ސަގާފީ ތަރިކައިގެ ބިލާއި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ދެވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ސަޤާފީ ތަރިކައިގެ ބިލަކީ މިއަހަރުގެ އޯގަސްޓްމަހުގެ 28 ވީ ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 43 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
ސަޤާފީ ތަރިކައިގެ ބިލަކީ ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ކަމާގުޅޭ ގޮތުން ދައުލަތާއި ފަރުދުންގެ ޒިންމާތައް ކަނޑައެޅުމާއި، ސަގާފީ ތަރިކައަށް ގެއްލުން ލިބޭފަދަ ގޮތަށް ހިންގާ ޢަމަލުތަކަކީ ކުށުގެ ގޮތުގައި ބަޔާންކޮށް އެއަށް އަދަބު ކަނޑައެޅުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކައާބެހޭ ދިރާސާތައް ކުރުމާއި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ބެލެހެއްޓުމާ ގުޅޭ އެނޫންވެސް އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނުގެ ބިލެވެ.
މި ބިލުގެ މަޤްޞަދުތަކުގެ ތެރޭގައި ރާއްޖޭގެ ސަގާފީ ތަރިކަ މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި، ދިވެހިރާއްޖޭގެ ސަގާފީ ތަރިކަ ދެނެގަނެ، ސަގާފަތް ދިރުވައި އާލާކޮށް، އެ ތަކެތި ގިންތިކޮށް ދަފްތަރުކުރުމާ ގުޅޭ އުސޫލުތައް ބަޔާންކުރުން ވެސް ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމާއި، ސަގާފީ ތަރިކަ ރައްކާތެރިކުރުމުގައި އެކިއެކި ފަރާތްތަކުގެ ޒިންމާތައް ބަޔާންކުރުމާއި ހެރިޓޭޖް ޓްރަސްޓް ފަންޑު ޤާއިމުކޮށް ހިންގުމާބެހޭ އުސޫލުތައް ބަޔާންކުރުމުގެ އިތުރުން ޤާނޫނުގެ ދަށުން ކުށުގެ ގޮތުގައި ބަޔާންކުރާ ކަންކަމާއި، އެ ކުށްތަކަށް އަދަބު ކަނޑައެޅުމާ ގުޅޭ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވި ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލަކީ މި ހިނގާ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 45 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުގައި މީރާގެ ބޯޑުއެކުލެވިގެންވާ ގޮތަށް އިސްލާޙް ހުށަހަޅާފައިވެއެވެ. އެގޮތުން މީރާގެ ބޯޑު އެކުލެވިގެން ވަނީ 7 މެންބަރެއްގެ މައްޗަށްކަން ބަޔާންކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ 5 މެންބަރަކާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ. މީގެ އިތުރުންވެސް ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ އެކިއެކި މާއްދާތަކަށް މި ބިލުން އިޞްލާހު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މަޢުލޫމާތު ބަދަލުކުރުމުގެ އެއްބަސްވުމާބެހޭ މާއްދާއަކާއި މުޢާހަދާއަށް ޢަމަލުކުރުމާބެހޭ މާއްދާއެއް އިތުރުކޮށް ޤާނޫނުގެ ފަސްވަނަ ބާބުގެ ސުރުޚީގެ ނަން ބަދަލުކުރުން ހިމެނެއެވެ.
މި ދެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާ ގުޅިގެން މި ބިލުތައް ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.
(ޚަބަރާއި ފޮޓޯ: ރައީސް އޮފީސް)