މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް އިސްލާހުތަކެއް ގެނެސްފި

ދައުލަތުގެ ޓެކްސް އިދާރާ މީރާގެ އެންފޯސްމަންޓް ޕޮލިސީއަށް އިސްލާހުތަކެއް ގެނެސްފި ކަމަށް އެތުން ވިދާޅުވެއްޖެއެވެ. މި އިސްލާހު ގެންނެވީ މީރާއަށް ދައްކަންޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ދެއްކުމަށް ދަތިވެފައިވާ ފަރާތްތަކަށް ފައިސާ ދެއްކުން އިތުރަށް ފަސޭހަކޮށްދިނުމުގެ މަޤުސަދުގައި ކަމަށް އެތަނުން ވިދާޅުވިއެވެ.

މީރާއިން ގެނެސްފައިވާ މި އިސްލާޙުތަކަށް މިއަދުން ފެށިގެން ޢަމަލު ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޕޮލިސީގައި މިހާތަނަށް ފައިސާ ނުދެއްކިވާ ފަރާތްކަށް ދެވޭ ޚާއްސަ އިނާޔަތެއްގެ ގޮތުގައި މިއަދު  (1 ޑިސެމްބަރުން ފެށިގެން) 29 ފެބުރުއަރީ 2020 ގެ ނިޔަލަށް އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި މުއްދަތުގެ ތެރޭގައި އިންސްޓޯލްމެންޓް އުސޫލުން ފައިސާ ދެއްކުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ޢާއްމުކޮށް އިންސްޓޯލްމެންޓް ދިނުމުގައި ދައްކަންޖެހޭ ކޮމިޓްމެންޓް ޕޭމަންޓަށްވުރެ ކުޑަ ކޮމިޓްމެންޓް ޕޭމަންޓެއް ދެއްކުމުން އިންސްޓޯލްމެންޓް އެއްބަސްވުމަށްކަމަށް އާދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި ޢާއްމު އުސޫލުން އިންސްޓޯލްމެންޓް ހަމަޖައްސައިދެވޭ މުއްދަތަކަށްވުރެ ދިގު މުއްދަތަކަށް އިންސްޓޯލްމެންޓުގެ މުއްދަތު ދެވޭގޮތަށް ހަމަޖެހިފައިވާ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް އެންފޯސްމަންޓް ޕޮލިސީއަށް ގެނެވުނު އިސްލާހުގެ ދަށުން އުވާލައިފައިވާ ވިޔަފާރިތަކަށް ވެސް ނުދެއްކިފައިވާ ފައިސާ އިންސްޓޯލްމެންޓްގެ ދަށުން ދެއްކުމަށް ލުއިގޮތްތަކެއް ހަމަޖައްސައި ދިނުމާއި މިނޫންވެސް ލުއިގޮތްތަކެއް ޓެކްސް ދައްކާ ފަރާތްތަކަށް ދެވިފައިވާ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.