ޠަހާރަތުގެ ރޫޙާނީ އަދި އަޅުވެރިކަމުގެ އަގުތައް

އިސްލާމްދީނުގައި ސާފުތާހިރު ކަމަކީ (ނުވަތަ ޠަހާރަތަކީ) އެކަމަށް ވަރަށް މަތިވެރި މަޤާމެއް ލިބިފައިވާ ކަމެކެވެ. ޝަހާދަތުގެ ދެކަލިމަ ޤަބޫލުކޮށް ދުލުންކިޔުމުގެ ކުރިން އިސްލާމްދީނަށް ވަނުމަށްޓަކައި ހިނައި ގަންނަން ޖެހެއެވެ.

އިސްލާމްދީނުގެ ދެވަނަ ރުކުން ނަމާދަކީ ޠަހަރަތާ ނުލައި ޞައްޙަވާނޭ އަޅުކަމެއް ނޫނެވެ. ހިނައި ގަނެގެން ނުވަތަ ވުޟޫ ކޮށްގެން ނުވަތަ ތަޔައްމުމު ކޮށްގެންނެވެ. މިކަމަކީ އަޅުގަނޑުމެންނަށް ބުރަ ކުރެއްވުމަށްޓަކައި މާތް ﷲ އިރާދަ ކުރައްވައިފައިވާ ކަމެއްނޫނެވެ. މިކަމުގެ ބޭނުމަކީ އަޅުގަނޑުމެން ޠާހިރުވުމެވެ. އެކަލާނގެ ނިޢުމަތް އަޅުގަނޑުމެންގެ މައްޗަށް ފުރިހަމަ ކުރެއްވުމެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " ما يُريدُ اللَّـهُ لِيَجعَلَ عَلَيكُم مِن حَرَجٍ وَلـٰكِن يُريدُ لِيُطَهِّرَكُم وَلِيُتِمَّ نِعمَتَهُ عَلَيكُم لَعَلَّكُم تَشكُرونَ [1] - ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން طاهر ކުރެއްވުމަށާއި، ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ."

އިސްވެދިޔަ އާޔަތުން އެނގޭގޮތުގައި މާތްﷲ މުސްލިމުންނަށް ދެއްވި ނިޢުމަތްތަކުގެ ތެރޭގައި އެމީހުން ޠާހިރު ކުރެއްވުން ހިމެނެއެވެ. މިހެންވެ އެކަލާނގެ މުއުމިނުތަކުންނަށް ޠަހާރަތުގެ މަތީގައި ދެމިތިބުމަށާއި ޠަހާރަތަށް ރައްކައުތެރިވުމަށް އެންގެވިއެވެ. މިއީ އަޅުގަނޑުމެން މާތް ﷲ އަށް ޝުކްރު ދަންނަވަން ޖެހޭނެ ކަމެކެވެ. އެކަލާނގެ ދެއްވި ނިޢުމަތަކަށް ވާތީ އެ ނިޢުމަތް ދެމެހެއްޓުމަށް ޓަކައެވެ.

ޠަހާރަތު ބެހިގެންވަނީ ދެބަޔަކަށެވެ. މާނަވީ (ރޫޙާނީ) ބަޔަކާއި މާއްދީ (ޙިއްސީ) ބަޔެކެވެ. މާނަވީ ބައިގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ކަމަކީ ޢަޤީދާގެ ޠާހިރު ކަމެވެ. ޝިރްކާ އެއްކިބާ ވެގެންނެވެ.

މާއްދީ ޠާހިރުކަމުގެ ތެރޭގައި ހަށިގަނޑާއި ފޭރާމާއި ތަން ހިމެނެއެވެ. މިހެންވެ ޠާހިރު ކަމަކީ މުސްލިމުންނާ ޣައިރު މުސްލިމުން ވަކިކޮށްދޭ ސިފަތަކުގެ ތެރެއިން ސިފައެކެވެ. މުސްލިމުން ހަޑި މުޑުދާރު، ގޮނޑު ބަޔަކަށް ވެގެން ނުވާނެއެވެ. އެމީހުންގެ ފުށުން އެހެން ބަޔަކަށް އުދަނގުލެއް ފޯރާފާނެތީއެވެ. އިސްލާމްދީން ޠާހިރުކަމަށް މިހާ ބޮޑު އިސްކަމެއް ދެނީ މިހެންވެގެންނެވެ. ކީރިތި ޤުރްއާނުގެ އާޔަތްތަކާއި މާތް ރަސޫލާގެ ޠާހިރު ސުންނަތް ސާފު ތާހިރުކަމަށް ގޮވާލައެވެ. މާތް ﷲ ގެ މިއަމުރުފުޅަށް ބޯލެބުމުގެ ސަބަބުން ބިންނަން ލިބޭ މޭވާތަކުގެ ތެރޭގައި މިދަންނަވާ މޭވާތައް ހިމެނެއެވެ.

1 - ސާފު ތާހިރުކަމަށް ރައްކައުތެރިވުމަކީ މާތް ﷲ ގެ ލޯތްބާއި ރުއްސެވުން ޙާޞިލުވާނެ ކަމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " إِنَّ اللَّـهَ يُحِبُّ التَّوّٰبينَ وَيُحِبُّ المُتَطَهِّرينَ [2] - ހަމަކަށަވަރުން، ގިނަގިނައިން توبة ވާ މީހުންދެކެ اللَّه ލޯބިވެ ވޮޑިގެންވެއެވެ. އަދި طاهر ވާ މީހުން ދެކެވެސް އެކަލާނގެ ލޯބިވެވޮޑިގެންވެއެވެ."

2 - ވުޟޫ ފުރިހަމައަށް ކުރުމަކީ ސުވަރުގޭގެ އަށް ދޮރުކޮޅު އޭނާގެ ކުރިމަތީގައި ހުޅުވިގެން ދާނެ ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " مَا مِنْكُمْ مِنْ أَحَدٍ يَتَوَضَّأُ فَيُبْلِغُ أَوْ فَيُسْبِغُ الْوَضُوءَ ثُمَّ يَقُولُ : أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُ اللَّهِ وَرَسُولُهُ إِلَّا فُتِحَتْ لَهُ أَبْوَابُ الْجَنَّةِ الثَّمَانِيَةُ يَدْخُلُ مِنْ أَيِّهَا شَاءَ [3] - ތިޔަބައި މީހުންގެ ތެރެއިން މީހަކު ވުޟޫކޮށް ، ވުޟޫ ފުރިހަމަ ކުރުމަށްފަހު أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنَّ مُحَمَّدًا عَبْدُ اللَّهِ وَرَسُولُهُ ކިޔައިފިނަމަ އޭނާ ބޭނުން ދޮރުކޮޅަކުން ސުވަރުގެ ވަނުމަށް ޓަކައި، ސުވަރުގޭގެ އަށް ދޮރުކޮޅު އޭނާގެ ކުރިމަތީގައި ހުޅުވައި ލެވޭނެތެވެ."

3 - ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ. އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީސްފުޅެއްގައި ވެއެވެ. " الْوُضُوءُ شَطْرُ الْإِيمَانِ وَالْحَمْدُ لِلَّهِ تَمْلَأُ الْمِيزَانَ وَسُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ تَمْلَآَنِ أَوْ تَمْلَأُ مَا بَيْنَ السَّمَوَاتِ وَالْأَرْضِ وَالصَّلَاةُ نُورٌ وَالصَّدَقَةُ بُرْهَانٌ وَالصَّبْرُ ضِيَاءٌ وَالْقُرْآنُ حُجَّةٌ لَكَ – ވުޟޫއަކީ އީމަންކަމުގެ ދެބައި ކުޅަ އެއް ބައެވެ. الْحَمْدُ لِلَّهِ އިން މީޒާން ފުރައިލައެވެ. އަދި سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ އިން އުޑުތަކާއި ބިމާ ދެމެދުގައިވާހައި ތަންތަން ފުރައިލައެވެ. އަދި ނަމާދަކީ ނޫރެކެވެ. އަދި ޞަދަޤާތަކީ ބުރްހާނެކެވެ. އަދި ކެތްތެރިކަމަކީ އަލިކަމެކެވެ. އަދި ޤުރްއާނަކީ ތިބާއަށް ލިބިގެންވާ ޙުއްޖަތެކެވެ. " ކީރިތި ރަސޫލާ އީމާންކަމާ ޠާހިރުކަން ގުޅުއްވައިފައިވާ މިންވަރަށް ނިކަން ބައްލަވައި ވިސްނައިވަޑައިގެން ބައްލަވާށެވެ. ނުސާފު ބަޔަކަށް ވެގެން އީމާންކަން އުނި އެއްޗަކަށް ހަދަން ޤަބޫލުވާނީ ފަހެ ކާކުބާވައެވެ؟

4 - ވުޟޫކޮށްގެން ނަމާދު ކުރުމަށްޓަކައި މިސްކިތަށް ދިއުމަށް ނުކުމެ އަޅައި ކޮންމެ ފިޔަވަޅަކީ ފާފައެއް ފުއްސަވާ ދެއްވާނެ ފިޔަވަޅެކެވެ. ދަރަޖަ އުފުއްލަވާ ދެއްވާނެ ފިޔަވަޅެކެވެ. ވީމާ މިފަދަ ކަމެއްގައި ބުއްދިވެރިއަކު ފަރުވާ ކުޑައެއް ނުކުރާނެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. އެކަމެއްގެ ސަބަބުން ކުށްފާފަތައް ފުއްސަވާ ދެއްވައި،  ދަރަޖަތައް އުފުއްލަވާ ދެއްވައި ކަމެއްގެ ވާހަކަ ވިދާޅު ދެއްވަން ހެއްޔެވެ؟ އަޞްޙާބު ބޭކަލުން އާދޭހޭ ދެންނެވުމުން ޙަދީސް ކުރެއްވިއެވެ.އެއީ " إسْبَاغُ الوُضُوءِ عَلَى المــَكَارِهِ ، وكَثْرَةُ الخُطَا إلَى المــَسَاجِدِ ، وَانْتِظَارُ الصَلَاةِ بَعْدَ الصَلَاةِ ،  فَذَلِكُمْ الرِبَاطُ - [4]  ބުރަކަންމަތީގައި ވުޟޫ ފުރިހަމަކޮށް ކުރުމާއި މިސްކިތަށް ދިއުމަށްޓަކައި ފިޔަވަޅު އެޅުން ގިނަކުރުމާއި، އެއް ނަމާދަށްފަހު އަނެއް ނަމާދަށް އިންތިޒާރު ކުރުމެވެ. ފަހެ އެއީ ޖިހާދެވެ." އަޅުގަނޑުމެންގެ ގުނަވަންތަކަށް ކޮންމެ ދުވަހަކު ކިތައް ފާފަ ކުރެވޭނެތޯއެވެ؟ މިފާފަތައް ފުހެލުމަށް ކިހާވަރަކަށް ބޭނުން ވާނެތޯއެވެ؟ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ކިތަންމެ ޙަދީސްފުޅުތަކަކުން އެނގޭ ގޮތުގައި ވުޟޫކުރާއިރު ގުނަވަނުން އޮހޮރިގެން ފައިބާ ފެންތިކިތަކާއެކު ކުށްފާފަތައްވެސް ނުކުމުގެން ދާނެއެވެ.

5 - ވުޟޫ ފުރިހަމަކުރާ މީހުން ޤިޔާމަތް ދުވަހު ގަހަނާއިން ޒީނަތްތެރި ވެގެން ދާނެއެވެ. އޭނާގެ ވުޟޫ ފޯރާ ހިސާބަށް ގަހަނާވެސް ފޯރާނެއެވެ.

6 - ސާފުތާހިރު ކަމާއި ވުޟޫމަތީ ދެމިހުންނަ މީހާއަށް ރަޙްމަތް ލެއްވުމަށް މަލާއިކަތުން ދުޢާ ކުރައްވާނެއެވެ. ވުޟޫ ކޮށްގެން މުޞައްލަމަތީ ހުރިހާ އިރަކު މަލާއިކަތުން އޭނާއަށް ފާފަފުއްސަވާ ދެއްވުމަށް ދުޢާ ކޮށްދެއްވާނެއެވެ.އަޅުގަނޑުމެންގެ ތެރޭގައި މަލާއިކަތުންގެ ދުޢާއަށް ނޭދޭނެ މީހަކު ހުންނާނެ ބާވައެވެ؟ މި ދަރުމައާ އެއްފަދަ އެހެން ދަރުމައެއް އޮންނާނެ ބާވައެވެ.

7 - ވުޟޫގެ އަސަރުގެ ސަބަބުން މުއުމިނުންގެ ނިތްކުރިތަކާއި އަތާއި ފައި އަލިވެގެން ދާނެއެވެ. އަނދިރިކަމާއި ބިރުވެރިކަމުގެ ވަގުތުގައި މިއަލީގެ ސަބަބުން ހިތްހަމަޖެހުން އޭނާއަށް ލިބޭނެއެވެ. ޤިޔާމަތްދުވަހު އެކަލޭގެފާނަށް އެކަލޭގެފާނުގެ އުއްމަތުގެ މީހުން މި ޢަލާމާތުގެ ސަބަބުން ފާހަގަ ކުރެއްވޭނެއެވެ. ރަސޫލުގެފާނު އެމީހުންނަށް ޙައުޟު ކައިރީގައި އިންތިޒާރު ކުރައްވާނެތެވެ. އިތުރު އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. "فإنَّهم يأتونَ يومَ القيامةِ غرًّا مُحجَّلينَ منَ الوضوءِ وأَنا فَرَطُهُم على الحوضِ [5] -  ފަހެ ހަމަކަށަވަރުން އެބައިމީހުން ޤިޔާމަތް ދުވަހު ތިބޭނީ ވުޟޫގެ ސަބަބުން މޫނާއި ދެއަތާއި ދެފައި އަލިވެފައެވެ. އަދި ތިމަންކަލޭގެފާނު ޙައުޟު ދޮށުގައި އެބައިމީހުންގެ އިންތިޒާރުގައިހުންނަވާނަމެވެ. "  އެކަލޭގެފާނުގެ ޙައުޟު ސިފަކޮށް ދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. " حَوْضِى مَسِيرَةُ شَهْرٍ وَمَاؤُهُ أَبْيَضُ مِنَ الْوَرِقِ وَرِيحُهُ أَطْيَبُ مِنَ الْمِسْكِ وَكِيزَانُهُ كَنُجُومِ السَّمَاءِ فَمَنْ شَرِبَ مِنْهُ فَلاَ يَظْمَأُ بَعْدَهُ أَبَدًا [6] - ތިމަންކަލޭގެފާނުގެ ޙައުޟަކީ [7] އެއްމަސް ދުވަހުގެ ރާސްތާގެ ދިގުމިނުގެ ތަނެކެވެ. އެތާނގެ ފެން ރިއްސަށްވުރެ ހުދެވެ. އޭގެ ވަސް ގޮމަކަސްތޫރިއަށްވުރެ މީރެވެ. އެތާނގެ ކޫޒުތައް އުޑުގެ ތަރިތައް ފަދައެވެ. އެ ތަނުން ފެން ބުއި މީހަކު ދުވަހަކުވެސް ކަރު ނުހިއްކާނެތެވެ. "  

8 - ޠަހާރަތަކީ ތަފާތު ބާވަތް ބާވަތުގެ ޠާޢަތްތަކަށް މަގު ތަނަވަސް ކޮށްދޭ ކަމެކެވެ. އެއީ ސުންނަތް ނަމާދުކުރުން އިތުރު ކުރުމަށާއި ޤުރްއާން ކިޔެވުން ގިނަކުރުމަށް އެހީވެދޭނެ ކަމެކެވެ. އެއީ ހިތްހަމަ ޖައްސާދޭނެ ހަތިރާކެވެ. ބިރުވެރި ކަމެއް ކުރިމަތިވާ ހިނދު މާތް ﷲގެ ޙަޟްރަތަށް ޠާހިރުކަމާއެކު ކުރިމަތިލެވޭ ނެތީއެވެ. މާތް ﷲ ރުއްސުންލެއްވި ބިލާލުގެ ފާނަކީ ސުންނަތް ނަމާދު ކުރެއްވުމަށްޓަކައި ޠާހިރުކަމުގެ ބޭނުން ރަނގަޅަށް ހިއްޕެވި ބޭކަލެކެވެ. ކީރިތި ރސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ. އޭ ބިލާލޭވެ އިސްލާމްދީނުގައި ކަލޭގެފާނު ކުރައްވައިފައިވާ އެންމެ ރަނގަޅު ޢަމަލާ ބެހޭގޮތުން އެއްޗެއް ވިދާޅުވެ ބައްލަވާށެވެ. ހަމަކަށަވަރުން ތިމަން ކަލޭގެފާނަށް ސުވަރުގެއިން ކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅުގެ އަޑު އިވި ވަޑައިގަންފިއެވެ.  އެހިނދު ބިލާލުގެފާނު ދެންނެވިއެވެ. ރަނގަޅު ޢަމަލެއްކަމަށް ދެކެވަޑައި ގަންނަވާ މާބޮޑުކަމެއް ތިމަން ކަލޭގެފާނު ނުކުރައްވަމެވެ. އެކަމަކު ތިމަން ކަލޭގެފާނު ރޭގަނޑުގެ ވަގުތެއްގައި ވިޔަސް އަދި ދުވާލުގެ ވަގުތެއްގައި ވިޔަސް ޠާހިރުވެ ވަޑއިގަންނަވާ ކޮންމެ ވަގުތަކު އެ ޠަހާރަތުގެ މަތީގައި ނަމާދެއް ކުރައްވަމުއެވެ. އެއީ ތިމަން ކަލޭގެފާނުގެ މައްޗަށް ވާޖިބުވެފައިވާ ނަމާދެއް ނޫނެވެ. " ވުޟޫ މަތީގައި ނުހުރެވުމުގެ ސަބަބުން ކިތައް ފަހަރަށް ޖަމާޢަތުގެ ނަމާދު ކައްސާލައިގެން ދޭތޯއެވެ؟

9 - ވުޟޫއަކީ ރުޅި މަޑުކުރުވާ އަދި ޝައިޠާނާ ފޭކުރާ އެއްޗެކެވެ. އެހެނީ ރުޅިއަކީ ޝައިޠާނާގެ ފުށުން އަންނަ ކަމެކެވެ. ޝައިޠާނާ ހައްދަވައިފައިވަނީ އަލިފާނުންނެވެ. އަލިފާން ނިއްވާދޭ އެއްޗަކީ ފެނެއެވެ. ކީރިތި ރަސޫލާ ޙަދީސް  ކުރައްވަނީ " إِنَّ الْغَضَبَ مِنَ الشَّيْطَانِ، وَإِنَّ الشَّيْطَانَ خُلِقَ مِنَ النَّارِ، وَإِنَّمَا تُطْفَأُ النَّارُ بِالْمَاءِ، فَإِذَا غَضِبَ أَحَدُكُمْ فَلْيَتَوَضَّأْ [8] -  ހަމަކަށަވަރުން ރުޅިއަކީ ޝައިޠާނާގެ ކަމެކެވެ. އަދި ހަމަކަށަވަރުން ޝައިޠާނާ ހައްދަވައިފައި ވަނީ އަލިފާނުންނެވެ. އަދި ހަމަކަށަވަރުން އަލިފާން ނިވެވެނީ ފެނުންނެވެ. ފަހެ ތިޔަބައި މީހުންގެ ތެރެއިން މީހަކު ގާތަށް ރުޅި އަތުވެއްޖެނަމަ ވުޟޫ ކުރާހުށި ކަމެވެ."

10 - ޠަހާރަތަކީ ހަށިގަނޑު ކުނިމިލައިން ސާފުކޮށްދީ، ބަލިތަކުން ޖިސްމު ރައްކައުތެރި ކޮށްދޭ ކަމެކެވެ. މީގެ އިތުރަށް ވުޟޫއަކީ ނަފްސަށް ހިތްހަމަ ޖެހުން ގެނެސްދީ، މޫނު އަލިކޮށް ހިތް އުޖާލާކުރާ ކަމެކެވެ. އަޅުގަނޑުމެންގެ އައްސަލަފުއްޞާލިޙުން ވަނީ ޠަހާރަތުގެ ރޫޙާނީ އަދި އަޅުވެރިކަމުގެ އަގުތައް ރަނގަޅަށް ދެނެވަޑައި ގެންފައެވެ. އޭގެ ތެރެއިން ބައެއް ބޭކަލުން ޢިޝާ ނަމާދަށް ކުރައްވާ ވުޟޫގައި ފަތިސް ނަމާދު ކުރައްވައިފައިވެއެވެ. މީގެ މާނައަކީ އެބޭކަލުން ރޭގަނޑު ހޭދަކުރައްވައިފައި ވަނީ މާތް ﷲ ގެ މަތިވެރި ދަރުބާރު ގައެވެ. އަނެއްބައި ބޭކަލުން ފަތިސްނަމާދަށް ކުރައްވާ ވުޟޫމަތީގައި ދެމި ތިއްބަވާ ޢިޝާ ނަމާދު ކުރައްވައިފައިވެއެވެ. އެބޭކަލުންގެ ޙަޔާތްޕުޅަކީ މިފަދަ ރޫޙާނީ ސާފު ޙަޔާތްޕުޅެކެވެ. އެބޭކަލުންގެ ހަށިކޮޅުތައް ބުރުޖަހައިފައި ވަނީ މާތް ﷲ އަށް ޠާޢަތު އަދާކުރުމުގެ ބުސްތާނުގެ މައުމެލާމެލީގެ މީރު ޝަޛާއާ އެކުގައެވެ. މާތް ﷲ ރުއްސުންލެއްވި އަލްބަރާއު ބުނު ޢާޒިބުގެ ރިވާކުރެއްވިގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސް ކުރެއްވިއެވެ." إِذَا أَتَيْتَ مَضْجَعَكَ فَتَوَضَّأْ وُضُوءَكَ لِلصَّلاَةِ ثُمَّ اضْطَجِعْ عَلَى شِقِّكَ الأَيْمَنِ وَقُلِ اللَّهُمَّ أَسْلَمْتُ وَجْهِى إِلَيْكَ وَفَوَّضْتُ أَمْرِى إِلَيْكَ وَأَلْجَأْتُ ظَهْرِى إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِى أَنْزَلْتَ وَبِنَبِيِّكَ الَّذِى أَرْسَلْتَ ». قَالَ « فَإِنْ مِتَّ مِتَّ عَلَى الْفِطْرَةِ وَاجْعَلْهُنَّ آخِرَ مَا تَقُولُ [9] - ތިބާ ނިދަން އެނދަށް އަރައިހިނދު ފަހެ، ތިބާ ނަމާދަށް ވުޟޫ ކުރާގޮތަށް  ވުޟޫ ކުރާށެވެ. އެއަށްފަހު ކަނާތް ފަރާތަށް އޮށޮއޮންނާށެވެ! އަދި އެއަށްފަހު ( اللَّهُمَّ أَسْلَمْتُ وَجْهِى إِلَيْكَ وَفَوَّضْتُ أَمْرِى إِلَيْكَ وَأَلْجَأْتُ ظَهْرِى إِلَيْكَ رَهْبَةً وَرَغْبَةً إِلَيْكَ لاَ مَلْجَأَ وَلاَ مَنْجَى مِنْكَ إِلاَّ إِلَيْكَ آمَنْتُ بِكِتَابِكَ الَّذِى أَنْزَلْتَ وَبِنَبِيِّكَ الَّذِى أَرْسَلْتَ ) މި ދުޢާ ކިޔާށެވެ! ޙަދީސްކުރެއްވިއެވެ. ފަހެ ތިބާ މަރުވިނަމަ އެ މަރުވެވުނީ ފިޠުރަތުގެ މަތީގައެވެ. އެއީ ތިބާ އެންމެ ފަހުން ކިޔާ އެއްޗެއް ކަމުގައި ހަދާށެވެ. "  މި ޙަދީސްފުޅުގައި ﷲގެ ރަސޫލާ އަޅުގަނޑުމެންނަށް އިރްޝާދު މި ދެއްވަނީ  ނިދަން އޮށޮއޮތުމުގެ ކުރިން ކުރަން ޖެހޭ ސުންނަތަކަށެވެ. އެކަން ުރުމަށް ފަހު މަރުވެއްޖެނަމަ ﷲގެ ޙަޟްރަތަށް ސާފު ސީދާ މަގުގައި އޭނާ ދާނެތެވެ. ފިޠުރަތަކީ ﷲ އަށް އީމަންވެ ޙައްޤު މަގަށް ތަބާވުމެވެ. ފިޠުރަުގެ މަތީގައި މަރުވުމަކީ ބޮޑުވެގެންވާ އިނަމެކެވެ. މާތް ﷲ ދެއްވާ ބޮޑު ޝަރަފއކެވެ. މާތް ﷲ ވަޙީ ކުރެއްވުއެވެ. " فَأَقِمْ وَجْهَكَ لِلدِّينِ حَنِيفًا ۚ فِطْرَتَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا ۚ لَا تَبْدِيلَ لِخَلْقِ اللَّهِ ۚ ذَٰلِكَ الدِّينُ الْقَيِّمُ وَلَٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ [10] - ފަހެ، باطل މަގުން އެއްކިބާވެ، حق ގެ މަގަށް تبع ވެގެންވާ حال، ކަލޭގެފާނުގެ މޫނުފުޅު إسلام دين އާ ކުރިމަތި ކުރައްވާށެވެ! އެއީ މީސްތަކުން އެ فطرة އެއްގެ މައްޗަށް އުފެއްދެވި اللَّه ގެ فطرة އެވެ. اللَّه އުފެއްދެވި އުފެއްދެވުމަށް ބަދަލެއް ގެނައުމެއް ނެތެވެ. ސީދާވެގެންވާ دين އަކީ އެއީއެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެކަމެއް) ނުދަނެތެވެ.. "  ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ މި ބަސްފުޅުގައި ހިމެނޭ ޝަރްޢި ތިން  ކަމެއް ވެއެވެ. ފުރަތަމަ ކަމަކީ ނިދުމަށް ޓަކައި އެދަށް އެރުމުގެ ކުރިން ވުޟޫ ކުރުމެވެ. ދެވަނަ ކަމަކީ ކަނާތް ފަރާތަށް އޮވެ ނިދުމެވެ. އެއަށްފަހު ހެޔޮ ދުޢާކޮށްގެން ނިދުމެވެ.  މި ގޮތަށް ނިދާފައި އޮތްވައި ހޭލެވުމުން ކަމަކަށް އެދި މާތް ﷲ އަށް ދަންނަވައިފިނަމަ، އެކަލަނގެ އެކަމެއް ފުއްދަވައި ދެއްވާނެތެވެ. މާތްﷲ ރުއްސުންލެއްވި މުޢާޛު ބުނު ޖަބަލު ވިދާޅުވިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީސްކުރެއްވި އަޑުފުޅު އެއްސެވީމެވެ. " مَا مِنْ مُسْلِمٍ يَبِيتُ عَلَى ذِكْرٍ طَاهِرًا فَيَتَعَارُّ مِنَ اللَّيْلِ فَيَسْأَلُ اللَّهَ خَيْرًا مِنَ الدُّنْيَا وَالآخِرَةِ إِلاَّ أَعْطَاهُ إِيَّاهُ [11] - މުސްލިމަކު ޠާހިރު ޙާލުގައި ޒިކްރުކުރުންމަތީގައި ނިދާފައި އޮތްވައި ހޭލެވުމުން ދުނިޔޭގެ ނުވަތަ އާޚިރަތުގެ ހެޔޮ ކަމަކަށް އެދި ﷲއަށް ދެންނެވިނަމަ އެކަލާނގެ އެމީހަކަށް އެކަމެއް ދެއްވާނެތެވެ."

11 - ވުޟޫއަށް ރައްކައުތެރިވާ މުއުމިނުންނަށް މަތިވެރި ސަވާބާއި އުޖޫރަ ﷲ ގެ  ޙަޟްރަތުގައި ވެއެވެ. ކީރިތި ރަސޫލާއަށް ތަބާވުމުގެ ސަވާބުގެ އިތުރަށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ އަވަހާރަފުޅު ލެއްޕެވުމަށްޓަކައި ވުޟޫކުރެއްވި ބޭކަލެކެވެ. ގެކޮޅުން ބޭރަށް ނުކުމެވަޑައި ގަންނަވަމުން ވުޟޫ ކުރެއްވި ބޭކަލެކެވެ. އަނބިއަނބި ކަނބަލުންނާއެކު ދާންކޮޅަށް ވަޑައިގަންނަވާ އިރުގައި ވެސް ވުޟޫ ކުރެއްވިއެވެ. ކުރުކޮށް ދަންނަވާނަމަ ހުރިހައި ޙާލަތުތަކެއްގައި، އަދި ހުރިހައި ވަގުތު ތަކެއްގައި އެކަލޭގެފާނު  ވުޟޫ މަތީގައި ދެމިހުންނެވިއެވެ.

އަޅުގަނޑުމެންނަށް ވުޟޫ މަތީގައި ތިބުން ދަތިވަނީ ވުޟޫގެ މާތްކަމާއި ޠަހާރަތުގެ މުހިންމުކަން ނުވިސްނޭތީ ކަމަށް ވެދާނެއެވެ. ރޫޙާނިއްޔަތުގެ މައްޗަށް ދެވޭ އިސްކަމަށްވުރެ ޖިސްމާނިއްޔަތަށް ދެވޭ އިސްކަން ބޮޑުވުމުގެ ސަބަބުންކަމަށް ވެސް ވެދާނެއެވެ.


[1] - المائدة : 6

[2]  -  البقرة : 222

[3]  - روى مسلم (234) وأبو داود (169) والنسائي (148) والترمذي (55) وابن ماجة (470) وأحمد (122)

[4]  - رواه مسلم

[5]  - رواه النسائى

[6] -  رواه البخارى ومسلم

[7]  - ޙައުޟުގެ މާނައަކީ އާރެވެ.

[8]  - رواه الطبرانى والبيهقى وأحمد

[9]  -  رواه البخارى  ( 6311 )

[10]  - الروم :30

[11]  - رواه أبو داود والنسائى

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.