
ތަޢުލީމީ ދާއިރާއިން ޝަޚުސިއްޔަތު ހަރުދަނާ ދަރިވަރުންތަކެއް އުފައްދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އެދިވަޑައިގެންފިއެވެ. ޓީޗަރުންގެ ދުވަހު އެމަނިކުފާނު ދެއްވި ޚިތާބުގައި ވިދާޅުވީ ތަޢުލީމީ މުއައްސަސާތަކުގެ ކާމިޔާބީ ވަޒަންކުރާ ހަމައެކަނި މިންގަނޑަކީ، ދަރިވަރުން ޙާޞިލްކުރާ މަތީ ދަރަޖައިގެ ސަނަދުތަކެއް ނޫންކަމަށެވެ. ޙަޤީޤީ ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވީ އެފަދަތަންތަނުން ކިޔަވައިގެން ނުކުންނަ ދަރިވަރުންގެ ކިބައިގައި އުފެދޭ ޝަޚްޞިއްޔަތުގެ ހަރުދަނާ ކަމާއި އަނެކުންނާ މުޢާމަލާތުކުރާ ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޤައުމުގެ ކަންކަމުގައި އިސްނަގަން ކެރޭ މިންވަރާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ހުންނަ ހުޝިޔާރުކަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މުދައްރިސުންގެ ދުވަހެއް ފާހަގަކުރާއިރު، ތަޢުލީމީ ކޮންމެ މުއައްސަސާއަކުންވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެފަދަ ދަރިވަރުންތަކެއް އުފެއްދުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރުގެ ތަޢުލީމީ ސިޔަސަތަކީ ރަނގަޅު ތަޢުލީމް ލިބިފައިވާ، ހަށިހެޔޮ ދުޅަހެޔޮ ޖީލެއް ބިނާކުރުމާއި ހުނަރުވެރި އުފެއްދުންތެރި ފަރުދުންތަކެއް މުޖްތަމަޢަށް ނެރެދިނުން ކަމަށެވެ. އަދި ޒިންމާދާރު ހެޔޮލަފާ ޒުވާނުންތަކެއް އުފައްދައިދިނުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެހެންކަމުން ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކުން، ސިޔާސަތުތަކަށް ޚާއްޞަ އިސްކަމެއް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.
ދުނިޔޭގެ ފެންވަރުގައި މުދައްރިސުންގެ ދުވަހެއް ފާހަގަކުރުމުގެ މުހިންމު އެއް މަޤްޞަދަކީ، މުޖްތަމަޢާއި ދަރިވަރުން ތަރައްޤީކުރުމުގައި މުދައްރިސުން އަދާކުރާ ދައުރާއި، މުދައްރިސުންގެ މަސައްކަތްތައް ރަނގަޅަށް ދެނެގަތުމުގެ ފުރުޞަތު ބައިނަލްއަޤްވާމީ މުޖްތަމަޢަށް ފަހިކޮށްދިނުމާއި މުދައްރިސުންގެ ޙާލަތު ރަނގަޅުކޮށްދިނުމުގައި ހުރިހާ ގޮތަކުންވެސް އެހީތެރިވެދިނުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ މުދައްރިސުންގެ ދުވަހަށް ޔުނެސްކޯއިން ކަނޑައަޅާފައިވާ ޝިޢާރަކީ "ޒުވާން މުދައްރިސުން: ތަޢުލީމީ ދާއިރާގެ ކުރިމަގު" އެވެ. މި ޝިޢާރުން އެނގެނީ، ޤައުމުގެ ކުރިމަގުގެ ޖީލުތައް ބިނާކުރުމަށްޓަކައި، ކިޔަވައިދިނުމުގެ ދާއިރާއަށް ޒުވާނުންގެ ބޭނުންޖެހިފައިވާ މިންވަރާއި، ޒުވާން މުދައްރިސުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ވަރުގަދަކަން ކަމަށްވެސް ވިދާޅުވިއެވެ. އަދި އުފުލަންޖެހޭ ޒިންމާ ބޮޑުކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޚިދުމަތުގައި މިހާރު ތިއްބެވި މުދައްރިސުންގެ ތެރޭގައި ޒުވާނުން މަދެއް ނޫންކަމަށެވެ. ކޮންމެ އަހަރަކު އަލަށް ތަޢުލީމީދާއިރާއާ ގުޅޭ މުދައްރިސުންގެ ބޮޑު އަޣްލަބިއްޔަތަކީ ވެސް ޒުވާނުންކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ތަމްރީންވަމުން އަންނަ މުދައްރިސުންގެ ތެރޭގައިވެސް، ޒުވާނުންގެ ނިސްބަތް ވަރަށް މަތިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އެއީ ރާއްޖޭގެ ތަޢުލީމީ ދާއިރާގެ ކުރިމަގު އުޖާލާކަން ދައްކައިދޭ ނިޝާނެއް ކަމުގައެވެ. ރައީސްވަނީ ހުރިހާ ޓީޗަރުންނަށާއި، ތަޢުލީމީދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށާއި ޓީޗަރުން ބިނާ ކުރެއްވުމަށް މަސައްކަތް ކުރައްވާ އެންމެންނަށް މިއަދުގެ ތަހުނިޔާ ވިދާޅުވެފައެވެ.