މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސް ކޮށްފި

މިދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށް ވާތީ ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

 ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ މިހާރުވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ރާއްޖެގެ އުތުރުގެ ސަރަޙައްދުގައި އުފެދިފައިވާ ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތޫފާނަކަށް ބަދަލުވުމާއި ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ސަރަހައްދުތަކަށް ގިނަ އަދަދަކަށް ވިއްސާރަ ވިލާ އަރަމުން ދާނެކަމަށާއި އަދި ރާއްޖޭގެ ރަށްތަކަށް، ހާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.

 މި ތޫފާން ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ، ރާއްޖެގެ ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށް އަރަބި ކަނޑަށް ޖެހުމުން ދާނެކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާ އެކު އުތުރާއި މެދުތެރޭގެ ބައެއް ރަށްތަކަށް ވިލާގަނޑުގައި 50 މޭލަށް ވައިގަދަވެ ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ. އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން، މޫސުމަށް އަންނަ ބަދަލުތައް، މޫސުމާއި ބެހޭއިދާރައިން އޮޅުން ފިލުވުމަށްފަހު ދަތުރުތަށް ރޭވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކުރައްވައިފައެވެ.

"'ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރުނުކުރެއްވުމަށާއި ދަތުރުކުރައްވާ އުޅަނދުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް ދަންނަވަމެވެ. އަދި ރޭގަނޑު ދަތުރުތަށް ކުރައްވާނަމަ އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރަންމެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަންމެވެ."

 މީގެއިތުރުން ޑައިވިންގ ކުރުމާއި އެހެނިހެން މޫދުކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބަލައިގެން ކުޅިވަރުތައް ރާވާ ހިންގެވުމަށާއި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް ވަނީ އެދިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.