީ ވައުދުތައް ރައްޔިތުން ގަބޫލުކުރައްވައި އެމްޑީޕީއަށް ވޯޓު ދެއްވައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް ކަމަށް ހޮއްވައިދެއްވައިފައިވާ ކަމަށެވެ. އެއާއެކު  އުފެދުނު ސަރުކާރުން ރައްޔިތުންނަށްޓަކައި ބައިވަރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވަނީ މަޖިލިސް އިންތިޚާބު ކުރިމަތިވި ކަމަށާއި އެއިންތިޚާބުގައި ވެސް ރައްޔިތުންވަނީ އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ކަށަވަރު ކޮށްދެއްވައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"މަޖިލިސް އިންތިޚާބުގައިވީ އެއްވައުދަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގާނެ ކަމުގެވައުދު. އަދި އެގޮތަށް ރާއްޖެ ހިނގާއިރު ކައުންސިލްތަކަށް އިންތިހާއަށް ބާރުތައް ދޫކޮށްލާނެ ކަމަށް ވެސް ވައުދުވެފައިވާނެ.  މަޝްރޫއު ހިނގުމަށް އެތައްގުނައެއް ބޮޑު ބަޖެޓުދޭނެ ކަމަށްވެސް ބުނެފައިވާނީ،" ޗެއާޕާސަން ވިދާޅުވިއެވެ.

އެއަށްފަހު ރައްޔިތުންގެ ކިބައިން މިހާރު އެދެމުންދަނީ އޭރުއެވީ ވައުދު ފުއްދުމަށް ކައުންސިލްތައް ބާރުވެރިކުރުވައި ރައްޔިތުންނަށް އެދޭން ވައުދުވި ޚިދުމްތް ދެވޭ ވަރުގެ ކައުންސިލަރުން ހޮއްވަވައި ދެއްވުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެޖެންޑާ 19 ރަށަށް ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަކީ އެ ކެމްޕޭން ކަމަށް ޙަސަން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.