ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހއ. މޮޅަދޫ ފުޓުސަލް ދަނޑު ހުޅުއްވައި ދެއްވައިފިއެވެ. އެދަނޑު ހުޅުއްވައި ދެއްވީ ތިލަދުންމަތީ އުތުރުބުރީގެ އިތުރުން ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މޮޅަދުއަށް ވަޑައިގެންނެވެ. އެމަނިކުފާނު އެރަށަށް ވަޑައިގެންނެވުމުން ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މިޒިޔާރަތުގައި އެރަށު ފުޓްސަލް ދަނޑުހުޅުއްވައިދެއްވުމުގެ އިތުރުން އެ ރަށުގެ ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް އެމަނިކުފާނު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅަދޫގެ ތަރައްޤީއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް މަޝްރޫޢުކަމަށްވާ އެރަށު ބަނދަރު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ވެސް ފަށްޓަވައި ދެއްވައިފައެވެ. އެއީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހުގެ ރިޔާސީ ވަޢުދެއްވެސް މެއެވެ.
ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ދަތިތައް ޙައްލުކޮށްދިނުންކަމަށް ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުން ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަށް ނުބައްލަވާ ތަރަޢްޤީ ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވިދާޅުވިއެވެ. މި ސަރުކާރުން ފާއިތުވި 1 އަހަރުގެ ޭގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޤައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށާއި އެހެންކަމުން ޤައުމުގެ ހަމަޖެހުން އެގޮތުގައި ދެމި އޮތުމަށް ހުރިހާ ފަރާތްތަކުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރަންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މޮޅަދޫ ކައުންސިލްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޝުކުރުގެ ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.
މޮޅަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މޮޅަދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދިއްދޫއަށެވެ.