ދުނިޔޭގައި މަތިންދާބޯޓަކުން ކުރެވުނު އެންމެ ދިގު ދަތުރު ކުއަންޓަސް އިން ކާމިޔާބުކަމާއެކު ނިންމާލައިފި

ފްލައިޓެއް މެދުނުކެނޑި އެންމެ ގިނަ އިރު އުދުހުމުގެ ރެކޯޑް އޮސްޓްރޭލިޔާގެ ގައުމީ އެއާލައިން، ކުއަންޓަސް އިން ގާއިމުކޮށްފިއެވެ. މި ރެކޯޑް ގާއިމުކޮށްފައިވަނީ ކުއަންޓަސްއިން އެމެރިކާގެ ނިއުޔޯކާއި އޮސްޓްރޭލިޔާގެ ސިޑްނީއާ ދެމެދު ސީދާ ދަތުރުތައް ފަށަން ގަސްތުކޮށްފައިވާތީ އެކަމަށްޓަކައި ބޭއްވި ފުރަތަމަ ޓެސްޓު ދަތުރު ކާމިޔާބުކަމާއެކު ނިންމާލައިގެންނެވެ.

50 ދަތުރުވެރިންނާއެކު ބޮއިންގ 9-787 ޑްރީމްލައިނާ މަރުކާގެ މަތިންދާބޯޓެއްގައި ނިއުޔޯކުން ފުރި ފްލައިޓް ކިއުއެފް-7879 މެދުނުކެނޑި 16200 ކިލޯމީޓަރަށް ދަތުރުކުރުމަށް ފަހު ސިޑްނީގައި ޖެއްސީ 19 ގަޑި 16 މިނިޓަށް އުދުހުމަށް ފަހުގައެވެ.

މިވަރުގެ ދިގު ދަތުރެއްގެ ސަބަބުން ފަޅުވެރިންނަށާއި ފަސިންޖަރުންނަށް ކުރާނެ އަސަރު ދެނެގަތުމަށް ބާއްވާ ޓެސްޓު ދަތުރުތަކުގެ ފުރަތަމަ ދަތުރުގައި ބައިވެރިކޮށްފައިވަނީ 10 ފަޅުވެރިނާއި، 40 ފަސިންޖަރުންނެވެ. ފަޅުންވެރިންގެ ތެރޭގައި 4 ޕައިލެޓުން ތިބިއިރު، ފަސިންޖަރުންގެ ތެރޭގައި ތިބީ ކުއަންޓަސްއިން އެންމެ ގިނައި ދަތުރުކޮށްފައިވާ ޕަސިންޖަރުންގެ ތެރެއިން މި ދަތުރަށް ހޮވާލެވުނު މީހުންނާއި، ކުއަންޓަސްގެ ބައެއް މުވައްޒަފުންނާއި، ދަތުރުގެ ރިސާޗުހަދާ މީހުންނާއި، ނޫސްވެރިންނެވެ.

"ދެ ގޮތަކުން ބަލާއިރު ދަތުރު ވަރަށް ކާމިޔާބު. އެއް ކަމަކީ މި ދަތުރުމަތީގައި ކުރެވުނު ރިސާޗު މަސައްކަތް. ދެން ކަޑައްތުކުރެވުނު ދިގު ރާސްތާ. އަހަރުމެން ވައިގެ ތެރޭގައި 19 ގަޑިއިރާ 16 މިނިޓް ހޭދަކުރުމަށްފަހު މިތަނަށް، ސިޑްނީއަށް ޖެއްސިއިރު، އަދި 70 މިނިޓް އުދުހޭނެ ތެޔޮ ބާކީ ހުރި." ފްލައިޓްގެ ކެޕްޓަން ޝޯން ގޯލްޑިންގ ބުންޏެވެ.

އެންމެ ގިނަ އިރު އުދުހުނު ފްލައިޓުގެ ކެޕްޓަން ޝޯން ގޯލްޑިންގ (ކަނާތް ފަރާތުން ދެވަނައަށް) ނޫސްވެރިންނާ ވާހަކަދައްކަނީ

ސިޑްނީ- ނިއުޔޯކް ފްލައިޓްގެ އިތުރަށް ސިޑްނީން ލަންޑަނަށް ވެސް ޓެސްޓް ދަތުރުތަކެއް ފަށަން ކުއަންޓަސް އިން ވަނީ ރާވާފައެވެ. އެ ދަތުރުގެ ރާސްތާ 500 ކިލޯމީޓަރު ދިގުއިރު، ގަޑިއެއްހާ އިރު އިތުރަށް ހޭދަވާނެ ކަމަށް ބެލެއެވެ. މި ދެ މަންޒިލަށްވެސް ޝެޑިއުލް ދަތުރުތައް ކުރަން ކުއަންޓަސްއިން ފަށާނީ 2022 ނުވަތަ 2023 ގައެވެ.

މުސްތަގުބަލުގައި ގިނަ ޓެސްޓުތަކެއް ކުރަން ރާވާފައިވާއިރު، ރަސްމީކޮށް ދަތުރުކުރަން ބޭނުންކުރާނީ ބޮއިންގގެ މަތިންދާބޯޓުތައްތޯ ނުވަތަ އެއާބަސްގެ މަތިންދާބޯޓުތައްތޯ ކުއަންޓަސްއިން އަދި ނުނިންމައެވެ. މި ދެ ކުންފުނިންވެސް ދަނީ ތެލުގެ ޚަރަދު ކުޑަ، ލުއި މަތިންދާބޯޓުތައް ބާޒާރަށް ނެރުމަށް ވާދަކުރަމުންނެވެ.

އިއްޔެ ބޭއްވި ޓެސްޓު ދަތުރުގައި ޕައިލެޓުންގެ ސިކުނޑީގެ ހަރަކާތްތައް ވަގުތުން ބަލާ އާލާތްތައް ހަރުކޮށްފައި ހުރި އިރު، ފަސިންޖަރުންގެ ކެއުމާއި، ނިދުމާއި، ފައި ބާލައިގެން ގިނަ އިރު ތިބެންޖެހުމުން 'ޖެޓްލެގް" ގެ މައްސަލަ ދިމާވާ މިންވަރު ބަލާފައި ވެއެވެ.

ކުއީންސްލޭންޑް އެންޑް ނޯދާން ޓެރިޓަރީ އޭރިއަލް ސާވިސަސް (ކުއަންޓަސް) ގެ ނަމުގައި 16 ނޮވެންބަރު 1920 ގައި އުފެދުނު އެއާލައިނަކީ ނެދަލޭންޑްސްގެ ކޭއެލްއެމް އާއީ ކޮލޮންބިޔާގެ އެވިއަންކާއަށް ފަހު ދުނިޔޭގެ ތިންވަނައަށް އެންމެ ދުވަސްވީ އެއާލައިނެވެ. އެ ދެ އެއާލައިން އުފައްދާފައި ވަނީ 1919 ވަނަ އަހަރުގައެވެ. ކުއަންޓަސްގައި 129 މަތިންދާބޯޓު އޮވެއެވެ. އަދި ދުނިޔޭގެ 85 މަންޒިލަކަށް ދަތުރުކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.