ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙާއެކު ކައުންސިލްތަކަށް ބާރުވެރިކަންލިބި އިދާރީ ހިންގުމަށް ބޮޑު ބަދަލެއް މިއަހަރު ތެރޭގައި އަންނާނެއެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީއުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެވުނު މައިގަނޑު އެއް އިޞްލާޙަކީ ކައުންސިލްތަކުގެ ޢުމުރު ތިން އަހަރުން 5 އަހަރަށް އިތުރުކުރުމެވެ. އަދި ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަކޮށްދިނުމެވެ. އަދި ކައުންސިލްތަކުން އަންހެނުންނަށް ކަނޑައެޅި 33 އިންސައްތައިގެ ސަބަބުން އަލަށް އިންތީޚާބުވާ ކައުންސިލްތަކުގައި އަންހެނުންގެ ޙިއްސާ އިތުރުވެގެން ދިއުމެވެ.
ކައުންސިލްގެ އިޚްތިޞާސް ހިނގާ ސަރަޙައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ވެސް ޤާނޫނަށް ގެނެވުނު އިސްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ. ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ އެންމެހާ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކްވެރިކަމަށް ބަދަލުވެގެންދާނެ އުޞޫލުތައްވެސް ޤާނޫނުގައި ވަނީ ކަނޑައޅައިފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައްވެސް އިންތިޚާބުވާއިރު މެމްބަރުންނަށް އުޖޫރައެއް ދިނުމަށް ވެސް ވަނީ ކަނޑައެޅިފައެވެ. އަންހެނުން ކޮމެޓީތަކަށް ވަކި ބަޖެޓެއްދީ އޮފިސްހިންގާނެ ތަނެއް ހަމަޖައްސައި ދިނުންފަދަ އިންތިޒާމުތައް ހަމަޖައްސައިދޭން ޖެހެނީ ކައުންސިލްތަކުންނެވެ.
1.6 ބިލިއަންރުފިޔާ ގެ ބަޖެޓާއެކު މާލީގޮތުން ވެސް ބާރުވެރިކަން!
ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތައް މާލީގޮތުން ބާރުވެރި ކުރުމަށް ހިލޭ އެހީގެ ގޮތުގައި ފައިސާ ދިނުމަށް 2020 ގެ ބަޖެޓްގައި ވަނީ ކަނޑައަޅުއްވައިފައެވެ. ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމަށް 6.1 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. މިއީ މިދިޔަ އަހަރުގެ ބަޖެޓުގަވާ 656 މިލިއަން ރުފިޔާއަށް ވުރެ 4.2 ގުނަ އިތުރު އަދަދެކެވެ. ކައުންސިލުތަކަށް ހިލޭ އެހީ ދޫކުރަން ފެށުމުން، ފަސް ސަތޭކައަށްވުރެ ދަށުގެ އާބާދީގެ ރަށްރަށަށް ވެސް ހިލޭ އެހީގެ ގޮތުގައި އެވްރެޖުކޮށް ހަތަރު މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓް ހުށަހަޅުއްވަމުން މާލީ ވަޒީރު ވަނީ ފާހަގަ ކުރައަވައިފައެވެ. މި ބަދަލާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ބައެއް މަސައްކަތްތަކާއި، މިނިސްޓްރީތަކުގެ ދަށުން ހިންގާ ކުދި މަޝްރޫޢުތައް ކައުންސިލުތަކުގެ ދަށަށް ގެންދެވޭނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްތައް ފޯރުކޮށްދިނުމުގެ މަގު ތަނަވަސްވެގެންދާނެކަމަށްވެސް މާލީ ވަޒީރު ފާހަގަކުރެއްވިއެވެ. ހިލޭ އެހީގެ އިތުރުން ބިމާއި، ރަށްރަށާއި، ފަޅާއި، ފަރު ފަދަ ތަންތަނުން ކުލީގެ ގޮތުގައި ލިބޭ އާމްދަނީގެ 40 އިންސައްތަ ވެސް ކައުންސިލްތަކަށް ލިބޭނެއެވެ. މީގެއިތުރުން ކައުންސިލުތަކުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކުގެ ފީގެ ގޮތުގައި ލިބޭ އާމްދަނީ ވެސް އެއީ ކައުންސިލުތަކަށް ލިބޭނެ އާމްދަނީއެކެވެ.
އިދާރީގޮތުން ގެނެވުނު ބަދަލާއެކު ސަރުކާރުގެ އުއްމީދުތައް އިންތިހާއަށް!
އާ އަހަރާ ގުޅިގެން ދިވެހި ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި ވަނީ ރާއްޖޭގެ އިދާރީ ހިންގުމަށް މިއަހަރު އަންނާނެ ބޮޑު ބަދަލާއެކު އުއްމީދީ ޝުޢޫރުތަކެއް ފާޅުކުރައްވައިފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގެ ޙަޔާތުން މުޅިން އައު އަހަރަކާ މި ކުރިމަތިލަނީ، ދައުލަތް ހިންގުމުގެ ނިޒާމަށް ގެނެވުނު ވަރަށް ބޮޑެތި ބަދަލުތަކަކާ އެކުގައި ކަމަށެވެ. އެ ބަދަލުތަކުން އަޅުގަނޑުމެންނާ ދެން ކުރިމަތިލާނީ، ރައްޔިތުން ބާރުވެރި ކުރުމުގެ މުޅިން އައު މަރުޙަލާއެއްކަމަށެވެ. އަޅުގަނޑުމެންނާ ދެން ބައްދަލުކުރާނީ، ރައްޔިތުން ބޭނުންވާ ގޮތަށް، މުޅި ރާއްޖެ ތަރައްޤީ ކުރުމުގެ މުޅިން އައު ފެށުމެއްކަމަށެވެ. ދިވެހިން ދެކެން ފަށާނީ، މުޖްތަމަޢުގައި އަންހެނުންނަށް ޙައްޤުވާ މަޤާމު ލިބިދީ، އަންހެނުން ބާރުވެރިވެގެންދާ، މާ އުފާވެރި ދުވަސްތައްކަމަށެވެ.
"މީގެ 16 ދުވަސް ކުރިން، އަޅުގަނޑު ތަޞްދީޤުކުރި، ލާމަރުކަޒީ ޤާނޫނު އިޞްލާޙު ކުރުމުގެ ބިލް މިހާރު އެވަނީ ޤާނޫނަކަށް ވެފައެވެ. އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، ފުރިހަމަ މާނައިގައި ރާއްޖެ ލާމަރުކަޒީވެގެން ދާނެއެވެ. ޖަޒީރާވަންތަ ރާއްޖެއެއްގެ ގޮތުގައި، ރާއްޖެ ތަރައްޤީ ކޮށްދިނުމަށް ރައްޔިތުން އެދުނު އެދުމާ އެއްގޮތަށް، އެކަން ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި ބާރު، ރައްޔިތުންގެ އަތްމައްޗަށް ދީ، މާލީ ގޮތުންނާއި އިދާރީ ގޮތުން، ކައުންސިލްތަކަށް މިހާރު އެވަނީ ފުރިހަމަ މިނިވަންކަން ދެވިފައެވެ." ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައު ފާހަގަކުރައްވައިފައި ވެއެވެ.
އިދާރީ ހިންގުމަށް ގެނެވޭ މުހިންމު ބަދަލުތަކާއެކު، ތަރައްޤީގެ ރާސްތާގައި، މުޅި ދިވެހި އުންމަތް، ހަލުވި ފިޔަވަޅުތަކެއް އަޅަން ފެށުމަކީ، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ކުރައްވާ ވަރަށް ބޮޑު އުންމީދެކެވެ.
"މިފެށުނު އަހަރުގައިވެސް ދައުލަތުގެ ކޮންމެ މުއައްސަސާއަކުން، އަދި ދައުލަތުގެ މަޤާމެއްގައި ހުރި ކޮންމެ މީހަކުމެ، ގަދައަޅައި މަސައްކަތް ކުރަންވީ، ރައްޔިތުންގެ މަޞްލަޙަތު އިސްކޮށް، ޤާނޫނުގެ ވެރިކަން ދަމަހައްޓައި، ޞުލްޙަޔާއި އަމާންކަމުގެ މާޙައުލެއްގައި، ތަރައްޤީގެ މުޅިން އައު މަރުޙަލާއަކަށް ރާއްޖެ ގެންގޮސްދިނުމަށެވެ" ރައީސްގެ އާއަހަރުގެ މެސެޖްގައި އިލްތިމާސް ކުރައްވައިފައިވެއެވެ.
2020 ގައި އަންނަ ބޮޑު ބަދަލަށް ތައްޔާރުބާ!
އިދާރީ ހިންގުމަށް މިއަހަރުތެރޭގައި ބޮޑު ބަދަލެއް އައިސް އިތުރު ޒިންމާތަކެއް ކައުންސިލްތަކަށް މަތިވާއިރު އެކައުންސިލްތަކުން އޮތީ މިއަންނަ ބޮޑު ބަދަލަށް ތައްޔާރަށްތޯ، މިއީ އުފެދޭ ސުވާލެކެވެ. ރާއްޖޭގެ ގިނަ ކައުންސިލް ތަކަކީ ވަރަށް މަދު އާބާދީތަކަކަށް ނިސްބަތްވާ ކައުންސިލްތަކެވެ. އެތަންތަނުގެ އިދާރީ ހިންގުމާއި އިންސާނީ ވަޞީލަތްތައްވެސް ހުރީ ވަރަށް އާދައިގެ ގޮތެއްގައެވެ. އެހެންކަމުން ކުއްލިއަކަށް މިފަދަ ބޮޑު ޒިންމާތަކެއް އުފުލުމަކީ ކުދި އާބާދީތައް ހިމެނޭ ކުދި ކައުންސިލްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށްވެސް ވެދާނެއެވެ.
އެގާރަ ސަތޭކައެއްހާ މީހުންގެ އާބާދީ ހިމެނޭ ފިއްލަދޫގެ ކައުންސިލްގެ ރައީސް މުޙައްމަދު ފަލާޙު ވިދާޅުވީ އިންސާނީ ވަޞީލަތްތައް އެރަށުގެ ކައުސިލްގައިވެސް ހުރީ ވަރަށް ދަށްކޮށްކަމަށެވެ. ގިނަ ޒިންމާތަކަކާއި މަސްޢޫލިއްޔަތުތަކަކާއެކު ބަޖެޓް ބެލެހެއްޓުންފަދަ ފަންނީ މަސައްކަތްތައް ކައުންސިލަށް މަތިވާއިރު އެކަމަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހޯދުމަކީ ކޮންމެހެން ކުރައްވަންޖެހޭނެކަމެކެވެ. މިހާރު އެކައުންސިލް ހިންގަމުންދަނީ ހަތަރު މުވައްޒަފުންނާއެކު ގައެވެ. މާލީ ހިސާބުތައް ބަލަހައްޓާ މާލީބަޔާންތައް ތައްޔާރުކޮށް ހެދުމުގައި ފަންނީ މީހުންގެ އެހީތެރިކަން ކުދި ކައުންސިލްތަކަށް ބޭނުންވާނެއެވެ. އެފަދަ ފަންނީ މީހުން އެއާބާދީ ތަކުން ހޯދުމަކީވެސް ދަތިކަމަކަށް ވެދާނެއެވެ. އަންހެނުން ކޮމެޓީތަކަށް ވަކި ބަޖެޓެއްދީ އޮފީސްހިންގާނެ ތަނެއް ހަމަޖައްސައި ދިނުންފަދަ އިންތިޒާމުތައް ޤާނޫނުގައި ބުނާގޮތުން ހަމަޖައްސައިދޭން ޖެހެނީ ކައުންސިލްތަކުންނެވެ. އެކަން ޤާނޫނުން ލާޒިމް ކޮށްފައިވާއިރު އަންހެނުން ކޮމެޓީތައް އިންތިޚާބުވާން ވާއިރަށް އެފަދަ ވަޞީލަތްތައް ހޯދުމަކީ ވެސް ބައެއް ކައުންސިލްތަކަށް ގޮން ޖެހުމަކަށް ވެދާނެއެވެ.
އިދާރީ ހިންގުމަށް މިއަންނަ ބޮޑު ބަދަލަށް ކައުންސިލަރުން އަހުލުވެރިކުރުމަށް މިދިޔަ ޑިސެމްބަރު މަސްތެރޭގައި ސަރުކާރުން ވަނީ ޚާއްޞަ ކޮންފަރެންސެއްވެސް ބާއްވައިފައެވެ. އެކޮންފަރެންސުން ލިބުނު މަޢުލޫމާތުތަކުން، އަންނަ ބަދަލަށް އަހުލުވެރި ވުމަކުން އެކަނި މިބޮޑު ބަދަލަށް ކުރިމަތި ލުމުގެ ޤާބިލްކަން ކައުންސިލްތަކަކަށް ނުލިބޭނެވެ. ކައުންސިލްތަކަށް ބޭނުންވާ އިންސާނީ ވަޞީލަތްތައް ހޯދައިދިނުމުގައި ވެސް އެހީތެރިކަން ފޯރުކޮށްދީ އެކަމަށް މުވައްޒަފުންވެސް އަހުލުވެރި ކުރަންޖެހޭނެއެވެ. ނޫންނަމަ ސަރުކާރުން ބޭނުންވާ ގޮތަށް ރައްޔިތުނާ ގާތުން އެކަށީގެންވާ ޚިދުމަތެއް ފޯރުކޮށެއް ނުދެވޭނެއެވެ. ކަރުދާހުން ނުވަތަ އިދާރީ ގޮތުން މިގެނެވޭ ބަދަލަކުން އެކަނި ރައްޔިތުންގެ އުއްމީދުތައް ޙާޞިލެއް ނުކުރެވޭނެއެވެ.