ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޑިސްކަޝަންގައި ޗީފް އޮފް ޑިފެންސް ފޯސް އިތުރަށް ވާހަކަފުޅު ދައްކަވަމުން، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފުކަމަށް ވިދާޅުވެފައިވެއެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އަދި ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޤައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުތަކާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ބޭއްވި މި ޑިސްކަޝަން ގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި މި ޑިސްކަޝަންގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
(ޚަބަރު: އެމްއެންޑީއެފް)