ބޭނުންވާ ވަރަކަށް ދިވެހި މަސައްކަތު މީހުން ހޯދުމަކީ މިހާރަކު ކުރެވޭނޭ ކަމެއް ނޫން: މައްލާ ނާޞިރު

ރާއްޖޭގެ ބާޒާރަށް ބޭނުންވާ ވަރަކަށް ދިވެހި މަސައްކަތު މީހުން ހޯދުމަކީ މިހާރަކު ކުރެވޭނޭ ކަމެއް ނޫން ކަމަށް ލިލީ އެންޓަރޕްރައިޒަސްގެ މެނޭޖިންގ ޑިރެކްޓަރ މައްލާ އަޙްމަދު ނާޞިރު ވިދާޅު ވެއްޖެއެވެ. އާފަތިހާ ވާހަކަފުޅު ދައްކަވަމުން ނާޞިރު ވިދާޅުވީ ގޮތުގައި އެއީ އެއްބަޔަކު އަނެއް ބަޔަކު ކުށްވެރިކޮށްގެން ހަމަޖެއްސޭން އޮތް މައްސަލައެއް ނޫނެވެ. މައްސަލައިގެ ހަގީގީ ސަބަބު ބަދަލު ކުރުމަކީވެސް ފަސޭހަ ކަމެއް ނޫނެވެ.

"ކޮބައިތޯ ހަގީގީ ސަބަބަކީ؟ ވިކަން ވިސްނަވަބައްލަވާ. ކޮންމެ އަހަރަކު އޯލެވެލް ހަދައިގެން ހައެއްކަ ހާސް ކުދިން އެބް ނިކުމޭ.  އޭގެ ތެރެއިން އަށްޑިހަ އިންސައްތަވަރު މަތީ ތައުލީމު ހާސިލު ކުރާން ފަށާ. ނުވަތަ މަތީ ތައުލީމު ހާސިލު ކުރާން ބޭނުންވޭ. އެއީ ކުދިންގެވެސް އުއްމީދު. މައިންބަފައިންގެވެސް އުއްމީދު. އެހެންވީމާ ވަޒީފާގެ ބާޒާރަށް މި ލިބެނީ ވިހި އިންސައްތަ ކުދިން." ނާޞިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގޮތުގައި އެ ވިހި އިންސައްތައިން އެންމެ އިންސައްތައެއްވެސް ރިސޯޓެއްގެ ގޮނޑުދޮށް ކުނިކަހާ ވަޒީފާއެއް ބޭނުމެއް ނުވެއެވެ. "އެއީ  އެކަން ވާނެ ގޮތް ނޫންތޯ؟ އަޅުގަނޑުވެސް ބޭނުމެއް ނުވާނެ އަޅުގަނޑުގެ ދަރިފުޅު އޯލެވެލް ނިންމީމާ ރިސޯޓަކަށް ކުނިކަހަން ފޮނުވާކަށް."

ނާޞިރު ވިދާޅުވީ ގޮތުގައި ރާއްޖޭގެ އެކި ސިނާޢަތްތައް ހަލުވިކަމާއެކު ކުރިއަރަމުން ދާއިރު އެކި ކަންކަމަށް ބޭނުންވާ މުވައްޒަފުން ހޯދުން ވެފައި ވަނީ ބޮޑު ގޮންޖެހުމަކަށެވެ. މަސައްކަތު މީހުން މަދުވުމުގެ އިތުރަށް ވަޒީފާ ލިބުން ފަސޭހަ ވުމަކީވެސް މައްސަލައެއް ކަމަށް ނާޞިރު ފާހަގަ ކުރެއްވިއެވެ.

"މި އޮފީހުގައި އުޅޭ ކުއްޖާ ކެނޑިގެން ގޮސް ޖެހިގެން އެހެރަ އޮފީހަށް ވަނީމާ ވަޒީފާއެއް އެބަ ލިބޭ. އޭނާ މި އޮފީހުން ކެނޑިގެން ދަނީ މައްސަލައެއް އޮވެގެން ކަމަށް ނުވާތީ މި ތަނުން ދޭ ލިޔުން އޮންނަނީ ނުލާހިކު ރީތިކޮށް. އަދި ބައެއް ފަހަރަށް މައްސަލައެއް ޖެހިގެން ކެނޑުނަސް، އެއީ މާ ވިޔާނުދާ މައްސަލައެއް ކަމަށް ނުވަންޏާ ލިބޭ ލިޔުން އޮންނަނީ ނުލާހިކު ރީތިކޮށް." ނާޞިރު ވިދާޅުވިއެވެ.

ނާޞިރުދެކެވަޑައިގަންނަވާ ގޮތުގައި ވަޒީފާގެ ބާޒާރު ހަމަޔަކަށް އެޅުވުމަކީ ގިނަ ދުވަހުން، ރަނގަޅު ރޭވުމަކާއެކު ކޮށްގެން ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. "އަބަދުވެސް ފެންނަނީ ކޮންމެވެސް އެހެން ބަޔަކު ކުށްވެރި ކުރެވޭ މަންޒަރު. އެއީވެސް އެފަދަ ދަނޑިވަޅެއްގައި ކޮށްގެން ނުވާނޭ ކަމެކޭ އަޅުގަނޑެއް ނުދަންނަވަން. އެކަމަކު މައްސަލައެއް ހައްލު ކުރާން އޮންނަ ގޮތަކީ އެއީއެއް ނޫން."

ނާޞިރު ވިދާޅުވީ ގޮތުގައި މައްސަލަ ހައްލު ކުރެވޭނީ މި ޒަމާނުގެ އިލްމީ ސިކުނޑިތަކުގެ ބޭނުން ކޮށްގެން އެހެން ގައުމުތަކުގެ ތަޖުރިބާގެ އެހީއާއި އަޅުގަނޑުމެންގެ އަމިއްލަ ތަޖުރިބާގެ އެހީގައި ބުރަ މަސައްކަތްތަކެއް ކޮށްގެންނެވެ. "މިހާރު ރާއްޖޭގައި އެބަތިބި ދުނިޔޭގެ އެހެން ގައުމުތަކުގައި ތިބި ފެންވަރުގެ ޢިލްމީ މީހުން. ރާއްޖޭގެ ހާލަތު އެކި ދުވަސްވަރު ބަދަލު ވެގެން ދިޔަ ގޮތް ރީތިކޮށް ދުށް ތަޖުރިބާކާރުން އެބަތިބި. މި ދެބައިއެއްކޮށްލައިގެން މަސައްކަތްތަކެއް ކުރެވިއްޖެއްޔާ ލުއި މަގެއް ފެނުމަކީ ނުވާނޭ ކަމެއް ނޫން." އަޙްމަދު ނާޞިރު ވިދާޅުވިއެވެ.

މައްލާ އަޙްމަދު ނާޞިރަކީ ލިލީ އެންޓަރޕްރައިޒަސް އާއި ލިލީ ޝިޕިންގ އެންޑް ޓްރޭޑިންގ ގެ މެނޭޖިން ޑިރެކްޓަރެވެ. އަދި  ލިލީ އިންޓަރނޭޝަނަލް އާއި ލިލީ ހޮޓެލްސް ގެ ޑިރެކްޓަރެކެވެ. ލިލީބީޗް ރިސޯޓާއި ހައިޑްއަވޭ ބީޗް ރިސޯޓަކީ ލިލީ ހޮޓެލްސްގެ ފަރާތުން ހިންގާ ދެ ރިސޯޓެވެ. އާދައިގެ މަސައްކަތުން ފެށިގެން ބުރަ މަސައްކަތް ކުރައްވައިގެން ކުރިއަށް ވަޑައިގަތް ކާމިޔާބު ވިޔަފާރިވެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.