އެންމެމޮޅު ސްކޫލަށް އިއްޒުން ދީން ސްކޫލް ނުހެދެންވީ ސަބަބެއްނެތް: އެޑިޔުކޭޝަން މިނިސްޓަރ

މިއަދު މާލޭގައި ހުޅުވި ޢިއްޒުއްދީން ސްކޫލަކީ ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ނުހެދެންވީ ސަބަބެއްނެތް ކަމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ އެސްކޫލް ހުޅުވުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. "ހައަޅުގަނޑުގެ ނަޒަރުގައި، ރާއްޖޭގެ އެންމެ މޮޅު ސްކޫލަށް ޢިއްޒުއްދީން ސްކޫލް ނުހެދެންވީ ސަބަބެއް ނެތް. ސްކޫލެއް މޮޅުވެފައި މަތިވެރިވެރިވަނީ އެތަނުގެ ދަރިވަރުންގެ ޢަދަދަކުން ނޫން. އެތަނުގެ ޢުމްރާނީ ވަސީލަތްތަކުގެ ބޮޑުކަމަކުން ނޫން. އެންމެ އަގުބޮޑު ޖަވާހިރަކީ އަލިމަސް. ނަމަވެސް، އެއީ ވަރަށް ކުޑަ ކުޑަ އެއްޗެއް. ސްކޫލެއް ކާމިޔާބުކޮށް ހިންގުމުގެ އެންމެ ބޮޑު ބަހާއަކީ، އެ ސްކޫލެއްގެ އޮންނަ އީތޮސް. އީތޮސް އަކީ ސްކޫލެއްގައި ޤާއިމްކުރާ އާދަކާދަތަކާއި ރޫޙް ގެ ސަބަބުން، ކަންކަމާމެދު ދެކޭގޮތާއި ކުރެވޭ އުއްމީދު،" މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލެއް އަލަށް ހިންގަން ނާޒިރުންނާއި މުދައްރިސުންނަށް ލިބެނީ މަދު ފަހަރަކު ކަމަށާއި، ޢިއްޒުއްދީން ސްކޫލް ފެށޭ އިރަކީ އެފަދަ  ކާމިޔާބު "އީތޮސް އެއް" ސްކޫލްގައި ޤާއިމްކުރަން ލިބޭ ނާދިރު ފުރުޞަތެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިފުރުސަތުގެ ބޭނުން ސްކޫލްގެ މުވައްޒަފުން، ފުރިހަމަ ގޮތުގައި ބޭނުން ކުރާނޭ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

 އެކަމަނާ ވިދާޅުވީ ކުރިއަށްއޮތް ދެތިން އަހަރު ދުވަހުގެ ތެރޭގައި، ޢިއްޒުއްދީން ސްކޫލަކީ ސަރަޙައްދުގެ ގަދަ ތިނެއްގެ ތެރޭގައި ހިމެނޭ ސްކޫލަކަށް މުވައްޒަފުންނާއި ދަރިވަރުން ހަދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އެދެނީ ޢިއްޒުއްދީން ސްކޫލްގެ ކޮންމެ ދަރިވަރަކީ، އަލިމަހެއް ފަދައިން ބަބުޅާ، އަލި ގަދަ، ކޮންމެ ޒަމާނެއްގައި  ކޮންމެ މަކާނެއްގައި ވެސް އަގުބޮޑު އެންމެން އެއަށް އެދޭ ޖަވާހިރަކަށް ވުން،" މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.