އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ޖަމާއަތަކުން ރައީސު ޓްރަމްޕުގެ ރިސޯޓުގައި ބައްދަލުވުމެއް ބާއްވަނީ

ރައީސު ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓު މާރް-އަ-ލާގޯ

އެމެރިކާ މީހުންގެ މެދުގައި ފާޅުގައި އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ ކަމަށް މަޝްހޫރުވެފައިވާ ޖަމާއަތަކުން ފްލޮރިޑާގައި އޮންނަ ރައީސު ޑޮނާލްޑް ޓްރަމްޕްގެ އަމިއްލަފުޅު ރިސޯޓޫ މާރް-އަ-ލާގޯ ގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.

އެމެރިކާގެ ސަރުކާރުގެ މަގާމުތަކުގެ ތެރެއަށް ހައްދު ފަހަނައަޅާއިފައިވާ މުސްލިމުން ފުރޭނިގެންފައިވާ ކަމަށް ބުނެ އިސްލާމްދީނާ މެދު އެމެރިކާ މީހުންގެ މެދުގައި ނަފުރަތު އުފައްދާ ޖަމާއަތް، ސެންޓާ ފޯ ސެކިއުރިޓީ ޕޮލިސީ (ސީއެސްޕީ) ގެ ޗީފް އެގެޒެކެޓިވް، އަދި 2018 ވަނަ އަހަރުގެ ތެރޭގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ޗީފް އޮފް ސްޓާފްގެ މަގާމުގައި ހުރި ފްރެޑްރިކް ފްލައިޒް ވަނީ 200 މީހުން ބައިވެރިވާ އަހަރީ ބައްދަލުވުން ފްލޮރިޑާގެ ޕާމް ބީޗްގައި އޮންނަ އެރިސޯޓުގެ ބޭއްވުމުގެ ހުއްދަ މިހާރު ލިބިފައިވާ ކަމުގައެވެ.

އެޖަމާއަތުން 'ފްރީޑަމް ފްލޭމް އޮވާޑް' ގެ ނަމުގައި ހަފުލާ ބޭއްވުމު އަގުގެ ގޮތުގައި ދައްކާ 53 ހާސް ޑޮލަރު ލިބޭނީ ޓްރަމްޕް އޮގަނައިޒޭޝަނަށެވެ.

ސީއެސްޕީން އަބަދުވެސް މަސައްކަތްކޮށްފައި ވަނީ އިސްލާމްދީނާ އަދި މުސްލިމުންނާ އަސާސެއް ނެތް ވާހަކަތައް ފަތުރައިގެން މުސްލިމުންނަކީ ނުރައްކާތެރި ނުލަފާ ބައެއްކަން އެމެރިކާ މީހުންނަށް ދެއްކުމަށެވެ. އެމެރިކާގެ ކުރީގެ ރައީސު ބަރަކް އޮބާމާއަކީ މުސްލިމެއް ކަމަށް ބުނެ އަސާސެއް ނެތް ވާހަކަ ފެތުރީވެސް މި ޖަމާއަތުންނެވެ.

އެމެރިކާގައި މުސްލިމުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމާއަތް ކައުންސިލް އޮފް އެމެރިކަން އިސްލާމިކް ރިލޭޝަންސް (ސީއައިއޭއާރް) އިން ވަނީ މި ހަފުލާ ބާއްވަން ޓްރަމްޕުގެ ރިސޯޓު ކުއްޔަށް ދީފައި ވާތީ އެކަން ކުށްވެރިކޮށްފައެވެ.

"އެ ޖަމާއަތަކުން ދީނެއް އެކުގައި ނުބައި ނުލަފާ އެއްޗެއްގެ ގޮތުގައި ދައްކައި ފައިސާ ހޯދާ، އަދި އެޖަމާއަތެއްގެ ބާނީ، ކުރީގެ ރައީސު ބަރަކް އޮބާމާއަކީ މުސްލިމެއް ކަމަށް ބުނުމާއި، މިސްކިތްތަކަކީ ހުޅަނގުގެ ހަޟާރަތް ފުނޑުފުނޑުކޮށްލަން މަސައްކަތްކުރާ ތަންނޭ ބުނުން ފަދަ ހަގީގަތެއް ނެތް ވާހަކަ ފަތުރައިގެން މަޝްހޫރުކަން ހޯދާ ޖަމާއަތަކުން އެމެރިކާގެ ރައީސު މަންފާ ހޯއްދަވައިގެން ނުވާނެ." ސީއައިއޭއާރްގެ ގަވަރމެންޓް އެފެއަޒް ޑިރެކްޓަރ ރޮބަޓް މެކްކޯ ވިދާޅުވިއެވެ.

ރައީސު ޓްރަމްޕްއަކީ އިސްލާމްދީނާ މެދު ނަފުރަތު އުފައްދާ މިފަދަ ޖަމާމައަތްތަކާ ގުޅުން ބާއްވަވާ، އެ ޖަމާއަތްތަކުގެ އިސް ވެރިންނަށް ސަރުކާރުގެ މަގާމުތައް ދެއްވާ ބޭފުޅެކެވެ. ފްރެޑްރިކް ފްލައިޒް ނޫނަސް އެފަދަ ހައްދު ފަހަނައަޅާފައިވާ މީހުން ރައީސު ޓްރަމްޕު ސަރުކާރުގައި ތިބި ކަމަށް ވާހަކަ ދެކެވެއެވެ. މި އަހަރުގެ ޖަނަވަރީ މަހުން ސެޕްޓެންބަރު މަހަށް އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަދި ޖޯން ބޯލްޓަން އަށް ސެޕްޓެންބަރު މަހުގެ ތެރޭގައި ވަގުތީ ގޮތުން ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރި ޗާލީ ކަޕަމޭން އަކީވެސް ސީއެސްޕީ ގެ ބޯޑު މެންބަރުކަން ކުރި މީހެކެވެ.

މި ޖަމާއަތުން ވަނީ ތުރުކީގެ ރައީސު އެރްދޮޣާނަކީ ހަރުކަށި މުސްލިމުންނާ ގުޅުން ބާއްވަވާ ބޭފުޅެއްކަމަށް ބުނެ އޭނާއާ ގުޅުން ނުބޭއްވެވުމަށް ރައީސު ޓްރަމްޕްއަށް ލަފާއަރުވާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.