ރާއްޖޭގައި މާބަނޑު މީހުން މަރުވާ ޢަދަދު އާދަޔާ ޚިލާފަށް ދަށަށް

ދިވެހިރާއްޖޭގައި މާބަނޑު އަންހެނުން މަރުވާ ޢަދަދު ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި 90 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށް އަލިފުދާލުގެ ދިރާސާތަކުން ހާމަވާ ކަމަށް ޔޫއެންއެފްޕީން ހާމަކޮށްފިއެވެ. މިއީ ދުނިޔޭގެ ރެކޯޑެކެވެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި މި ޢަދަދު މިހައި ދަށަކަށް ނުދެއެވެ.

1990 ވަނަ އަހަރުގެ ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދަރިމައިވާ ކޮންމެ އެއް ލައްކަ މީހެއްގެ ތެރެއިން 677 މީހުން ވަނީ ވިހެއުމުގެ ތެރޭގައި ނުވަތަ ވިހެއުމަށް ފަހު ދިމާވާ ސިއްހީ މައްސަލައެއްގެ ސަބަބުން މަރު ވެފައެވެ. ތަފާސް ހިސާބު ތަކަށް ބަލާއިރު މި ދިޔަ އަހަރު މަރު ވެފައި ވަނީ އެންމެ 68 މީހުންނެވެ. މިއީ ހައިރާން ވާފަދަ ބޮޑު ބަދަލެއް ކަމަށް ޔޫއެންއެފްޕީން ހާމަ ކޮށްފައި ވެއެވެ.

މި ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދަރިމައިވާ މީހުން މަރުވާ ޢަދަދު ކޮންމެ އަހަރަކު ވަނީ 9.2 އިންސައްތަ ދަށަށް ގޮސްފައެވެ. މި ޢަދަދު މި ގޮތަށް މެދު ނުކެނޑި 25 އަހަރު ވަނީ ހިފަހައްޓާފައެވެ. ދުނިޔޭގެ އެހެން ގައުމުތަކަށް ބަލާއިރު ރާއްޖެ ނޫނީ ދެން އެންމެ ބޮޑު މިންވަރަކަށް އެއްވެސް ގައުމަކުން ދަށަށް ގެންދެވިފައި ވަނީ އެންމެ 2.3 އިންސައްތަ އަށެވެ.

މީގެ ވިއްސަކަށް އަހަރު ކުރިއަށް ބަލާއިރު މާބަނޑު މީހުންނަށް ފަރުވާ ދިނުމާއި ވިއްސުމުގެ ކަންތައްތައް ރާއްޖޭގައި އޮތީ ރަނގަޅު ފެންވަރެއްގައެއް ނޫނެވެ. އޭރު ރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ. އޭގެ ތެރެއިން 5000 އަށް ވުރެ ގިނަ އަދަދަކަށް މީހުން ދިރިއުޅެނީ އެންމެ ހަތަރު ރަށުގައެވެ.

އޭރު ރާއްޖޭގައި ހުރި މަދު ސަރަހައްދީ ހަސްފަތާލެކެވެ. ސިއްހީ ޚިދުމަތުގެ ފެންވަރު އޮތީ ހެޔޮވަރަކަށް ތަރައްގީ ވެފައެއް ނޫނެވެ.

"ދިމާވާ ބޮޑެތި ސިއްހީ މައްސަލަތައް ހައްލު ކުރެވޭ ވަރުގެ ވަސީލަތެއް އޭރަކު އަޅުގަނޑުމެންގެ އަތަކު ނެތެވެ. އެކަށީގެންވާ ޢަދަދަކަށް ސިއްހީ ދާއިރާގެ މީހުންނެއް ނެތެވެ." ރާއްޖޭގެ ސިއްހީ ދާއިރާގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ އަޙްމަދު ޚަލީލް ވިދާޅުވިއެވެ. އޭނާއަކީ 1990 ގެ ތެރޭގައި ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ދަރިމައިވުމުގެ ސިއްހަތާ ގުޅޭ ދާއިރާގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އެއް ބޭފުޅެކެވެ.

މާބަނޑުމީހުން މަރުވުމުގެ މައްސަލައާއި ވިހެއުމަށް ފަހު ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި އަންހެނުން މަރުވުމުގެ މައްސަލަ ދިވެހިރާއްޖޭގައި އޮތީ ކަންބޮޑުވާ މިންވަރަކަށް ބޮޑު މައްސަލައެއްގެ ގޮތުގައެވެ. ވުމާއެކު ސަރުކާރުން ހުރިހައި ދިމާއަކުން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅައި މައްސަލަ ހައްލު ކުރުމާ ދިމާއަށް ދަތުރު ފެށްޓިއެވެ.

މާބަނޑު މީހަކު މަރުވެއްޖެ ނަމަ، ނުވަތަ ވިހެއުމަށްފަހު ދިމާވާ މައްސަލައަކުން މީހަކު މަރުވެއްޖެނަމަ ސަބަބުތައް ހޯދައި ދެނެގަނެ ސިއްހީ ދާއިރާގެ މީހުން އެފަދަ ކަންކަމަށް ހޭލުންތެރި ކުރުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފެށްޓިއެވެ.

ރަށްރަށުގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް އިތުރު ތަމްރީނުދީ، ގޭގެއަށް ޒިޔާރަތްކޮށް ރަށުތެރޭގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށް ގެންދިޔައެވެ. ވިހެއުމުގެ ތެރޭގައި މައްސަލައެއް ކުރިމަތިވެދާނެކަން އެނގޭ މީސްމީހުންނަށް އިތުރު ސަމާލު ކަމަކާއެކު ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުން ދިޔައެވެ.

"ނުރައްކާތެރިކަން ކުރިމަތިވުން ބޮޑު މީސްމީހުންނަށް ފަރުވާ ދޭން އަޅުގަނޑުމެން އިސްކަން ދިނީމެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި މިފަދަ މީހަކު ހުއްޓަސް އަޅުގަނޑަށް އެނގޭނެއެވެ." ޚަލީލް ވިދާޅުވިއެވެ.

ދަތުރު ކޮށްފައި ދެގަޑިއެއްހައި އިރުން ދެވޭ ހިސާބަކުން މާބަނޑު މީހަކަށް ފަރުވާ ދޭން ޖެހިއްޖެ ނަމަ ކުއްލި ހާލަތުގައި އެކަން ކުރެވޭނޭ ވަސީލަތްތައް ރާއްޖޭގައި ގާއިމު ކޮށްދޭން ޔޫއެންއެފްޕީގެ މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މި މަގުސަދު ހާސިލު ކުރުމަށްޓަކައި މުޅި ސިއްހީ ދާއިރާ ތަރައްގީ ކުރާން މަސައްކަތް ކުރެވެމުން ދިޔައެވެ.

ޔޫއެންއެފްޕީގެ އެހީތެރިކަމާއެކު 12 ރަށެއްގެ ސިއްހީ އިދާރާގައި ވިއްސާ ކޮޓަރި ގާއިމު ކުރެވުނެވެ. އަދި ސަރަހައްދީ ހަތަރު ހަސްފަތާލެއްގައި އަންހެނުންގެ ޚާއްސަ ޑަކްޓަރުންގެ ޚިދުމަތް ދޭން ފެށްޓުނެވެ.

މީގެ އިތުރަށް ވިހެއުމުގައި ދޭތެރެ ކުރުމާ ބެހޭ މަޢުލޫމާތު އާއްމު ކުރުމުގެ މަސައްކަތް ދިޔައީ ކުރެވެމުންނެވެ. ސިއްހީ އެހީތެރިން ގޭގެއަށް ގޮސް މަޢުލޫމާތު ދިނެވެ. ވިހެއުމުގައި ދޭތެރެ ކުރުމުގެ ސިއްހީ ފައިދާއާއި ދޭތެރެ ދުރު ނުކުރާ ނަމަ ދިމާވާ ނުރައްކަލާއި މައްސަލަތައް ކިޔައިދީ ހޭލުންތެރި ކުރުވަމުން ގެންދިޔައެވެ.

ދޭތެރެ ދުރުކުރުމަށްޓަކައި ބޭނުން ކުރެވިދާނޭ އެކި ކަހަލަ ބޭހާއި އާލާތް ޔޫއެންއެފްޕީން ގެންދިޔައީ ރާއްޖެއަށް ފޯރުކޮށް ދެމުންނެވެ.

މީގެ އިތުރަށް ދިވެހި ސަރުކާރުން ގެންދިޔައީ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ހިންގަމުންނެވެ. އޭގެ ތެރޭގައި ޓީވީ ރޭޑިއޯ ޑްރާމާއާއި ލަވަޔާއި ލިޔުންތައް ޢާއްމުކޮށް ފެތުރުން ހިމެނެއެވެ.

ހެލްތު މިނިސްޓްރީގެ ރިޕޯޓެއްގައިވާ ގޮތުގައި މިއަދު ރާއްޖޭގެ 20 އަތޮޅުގައި މާބަނޑު މީހުންނަށް އެކަށީގެންވާ ފަރުވާ ލިބޭނޭ ގޮތް ވަނީ ހަދައިފައެވެ. ހުރިހައި ރަށެއްގައި ފޫޅުމައިން އެބަތިއްބެވެ.

މި ހުރިހައި ޚިދުމަތަކާއެކުވެސް ރާއްޖޭގެ ސިއްހީ ދާއިރާގެ ހުރިހައި މައްސަލަތަކެއް އަދި ހައްލެއް ނުކުރެވެއެވެ. ދާއިރާގައި މަސައްކަތް ކުރާ މީހުން އަދިވެސް އެކަށީގެންވާ ވަރަކަށް ނެތެވެ. ވަކި ބަލިތަކަށް ޚާއްސަ ޑަކްޓަރުންނަކީ ބިދޭސީންނެވެ. އެއިން މީހަކު ފުރައިގެން ހިނގައްޖެ ނަމަ އެ މީހަކު މަސައްކަތް ކުރި ދާއިރާއަކަށް އަރާ ބުރޫ ހަމަޖެއްސުން އަދިވެސް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.

ޔޫއެންއެފްޕީން ފާހަގަ ކުރާ ގޮތުގައި އަދިވެސް ޖިންސީ ގުޅުމާއި ދަރިމައިވުމާ ބެހޭ މަޢުލޫމާތު ދެނީ ހަމައެކަނި ދެމަފިރިންނަށެވެ. ޖިންސީ ގުޅުން ހިންގުމަކީ މީހަކާ ނީނދެ ހުންނަ މީހަކަށް ހުއްދަ ކަމެއް ނޫނެވެ. ރާއްޖޭގައި މިހާރު މަރުވާ މާބަނޑުމީހުންގެ ތެރެއިން ގިނަ މީހުންނަކީ ދަރިވެއްޓުމުގެ ސަބަބުން ދިމާވާ މައްސަލަތަކުގައި މަރުވާ މީހުންނެވެ. އެހެންވީމާ އެކަށީގެންވާ މަޢުލޫމާތާއި ދަރިމައި ނުވާނެ ފަދަ ގޮތަކަށް ޖިންސީ ގުޅުން ހިންގާން ބޭނުންވާ ވަސީލަތްތައް މީހަކާ ނީނދެ ތިބޭ މީހުންނަށްވެސް ލިބޭނޭ ގޮތް ހަދާން ޖެހޭ ކަމަށް ޔޫއެންއެފްޕީން ދެކެއެވެ. އަދި ޖިންސީ ގުޅުމާ ބެހޭ މަޢުލޫމާތު އިސްކޫލުތަކުގައި ކިޔަވައިދޭން ބާރުއަޅާ ކަމަށްވެސް ޔޫއެންއެފްޕީގެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ. (މަޢުލޫމާތު: ޔޫއެންއެފްޕީ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.