ރާއްޖޭގެ ފަޚުވެރިވެރި ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވުމަށް ކުރިމިނަލްކޯޓުގެ އިސްގާޒީ އަހުމަދު ހައިލަމް އެ ކޯޓުގެ ވައިބަރު ގުރޫޕަށް ފޮނުވި މެސެޖު ބޮޑު މައްސަލައަކަށްވެ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް އެހުސް ކޮށްފިއެވެ.
މިކަން ބޮޑު މައްސަލައަކަށްވީ ގާޒީ ހައިލަމް ފޮނުވި މެސެޖާއެކު ރައީސް އިބްރާހީމް މުޙައްމަދު ސާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކަރުގައި ޗޭނު ޖަހާފައިވާ ކުރެހުމެއް ހިމެނުމުންނެވެ. ޖޭއެސްސީ އިން ވެސް ވަނީ މިމައްސަލަ ބަލަން ފަށައިފައެވެ. އެމައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖޭއެސްސީން ނިންމެވީ މިއަދު ބޭއްވި ކުއްލި ބައްދަލުވުމަކުންނެވެ. އެމައްސަލަ ބެލުމަށް މިހާރުވަނީ ކޮމިޓީއެއް ވެސް ނަގައިފައެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ހައިލަމް ހަޔައްޔަރު ކުރުމަށް ގޮވާލައިފައެވެ. އަދި ވަގުތުން އޭނާ ސަސްޕެންޑު ކުރުމަށް ވެސް މެމްބަރުން ވަނީ ގޮވައިލައިފައެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވީ "ކުރިމިނަލް ކޯޓުގެ އިސްގާޒީ އެދުވަހުގެ ތަހުނިޔާ މިފޮނުވީ ދިވެހިރާއްޖޭގެ ރައީސްގެ ކަރުގައި ޗޭނުޖަހައި، މި ޢިއްޒަތްތެރި މަޖިލީހުގެ ރައީސްގެ ކަރުގައި ޗޭނުޖަހައިގެން. މާދަމާއަށް ތައްޔާރު މިވަނީ ނިމިދިޔަ ފަސްއަހަރު މިގައުމު ލޫޓުވާލި ވެރިއެއްގެ މައްޗަށް ހުކުމްކުރަން،" ކަމަށެވެ. އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ހިނގުމުގެ ބާރުތަކުގެ ތެރެއިން ދެބާރުގެ ވެރިންގެ ކަރުގައި ޗޭނުޖަހައި ކުރަހާފައިވާ ފޮޓޯއެއް ވައިބަރ ގުރޫޕެއްގައި ޕޯސްޓުކުރި ގާޒީއަކަށް އެހުކުމް ރަނގަޅަށް ކުރާނެތޯ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދައިފައެވެ. އެފަދަ ކަންކަމަކީ ތައައްސުބުން ފުރިފައިވާ ކަންކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެފަދަ ފަނޑިޔާރަކަށް އިންސާފުން އަކުރެއް ވެސް ފިއްޔެވެސް ލިޔެވޭނެ ކަމަކަށް،" ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ކުށެއްނެތް ކަމަށް ހުކުމް ކުރުމަށްފަހު ގައުމުން ފިލައިގެން ދިއުމުގެ ފުރުސަތު ހައިލަމަށް ދީގެން ނުވާނެ ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް މާދަމާ ހުކުމް ކުރެއްވުމުގެ ކުރިން ހައިލަމްގެ މައްސަލަ ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހައިލަމްގެ މެސެޖާ ބެހޭ ގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ ފަނޑިޔާރުންނަކީ އިންތިހާ ދަރަޖައަކަށް ސުލޫކު ހިފަހައްޓަން ޖެހޭ ބައެއް ކަމަށެވެ. އެމީހުންނަކީ ސިޔާސީ މީހުން އުޅޭގޮތަށް އުޅެނެވޭނެ ބައެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރުން ފެށިގެން އެއްވެސް މައްސަލައެއް ބެލުމުގެ ފުރުސަތެއް ކުރިމިނަލް ކޯޓުގެ އިސް ގާޒީ ހައިލަމަށް ދީގެން ނުވާނެ ކަމަށެވެ. އަދި ހައިލަމް ސަސްޕެންޑް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން އޭނާ ބަލަމުންދިޔަ މައްސަލަތައް ކުރިއަށް ގެންގޮސްފައިވާ ގޮތް ޖޭއެސްސީން ވެސް ބަލަން ޖެހޭ ކަމަށް ޙަސަން ވިދާޅުވީއެވެ. ޙަސަން ލަތީފް ވިދާޅުވީ ރުއްގަހާއި އިންސާނުންނަށް އިންސާފު ހޯދައިދިނުމަށް ވެސް ފަނޑިޔާރުންގެ ދައުރު ރަނގަޅަށް އަދާކުރެވެންޖެހޭ ކަމަށެވެ.
"ކަންބޮޑުވާ ކަމަކީ ދިވެހީންނަކަށް މިއަދު ވަގުތެއްނެތް ފަނޑިޔާރުގެ ގޭގައި ތިބި ފަނޑިޔާރުންނަށް ކަންކަން ދަސްވެގެން އެމީހުން ކިޔަވައިގެން ރައްޔިތުންގެ މައްސަލަތަކަށް އިންސާފުދޭނެހާ ވަގުތެއްދެވޭކަށް. އެހެން ވަގުތު ދިނީމާ އިންތިހާއަށް ދެރަ ނިކަމެތިކަން ދިމާވަނީ ރައްޔިތުންނަށް. ފަނޑިޔާރުގެއަށް އަންނަން ވާނީ ކޮންމެ ވެސް ވަރެއްގެ ޢިލްމަކާއި ކަންކަން ކުރާނެ އާއްމު އުސޫލުވެސް އެނގިގެން. އެތާ ތިބެގެން މަސައްކަތް ދަސްކުރާ ކަމަށްވާނަމަ ފަނޑިޔާރުންގެ ފަރާތުން ފެންނާނީ މިކަހަކަ ކަންކަން،" ޙަސަން ވިދާޅުވިއެވެ.
އެމްޑީޕީގެ މެމްބަރުން އެގޮތަށް ވާހަކަ ދައްކަން ފެށުމުން ނޮޅިވަރަމްދާއިރާގެ މެމްބަރު ޢަބްދުﷲ ނަޝީދަށް ލިބުނު ފުރުސަތުގައި ވިދާޅުވީ އެމްޑީޕީގެ މެމްބަރުން އެގޮތަށް ވާހަކަދައްކަން ފެށީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ މައްޗަށް ކުށްސާބިނުވާނެހެން ހީވެގެން ކަމަށެވެ. "އެހެން ހީވުމުން މިހާރު ހައިލަމް ކަތިލަން ފެއްޓީ. ކޮންމެ ގޮތެއް ވިޔަސް މާދަމާގެ ހުކުމަށް މިހާރު ނުފޫޒުފޯރުވާން ފެއްޓީ،" އޭނާ ވިދާޅުވިއެވެ.
ހުކުމަށް ނުފޫޒު ފޯރުވައިގެން ހުކުމް ބާތިލް ކުރެވޭނެ ގޮތެއް ނުވަތަ ހިތްހަމަނުޖެހޭގޮތަކަށް ހުކުމް އައސްފިއްޔާ ހައިލަމް އކޯޓުގައ ހުރުމަކީ ވެސް އެމްޑީޕީ މެމްބަރުން ބޭނުންވާނެ ގޮތެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. "ނަޒާހަތްތެރި މަޖިލީހަކަށް އެމްޑީޕީން ވެލެޒިނީ ލާންވީ ނޫންތޯ؟ މުޖޫ ނައީމް ލާންވީ ނޫންތޯ ފަނޑިޔާރުންނަށް. އޭރުން ތިޔަބޭފުޅުން ބޭނުންވާ ފަނޑިޔާރުގެ ލިބޭނެ. ޑޮކްޓަރ ޝަހީދު ލާންވީނޫންތޯ ފަނޑިޔާރަކަށް. އޭރުން ފަނޑިޔާރުގެ އިންސާފުވެރިވީ. ތިޔަ ބޭފުޅުން ބޭނުންވަނީ އެކަހަލަ ފަނޑިޔާރު ގެއެއްތޯ؟" އެމްޑީޕިގެ މެމްބަރުންނާ ޢަބްދުﷲ ނަޝީދު ސުވާލު ކުރެއްވިއެވެ.
އެްންމެ ފުރތަމަ ކމަކަށް ރައްޔިތުންގެ މަޖިީހު މެމްބަރުންގެ ސްލޫކީމިންގަނޑު ބަލަހައްޓާނެ ކޮމިޓީއެއް ނޫނީ ކޮމިޝަނެއް ރާއްޖޭގައި އުފައްދަންވީ.
ރައްޔިތުންގެ މަޖުލިހުގެ މެމްބަރުން މުޖުތަމައުގެ ސުލޫކީ މިންގަޑުންބޭރުވީމާ އެމީހުންނަށް ރަގަޅު ގާނޫނެއް ހެދިދާނެ ކަމާއި މެދު ސުވާލު އުފެދެއެވެ. ބައެއް މެމްބަރުންގެ ސަބަބުން ގައުމު ދަނީ ފަސާދަ ވަމުންނެވެ. އެފަދަ މެމްބަރުންނަށް އިސްލާހީ ފިޔަވަޅު އަޅާނެ ނިޒާމު ރައްޔިތުން ހަމަޖައްސަން އެބަޖެހެއެވެ. ނޫސްވެރިން މެމްބަރުން އިސްލާހުކުރަން މަސައްކަތް ފަށަންވެއްޖެއެވެ.