މާލޭގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެކަމުގެ ބިރުވެރިކަމުގައި ތިއްބާ އަނެއްކާވެސް މިވަނީ ގެއްލުން ބޮޑު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.
މާލޭ ޓީ ޖެޓީކައިރީގައި އޮތް ލޯންޗެއްގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް ތެޔޮބައުޒަރުތަކެއްގައި ރޯވެ ހިންގި ނުރައްކާތެރި ޙާދިސާއެވެ. މިނުރައްކާތެރި ހާދިސާގައި ދޮޅުގަޑިއެއްހާ އިރު ތެރޭގައި އެތައް ބައެއް ފިހި އެތައް މިލިއަން ރުފިޔާގެ މުދާ ވަނީ އަނދައި އަޅިއަށް ވެފައެވެ.
ހާދިސާހިނގީ ޕެޓްރޯލް އަޅަނިކޮށް ލޯންޗްގައި ރޯވެ
މި ޙާދިސާ ހިނގީ ބައުޒަރަކުން ލޯންޗަކަށް ޕެޓްރޯލް އަޅަނިކޮށް އަލިފާން ރޯވެގެންނެވެ. ފުރަތަމަ އަލިފާން ހިފީ ލޯންޗުގެ އިންޖީނުގައި ކަމަށްވެއެވެ. ލޯންޗްގައި ހިފި އަލިފާންގަނޑު މަދު ސިކުންތު ކޮޅެއްގެ ތެރޭގައިވަނީ ތެޔޮއަޅަން އެތަނުގައި އޮތް ބައުޒަރުގައި ހިފައި ކައިރީގައި ހުރި އެހެން ބައުޒަރުތަކެއްގައި ރޯވެފައެވެ. މިހާދިސާ ހިނގީ ހަވީރު 3:40 އެހައިކަންހާއިރުއެވެ. ހާދިސާ ހިނގި ވަގުތު އެއިން އެއް ތެޔޮ ބައުޒަރުގައި އިން މީހަކު ކިޔައިދިންގޮތުގައި އަލިފާން ހިފުމާއެކު އަވަހަށް ބައުޒަރުން ފުންމާލީއެވެ. އަލިފާނުން ސަލާމަތް ވެވުނީ ހަމަކިރިޔާކަމަށް ޙާދިސާހިނގި ތަނުގައި ހުރެގެން އޭނާ ކިޔައި ދިނެވެ. އަލިފާންގަނޑު ފެތުރެން ހިނދުކޮޅެއް ވެސް ނުނަގައެވެ. މިހާދިސާ ހިނގި ގޮތާ ބެހޭގޮތުން ފުލުހުންނާއި ސިފައިން އަދި ވަކިއެއްޗެއް ހާމައެއް ނުކުރައްވައެވެ. ބައުޒަރުން ލޯންޗަށް ތެޔޮއަޅަމުން ދިޔަ ގަޑީގައި މީހަކު ސިނގިރޭޓެއް ރޯކުރިކަމަށްވެސް މަންޒަރުދުށް މީހުންނާ ހަވާލާދީ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯރޓް ކޮށްފައެވެ.
ހަތް މީހަކަށް ފިހިގެން ފަރުވާދެވުނު، އެކަކު އައިސީޔޫގައި
އިއްޔެ ހިނގި ނުރައްކާތެރި އަލިފާނުގެ ޙާދިސާގައި އެކިވަރުގެ އަނިޔާލިބި ނުވަ މީހަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައިވެއެވެ. އެއީ ފިހިގެން ފަރުވާދީފައިވާ ހަތް މީހުންނާއި ފްރެކްޗައެއްގެ ސަބަބުން ފަރުވާ ދީފައިވާ މީހަކާއި ހާސްވެ ބިރުގަތުމުގެ ސަބަބުން ފަރުވާ ދެވުނު މީހެކެވެ. ފިހުނު މީހުންގެ ތެރެއިން އެކަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އައިޖީއެމްއެޗުން ހާމަކޮށްފައިވާ ގޮތުގައި ފަރުވާ ދެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ބިދޭސީއަކާއި ހަތް ދިވެހިނެވެ. ނަމަވެސް އައިސީޔޫގައި ފަރުވާ ދެމުން ދަނީ ދިވެއްސަކަށް ކަމެއް ނުވަތަ ބޭރުމީހަކަށް ކަމެއް ނޭނގެއެވެ. ފިހިގެން ފަރުވާ ދެވިފައިވާ މީހުނެގެ ހަށިގަނޑު ފިހިފައި ވަނީ 20 އިންސައްތައާއި 45 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކަމަށް އައިޖީއެމްއެޗުން ވަނީ ވިދާޅުވެފައެވެ. ފިހިގެން ފަރުވާދޭ ހަތް މީހުން ފިޔަވައި އެހެން މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ކޮންޓްރޯލް ނުކުރެވި ގިނަ އިރުވިނަމަ އަލިފާން ފެތުރިގެން ދިއުމުގެ ފުރުޞަތު ބޮޑު
ޓީޖެޓީ ސަރަޙައްދަކީ މާލޭގައި އެންމެ ގިނައިން ތެލުގެ ބާވަތްތައް ގެންގުޅޭ ސަރަޙައްދެވެ. އެހެން ކަމުން އަލި ފާނުގެ ޙާދިސާއެއް އެތަނުގައި އަބަދުވެސް ހިނގާފާނެ ކަމުގެ ބިރު އޮވެއެވެ. ތެލުގެ ވިޔަފާރިކުރާ ފަރާތްތަކުން ގެންގުޅޭ ތެޔޮއުފުލާ ކަނޑު އުޅަނދު ފަހަރާއި އެއްގަމު އުޅަނދުފަހަރު ވެސް އެންމެ ގިނައީ އެސަރަޙައްދުގައެވެ. މީގެ އިތުރުންވެސް އިންޖީނުލީ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުތައް އޮންނަ މާލޭގެ އެންމެ ކާރުބާރޫ ބޮޑު އެއް ސަރަޙައްދަކީ ޓީޖެޓީ ސަރަޙައްދެވެ. މީގެ އަހަރުތަކެއް ކުރިންވެސް ޓީޖެޓީ ސަރަޙައްދުގައި ވަނީ ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައި އެތަކެއް އުޅަނދުފަހަރެއް އަދައިގެން ގޮސްފައެވެ.
އިއްޔެގެ އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެތަނުން އެއް ތެޔޮބައުޒަރުގައި އިން މީހަކު ބުނީ އަލިފާނުގެ ހާދިސާ ހިނގިތާ ދެތިން މިނެޓް ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމުން އެތަނުގައި އަލިފާން ނިވުމުގައި ޙަރަކާތްތެރިވާން ފެށިކަމުގައެވެ. ފުލުހުންނާއި ސިފައިންގެ އިތުރުން އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެސަރަޙައްދުގައި ތިބި އާއްމު ރައްޔިތުންވެސް ވަނީ އަލިފާންގަނޑު ފެތުރިގެން ދިޔަ ނުދިނުމަށް ބިރެއް ޖެހިލުމެއް ނެތި މަސައްކަތް ކޮށްފައެވެ. އަލިފާން ހިފާފާނެފަދަ އިތުރު ތެޔޮ ބައުޒަރުތަކާއި އުޅަނދުފަހަރު އާންމުންގެ އެހީތެރިކަމާއެކު ދުރަށް ޖައްސަމުންދިޔައިރު ފަޔަރަ ފައިޓަރުން ގެންދިޔައި އެއްގަމާއި ފަޅުތެރޭގައި ތިބެގެން އަލިފާން ނިވުމުގައި ހަރަކާތްތެރި ވަމުންނެވެ.
އަލިފާނުގެ ހާދިސާ ފުރަތަ ހިނގި ލޯންޗްގައި ހިފައިފައިވާ އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލިއެވެ. ނަމަވެސް ފައިބަރގްލާސްއިން ހަދައިވާ އެ އުޅަނދު އަލިފާންގަނޑު ނިވާލެވުނު އިރުވެސް ވަނީ އެއްކޮށް އަނދައި ހުލިވެފައެވެ. މާގިނައިރުތަކެއް ނުވެ އެއުޅަނދު އަޑިއަށްދާން ފެށިއެވެ. މިހާރު އެލޯންޗުގެ ބޮޑުބައިވަނީ އަޑިއަށް ގޮސްފައެވެ.
ތެޔޮބައުޒަރުތަކުގައި ހިފައިފައިވާ އަލިފާންގަނޑު ކޮންޓްރޯލް ކުރަން ގިނައިރުވެފައިވަނީ އެތަކެތީގައި ގިނަޢަދަދަކަށް ތެލުގެ ބާވަތްތައް ހުރުމުންނެވެ. އަލިފާނުގެ ހާދިސާ ހިނގިތާ ގަޑިއެއްހާ އިރުތެރޭގައި އެއް އުޅަނދު ފިޔަވައި އެހެން އުޅަނދުތަކުގެ އަލިފާން ވަނީ ނިވާލައިފައެވެ. އެއް އުޅަނދެއްގައި ހިފައިފައި ހުރި އަލިފާން ނިވާ ނުލެވިގެން ފަނަރަވަރަކަށް މިނެޓްވަންދެން ފަޔަފައިޓަރުންވަނީ މަސައްކަތް ކޮށްފައެވެ. އެއްކޮށް އަލިފާން ކޮންޓްރޯލް ކުރެވުނީ ހާދިސާ ހިނގިތާ ދޮޅުގަޑިއެއްހާ އިރުތެރޭގައެވެ. އެއީ ހަވީރު 5:09 އެހައިކަންހާއިރުއެވެ.
ވިޔަފާރިތަކަކަށް އެތައް މިލިއަން ރުފިޔާގެ ގެއްލުން
މި ޙާދިސާގައި މުޅިންވެސް އަނދައި އަޅިއަށް ވެފައިވައިވަނީ ވިޔަފާރި މުދަލެވެ. އަނދައި ހުލިވި ވިޔަފާރި މުދަލުގެ ތެރޭގައި ބޭނުންނުކުރެވޭ ވަރަށް އަނދައިފައިވަނީ ވިޔަފާރި އުޞޫލުން ފެރީގެ ޚިދުމަތްދޭ ކުންފުންޏެއްގެ ފެރީއެކެވެ. އެފެރީއަކީ އއ. އުކުޅަހުގައި ދުއްވާ ފެރީ އުޅަނދެއްކަމަށް ވެއެވެ. އެ އުޅަނދުގެ ވެރިޔާ މީޑިއާއަކަށް ހާމަކޮށަފައިވާ ގޮތުގައި އެލޯންޗްގެ އަގު ހަތަރު ވަރަކަށް މިލިއަނަށް އަރާނެއެވެ.
އަލިފާނުގައި ހަތަރު ތެޔޮ ބައުޒަރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އެއްކޮށް އަދައިގެން ގޮސްފައެވެ. އިތުރު ދެ އުޅަނދެއްވެސް މާބޮޑު ގެއްލުމެއް ނުވި ނަމަވެސް ވަނީ މަރާމާތު ކުރަންޖެހޭ ވަރަށް އަދައިގެން ގޮސްފައެވެ. މީގެ އިތުރުން ތެޔޮ ބައުޒަރުގައި ހުރި ތެލުގެ އަގާއެކު ބަލާނަމަ ވެސް ހާދިސާގައި އެނދި ކޮންމެ ބައުޒަރަކީވެސް އެތައް މިލިއަން ރުފީޔާގެ ގެއްލުމެކެވެ. އަލިފާނުގައި އަނދައިގެން ދިޔަ ހަތަރު ތެޔޮބައުޒަރުގެ ތެރޭގައި މެރީޑިއަމް ސާރވިސްގެ ދެ އުޅަނދެއް ހިމެނެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެއުޅަނދުތަކުގައި ހުރީ ގިނަޢަދަދަކަށް ތެޔޮބަރުކޮށްފައެވެ. އަލިފާނުގައި އަނދައިފައިވާ އިތުރު އުޅަނދުތަކުގެ ތެރޭގައި އެޗް.އެމް.އެޗް އައި ފިއުލް ސާރވިސްގެ ތެޔޮ އުފުލާ އުޅަނދަކާއި ފިއުލް އެކްސްޕްރެސް މޯލްޑިވްސްގެ އުޅަނދެއްވެސް ހިމެނެއެވެ. ބަރުކޮށްފައިވާ ތެލުގެ އަގާއެކު އަގު ކުރާނަމަ އެވެސް އެތައް މިލިއަން ރުފިޔާގެ ގެއްލުމެކެވެ.
ރައްކާތެރިކަމުގެ ފިޔަވަޅު އިތުރަށް ވަރުގަދަކުރަންޖެހޭ
ޓީޖެޓީ ސަރަޙައްދަކީ ގިނަ ޢަދަދަކަށް ޕެޓްރޯލާއި ޑިސަލްފަދަ ތެލުގެ ބާވަތްތައް ގެންގުޅޭ ސަރަޙައްދަކަށް ވެފައި އަބަދުވެސް އަލިފާނުގެ ޙާދިސާއެއް ހިނގައިފާނެކަމުގެ ބިރު އޮންނަ ސަރަޙައްދެކެވެ. ނަމަވެސް އެތަނުގައި އަލިފާނުގެ ޙާދިސާއެއް ހިނގާފާނެތީ އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު މިހާރުވަނީ ސުވާލު އުފެދިއެވެ. އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެކިއު، ހުންނަނީ ޓީ ޖެޓީ ސަރަޙައްދާ މާދުރަކު ނޫނެވެ. ދެމިނެޓެއްހާ އިރުން ނުވަތަ އެއަށް ވުރެވެސް އަވަހަށް އާދެވޭ ހިސާބުގައެވެ. އެހެންކަމުން އިއްޔެގެ ހާދިސާގައި ވަރަށް އަވަހަށް ފަޔަރއެންޑް ރެސްކިއުޓީމް ހާދިސާ ހިނގިތަނުގައި ވަނީ ޙަރަކާތްތެރި ވެފައެވެ. ހަމަ އެހެންމެ އަލިފާން ކޮންޓްރޯލް ކުރުމަށް ފޯމް ބޭނުންކުރިތަންވެސް ފެނިގެން ދިޔައެވެ. ފުލުހުންނާއި ސިފައިންނާއި އާންމުން ގުޅިގެން އަލިފާންގަނޑު ފެތުރިގެން ނުދިއުމަށް، ތަޢުރީފް ޙައްޤު މަސައްކަތްތަކެއް ކުރެވިފައިވާ ކަން ފާހަގަ ކުރަމެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނަންވީ އަލިފާނުގެ ހާދިސާ ހިނގުމުން އަލިފާން ގަނޑު ކޮންޓްރޯލް ކުރެވޭނެ ގޮތަށް އެކަންޏެއްނޫނެވެ. ހާދިސާއެއް ހިނގާފާނެކަމަށް ބަލާ އަޅަންޖެހޭ ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަންވީއެވެ. ހަމަ އެކަނިޤަވާއިދުތަކަކާ އުޞޫލުތަކަކުން އެކަމެއް ނުވާނެއެވެ. ތަންފީޒުކޮށް ޢަމަލުކުރުން ހަރުދަނާ ކުރަންވީއެވެ. އަނެއްކާވެސް އަލިފާނުގެ ބޮޑު ހާދިސާއެއް ހިގާނީ ކޮން އިރަކު ކަމެއް ނޭނގެއެވެ. ތިބެން މިޖެހެނީ ބިރުވެރިކަމެއްގައެވެ. ރައްޔިތުން މިތިބަ ބިރުވެރިކަމުން ސަލާމަތްކޮށްދީ މި މާލެއަކީ މިތަނުގައި އުޅޭ އެންމެންނަށް ބިރެއްނެތި އުޅެވޭ ތަނަކަށް ހަދައިދެއްވަންވީއެވެ. މިކަމުގައި އެންމެންގެ އެއްބާރުލުން ބޭނުންވާނެއެވެ.