ތިން ބޭފުޅުން ވެސް މަޤާމުގައި ބައިތިއްބަވަން މަޖިލީހުން ނިންމައިފި

  ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމާއި ކައުންސެލަރޖެނެރަލާއި ސާރޖެންޓް އެޓް އާރމްސްގެ މަޤާމުގައި މިހާރުވެސް ތިއްބެވި ބޭފުޅުން އެމަޤާމުތަކުގައި ބައިތިއްބަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.

މިހާރުގެވެސް އަމީން އާންމު ހ. ނަސީމީ، އަލްއުސްތާޒާ ފާތިމަތު ނިއުޝާ އެމަޤާމުގައި ބެހެއްޓުމަށް މަޖިލީހުން ފާސްކުރެއްވީ 59 މެމްބަރުންގެ އިއްތިފާޤުންނެވެ. ކައުންސެލަރޖެނެރަލް ކަމަށް މިހާރުވެސް އެމަޤާމުގައި ހުންނެވި ހ. އަނދުގޭ އަލްއުސްތާޒާ ފާތުމަތު ފިލްޒާ އެމަޤާމުގައި ބެހެއްޓުމަށް މަޖިލީހުން ފާސްކުރެއްވީ 58 މެމްބަރުންގެ އިއްތިފާޤުންނެވެ. ސާރޖެންޓް އެޓް އާރމްސްގެ މަޤާމްގައި ހުންނެވި މ. މިއަލަން މުޙައްމަދު ޙަލީމް އެމަޤާމުގައި ބެހެއްޓުމަށް މަޖިލީހުން ފާސްކުރެއްވީ 59 މެމްބަރުންގެ އިއްތުފާޤުންނެވެ.

މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިހާރު ޢަމަލުކުރަމުންދާ، ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ދެވަނަ ދައުރު ނިމުމުގެ ކުރިން އެމަޤާމުތަކަށް މީހުން އައްޔަން ކުރަންޖެހޭކަމަށެވެ. ނަވާރަވަނަ މަޖިލިސް ހިންގުމުގައި މިހާރު އެމަޤާމުގައި ތިއްބެވި ބޭފުޅުން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާކަމަށް މަޖިލީޖިހުގެ ރައީސް ވިދާޅުވިއެވެ.

"އެބޭފުޅުންގެ މަސައްކަތް ޝައްކެއް ނުހިނގާ މިންވަރަށް އަޅުގަނޑުމެން އެންމެންނަށް ވެސް ފާހަގަ ކުރެވޭ. އަދި ތިބޭފުޅުންގެ ޝަކުވާއެއް އިޢްތިރާޒެއް ނެތްނަމަ، މިހާރުވެސް ތިއްބެވި ތިންބޭފުޅުންނާއެކުގައި 19 ވަނަ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދަން ފެނޭ" މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ޤަވާއިދުގައި ބުނާގޮތުން އަމީންއާންމުގެ މަޤާމަށާއި ކައުންސިލަރ ޖެނެރަލްގެ މަޤާމަށާއި ސާރޖެންޓް އެޓް އާރމްސްގެ މަޤާމަށް އައްޔަން ކޮށްފައިވާ މީހުންނަކީ މަޤާމުން ވަކި ނުކުރާހާ ހިނދަކު  އެމީހަކު އައްޔަން ކުރެވޭ މަޖިލީހުގެ މުއްދަތު ހަމަވަންދެން އަދި އެމަޖިލީހާ ވިދިގެން އަންނަ މަޖިލީހުން އެމަޤާމަށް މީހުން އައްޔަން ކުރަންދެން މަޤާމުގައި ދެމި ތިބޭނެ ބައެއްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.