(7 އޯގަސްޓު 2019ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"އަހަރެން އޭނާ ގެނައީ އެތަނުން. ގެންގޮސް ލީ ވެސް އެތަނަށް."
އޭނާގެ މައިންބަފައިންގެ މޫނުމަތިން ފެންނަނީ ހައިރާންކަމެވެ.
"އެކަމަކު އެއީ އިމާމާ އެއް ނޫން. އަހަރެން ލާހޯރަށް ދިޔައީ އިހައް ދުވަހު. އޭނަ ގޮވައިގެން އައީ އެރޭ އޭނައާއެކު ވަގުތު ހޭދަކުރަން. މިހާރު އޭނަވީ ލާހޯރުގައި.." އޭނަޔާ ގުޅޭނެ ނަންބަރެއް ނެތް އަހަރެން އަތަކު. އެކަމަކު އަހަރެން ގޮވައިގެން ލާހޯރަށް ދިއުމުން އޭނާ ކައިރިއަށް ގެންގޮސްފާނަން ނޫނީ އެޑްރެސް ދީފާނަން. އޭރުން ފުލުހުންނަށް އޭގެ ތެދުދޮގު ބެލޭނެ."
ކޮޓަރިއަށް އޮތީ ހިމޭންކަން ވެރިވެފައެވެ. ސިކަންދަރާއި ޠައްޔިބާ ބުނާނެ އެއްޗެއް ނޭނގިފައި ސާލާރަށް ބަލަހައްޓައިގެން ތިއްބެވެ. އޭނާ އިނީ ކުޑަދޮރުން ބޭރަށް ބަލަހައްޓައިގެންނެވެ. އޭނަގެ މޫނުމަތިން ހާސްކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ.
"ދަރިފުޅު ތިކަހަލަ ތަނަކަށް ހިނގައިދާނެ ކަމަކަށް ނުވަތަ ތިކަހަލަ ވިޔާނުދާ ކަމެއް ކޮށްފާނެކަމަށް ގަބޫލުކުރަން ބައްޕައަށް ވަރަށް ދަތި." އަނގައިން ނުބުނެ އެތައް އިރަކު އިނދެފައި ސިކަންދަރް ބުނެލިއެވެ.
"އަހަންނަށް މާފުކުރޭ ބައްޕާ. އެކަހަލަ ތަންތަނަށް ދަން. އިމާމާގެ ބޭބެ ވަސީމަށްވެސް އެކަން އެނގޭނެ. ބައްޕަ ވަސީމް ގާތު އަހާލަބަލަ."
"އެ އަންހެން ކުއްޖާގެ އެޑްރެސް ގެނޭ." ސިކަންދަރް ހަޅޭއްލަވައިގަތެވެ.
"އަަހަރެން ކޮޓަރިއަށް ގޮސް އެޑްރެސް ގެންނަންތަ؟" ގޮނޑިން ތެދުވަމުން ސާލާރް ބުންޏެވެ.
ކޮޓަރިއަށް ގޮސް ރައްޓެއްސަކަށް ގުޅައި ވެގެން އުޅޭ ގޮތް ސާލާރް އޮޅުންފިލުވައިދިނެވެ.
"އަކްމަލް، އެއްކަލަ ނާސިގެ ހުންނަ ސަރަހައްދުގައި ހުންނަ ގެއަކަށް އަހަރެމެން ދަމެއްނު؟ އެގޭގެ އެޑްރެސް އަހަރެން ބައްޕައަށް ދީފިން. އެތަނުން އަހަރެން އެނގޭ ކުއްޖަކަށް މިވާހަކަ ކިޔައިދީބަލަ، އިރުކޮޅަކުން ގުޅާނަން."
ދެން އޭނަ އަވަސްއަވަހަށް ކަރުދާސްކޮޅެއްގައި އެޑްރެސް ލިޔެގެން ގޮސް ސިކަންދަރަށް ދިނެވެ. ސިކަންދަރް ސާލާރްގެ އަތުން ކަރުދާންކޮޅު ޖަހައިގަތެވެ.
"މިތަނުން ނިކުމޭ!"
ސާލާރް މަޑުމަޑުން ކޮޓަރިން ނިކުމެއްޖެއެވެ. ކޮޓަރިއަށް ގޮސް އޭނާ އަކްމަލް އަށް ފޯނުކުރިއެވެ.
"އަހަރެން އެތަނަށް ގޮސްފައި އެބަގުޅަން." އަކްމަލް ބުންޏެވެ.
އަކްމަލްގެ ފޯނު އިންތިޒާރުގައި އޭނާ އެނދުގައި އޮށޯވެލައިގެން އޮތެވެ. ފަނަރަ މިނެޓު ފަހުން އަކްމަލް ގުޅިއެވެ.
"ސާލާރް، ސަނިއްޔާއަށް އަހަރެން ހުރިހާ ވާހަކައެއް ކިޔައިދީފިން." ސާލާރަށް ސަނިއްޔާ އެނގެއެވެ.
"އަކްމަލް، ގަނޑަކާއި ގަލަމެއް ހޯދައިގެން އަހަރެން މި ދައްކާ ވާހަކަ ނޯޓުކުރޭ." އެހެން ބުނެފައި އޭނާ އޭނާގެ ގެ ހުންނަ ތަނާއި، ގެ ސިފަކޮށްދީފިއެވެ.
"ތީ ކޮންކަމެއް؟ އަހަރެން ތިގެއަށް ދިޔައިމެއްނު..؟" އަކްމަލް ހައިރާންވެފައި ބުންޏެވެ.
"ކަލެއަށް ފެނުނަސް ސަނިއްޔާއަކަށް ނުފެންނާނެ. މި ހުރިހާ ތަފްސީލެއް އޭނައަށް ދީ. ފުލުހުންގެ ތަހުގީގަށް މި މައުލޫމާތު ބޭނުންވާނެ. ފުލުހުން އޭނާޔާ ސުވާލުކުރާނެ. އަހަންނާއެކު އިސްލާމްއާބާދަށް އައިތޯ ޔަގީންކުރާނެ. އޭނަ އިސްލާމްއާބާދަށް އައީ ރޭގަނޑު. އެހެންވީމަ އޭނައަކަށް މާ ގިނަ ތަންތަނެއް ނުފެންނާނެ. އެކަމަކު ގޭތެރެއަށް ވަންނަ އިރު ގޭގެ ދެފަރާތުގައި އޮންނަ ވިނަގަނޑު ފެންނާނެ. އަހަރެންގެ ކާރަކީ ރަތްކުލައިގެ ސްޕޯޓްސް ކާރެއްކަން އެނގޭނެ. ކާރުގެ ނަންބަރަކީ..." އޭނާ ކިޔާވަރަކަށް އަކްމަލް ދިޔައީ ނޯޓުކުރަމުންނެވެ. "އަހަރެމެން ހަތަރު ޗެކްޕޯސްޓު ހުރަސްކުރިން. އޭނަ އިނީ ހުދުކުލައިގެ ކުރުތާއަކާއި ހަރުވާޅެއް ލައިގެން. ގައިގައި ހުދުކުލައިގެ ޗާދަރެއް އޮޅައިގެން. ދިޔަ މަގުމަތީގައި ތެޔޮ އަޅާ ތަނަަކަށް މަޑުކުރިން." އެތަނުގެ ނަންވެސް އޭނާ އަކްމަލްއަށް ދިނެވެ. "ދުންފިންޏާ ހެދި އެއްވެސް ތަނެއް ސާފުކޮށް ނުފެނޭ." އެރޭގެ ހުރިހާ މައުލޫމާތެއްގެ ތަފްސީލު ސާލާރް އޭނާއަށް ކިޔައިދިނެވެ.
"މި ތަފްސީލުތައް ހިތުދަސްކުރަން ސަނިއްޔާ ގާތު ބުނޭ." އެއީ އަކްމަލް އަށް އޭނާ އެންމެ ފަހުން ދިން އިރުޝާދެވެ. ދެން ފޯނު ބޭއްވިއެވެ. ސިކަންދަރް އުސްމާނު ކޮޓަރިއަށް ވަން އިރު އޭނާ އިނީ އެނދުމަތީ އިށީނދެލައިގެންނެވެ.
"އެ އަންހެން ކުއްޖާއަށް ކިޔަނީ ކޮން ނަމެއް؟"
"ސަނިއްޔާ." ސުވާލު ކުރުމާއެކު ސާލާރް ޖަވާބު ދިނެވެ. ސިކަންދަރް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ.
***
ސިކަންދަރް ކޮޓަރިން ނުކުމެގެން ދިއުމާއެކު ހާޝިމް މުބީނަށް ނޯޓިސް ފޮނުވި ވަކީލު މަތިން ސާލާރް ހަނދާންވިއެވެ. އެ ވަކީލަކީ ހަސަން ހޯދައިދިން ވަކީލެކެވެ. އޭނާއަކަށް ސާލާރް ސިކަންދަރް ގެ ނަން ވެސް ނޭނގޭނެއެވެ. އެކަމަކު މި މައްސަލައިގައި ހަސަންގެ ބައިވެރިވުން އޮތީމާ އޭނާގެ ބޮލުގައި ރިއްސާލިއެވެ. އެ ވަކީލު މެދުވެރިކޮށް ހާޝިމް މުބީން ހަސަން އާ ގުޅުމަކީ އެކަށީގެންވާ ކަމެކެވެ. ހަސަން މެދުވެރިކޮށް ސާލާރް ހޯދޭނެއެވެ.
ސާލާރް ދެން ފޯނުކުރީ ހަސަނަށެވެ. ދިމާވެގެން އުޅޭ މަައްސަލަ އޭނާއަށް ކިޔައިދިނެވެ.
"އަހަރެން ކިހާވަރަކަށް އިންޒާރު ދިނިން؟" ހަސަން ބުނެލިއެވެ. "އަހަންނަށް ވަސީމާއި އޭނާގެ އާއިލާ ވަރަށް ރަނގަޅަަށް އެނގޭ. އެ މީހުންގެ ނުފޫޒު ނޯންނަ ތަނެއް މަދުވާނެ." އޭނާ ބުންޏެވެ.
އެއީ ސާލާރު މާ ގަޔާވާ ވާހަަކައަކަށް ނުވިއެވެ. "އަހަރެން މިގުޅީ ރަމަލަ ޖައްސާކަށް ނޫން. މި މައްސަލައިގެ ނުރައްކާ އޮތް މިންވަރު ބުނެދޭން."
"ކޮން ނުރައްކަލެއް؟" ހަސަން ސިހިފައި އަހައިލިއެވެ.
"އެއްކަލަ ވަކީލު މެދުވެރިކޮށް އެ މީހުން ކަލޭ ހޯދާނެ. ކަލޭ މެދުވެރިކޮށް އަހަރެން ހޯދޭނެ."
"ނުހޯދޭނެ." ހަސަން ހާހެއް ނުވެއެވެ.
"ކީއްވެ؟"
"ހުރިހާ ކަމެއް ކުރީ ވަރަށް ފަރުވާތެރިކަމާއެކު، އަޅަންވާ ހުރިހާ ސަލާމަތީ ފިޔަވަޅެއް އެޅިން. އެ ވަކީލަށް އަހަންނަކާ ވެސް ނުގުޅޭނެ. އަހަރެން އޭނައަށް ދިނީ ނުބައި ނަންބަރަކާއި އެޑްރެހެއް."
ސާލާރް ހިނިފަޅައިގެން ދިޔައެވެ. ހަސަންގެ ކުޅަދާނަކަން އޭނާއަށް އެނގެންވާނެއެވެ. އޭނާ ހުރިހާ ކަމެއް ވެސް ކުރަނީ ވަރަށް މޮޅަށެވެ. "އަހަރެން ވަކީލާ ބައްދަލުކުރީ އެންމެ ފަހަރަކު. އޭގެ ފަހުން ބައްދަލެއް ނުކުރަން. އޭރު އަހަރެން ހުރީ ސިފަ ބަދަލުކޮށްގެން. އެހެންވީމާ އޭނަޔަށް އަހަރެން ފާހަގަކުރަން އެނގޭނެހެން ހިއެއްނުވޭ. ހާޝިމް މުބީނާ އަހަންނާ ގުޅުވޭނެ ގޮތެއް ވެސް ނޯންނާނެ."
"އެކަމަކު އޭނަޔަށް އެނގިއްޖެއްޔާ؟"
"ދެން... ނޭނގޭ. އަހަރެން އެކަމަކާ ނުވިސްނަން." ހަސަން ވަގުތުން ޖަވާބު ދިނެވެ.
"ދުވަސްކޮޅަކަށް ރަށުން ބޭރަށް ދާންވީނުން." ސާލާރް ލަފާ ދިނެވެ.
"އެއަށްވުރެ މޮޅުގޮތެއް އެބައޮތް. ވަކީލަށް ލާރިކޮޅެއް ދީފަ ދޮގު މައުލޫމާތު ދޭން ބުނާނީ. އޭރުން އެމީހުންނަކަށް ވާނުވާއެއް ނޭނގޭނެ. އެހެން ނޫނަސް އަހަރެން މިއުޅެނީ ދުވަސްކޮޅަކަށް އިންގްލެންޑަށް ދާން." ހަސަން ބުންޏެވެ. "އަހަރެން ހޯދަން އަންނަ އިރު އަހަރެން ހުންނާނީ އެ މީހުންނަށް އަތްލެވޭ ވަރަށްވުރެ ދުރުގަ."
"ތިހާ ޔަގީންކަން އޮތިއްޔާ މައްސަލައެއް ނެތް. އެ މީހުން ތިގެއަށް ނުގޮސްވެސްދާނެ. އެކަމަކުވެސް ބުނެލީ." ސާލާރް ފޯނު ބާއްވަން އުޅެނިކޮށް ހަސަން އެހިއެވެ.
"ލާހޯރުގެ ކޮން ތަނަކަށްތަ އޭނަ ގެންގޮސްލީ؟"
"ކޮންމެވެސް މަގަކަށް. ދެން އެހެން ކޮންތާކަށް؟ އޭނައަކަށްވެސް ނޭނގޭ އޭނަ ދިޔަތަނެއް."
"ކަލޭ ހާދަ މޮޔައޭ. އޭނަގާތު އެ ވާހަކަ އަހާނެ ހިތްވަރު ހުންނަންވާނެ."
"އަހަންނަށް އެނގެންޖެހޭ މައުލޫމާތެއް ނޫން އެއީ." އިމާމާ އާ ސާލާރް އާ އެންމެ ފަހުން ދެއްކި ވާހަކަ އޭނާ ގަސްދުގައި ފޮރުވިއެވެ.
"އެކަހަލަ ކަމެއްގެ ތެރެއަށް ކަލޭ ވަނީމަ އަހަރެން ހަމަ ހައިރާންވި. މިޒާޖާ ގުޅޭ ކުއްޖެއް ނަަމަވެސް އެންމެ ރަނގަޅު. އެކަމަކު ވަސީމުގެ ކޮއްކޮ..."
"އެއީ މުޅިން އެހެން ކަމެއް. އަހަންނަށް މި ހުރިހާ ކަމެއް ސިއްރުކޮށްދޭތި." ސާލާރް ފޯނު ބޭއްވިއެވެ.
***
"މިހައި ދަށު ދަރަޖައަށް މި ކުއްޖާ ވެއްޓިގަންނާނެ ކަމަކަށް އަހަރެން ހިތަކަށް ނާރާ. ރަންޑިޚާނާ... ޔާ ﷲ! އަހަރެމެންގެ އާއިލާގެ ހަތް ޖީލުގެ ތެރެއިން އެއްވެސް މީހަކު އެތަންތަނަކަށް ނުދާނެ. އެކަމަކު މަގޭ ދަރި.... އަހަރެން އޭނައަށް ކޮށްނުދެނީ ކޮންކަމެއް؟ އެއްވެސް ކަމަކުން އޭނަ މަހްރޫމު ކުރެވުނުބާ؟ އެކަމަކު އަމިއްލަ ފުރާނަ ނަގައިލަން އުޅެފި، މިހާރު އެހެން ކަމެއް... ޔާ ﷲ، މީނަ ދެން ކުރާނީ ކޮންކަމެއްބާ؟" ސިކަންދަރު ދެއަތުން ބޮލުގައި ހިފަހައްޓައިގެން އިށީނެވެ.
"އަހަރެން މިހިރީ ޚާދިމުން ދެކެ ވަރަށް ހިތްހަހަމަ ނުޖެހިފަ. އެކުއްޖާ ގޭތެރެއަށް ވަނަ ނުދިން ނަމަ... އަހަރެމެން ރަށުގަ ނެތީސް ގޭގަ ހިނގާ ކަންތައްތަކަށް އެމީހުން ފާރަވެރިވާންވާނެ." ޠައްޔިބާ ބުންޏެވެ.
"ގޭގަ ހިނގާ ކަންކަން ބެލުމާއި ގޭގެ ވެރިމީހާގެ ކަންކަން ބެލުން އުޑާއި ބިމާ ހާ ތަފާތު." ސިކަންދަރް ބުންޏެވެ. "މި ހާލަތުގައި ފާރަވެރިވާންވީ ގެއަކަށް ނޫން. ގޭގެ ވެރިމީހާއަށް. އެކަކަށް ވެސް އެ އަންހެން ކުއްޖާ ގެއަށް ވަންތަން ފެނިފައެއް ނުވޭ. އޭނަ ބުނީ އެ ދުވަހު ގެނެސްފަ، އެ ދުވަހު ގެންގޮސް ލީ ކަމަށް. ދޮރުވާނު ވެސް އޭނައާއެކު އަންހެން ކުއްޖަކު އައިތަނެއް ނުދެކޭ، އެކަމަކު އެ ކުއްޖާ ގޮވައިގެން ދިޔަތަން ފެނުނު ކަމަށް އެއްބަސްވޭ."
"މާނައަކީ، އެ ކުއްޖާ ގެނައީ ރަނގަޅަށް ފޮރުވައިގެންނޭ."
"އޭނައަކީ ކުޑަ ވަރެއްގެ ޝައިޠާނެއް. އެކަން އެނގެއެއްނު؟ ހާޝިމް މުބީންގެ ދަރި އަވަހަށް ފެނޭތޯ ދުއާކުރޭ. އޭރުން މީނަގެ ކަންތަކާ ވިސްނާނީ. އަހަރެމެންނަށް އަދަބު މިލިބެނީ ގޯސްކޮށް ކުރެވުނު ކޮން ކަމަކަށް ކަން މޮޅަށް ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެ."
***
ޖެހިގެން އައިދުވަހު ހެނދުނު ސާލާރް ކޮލެޖަށް ދާން ތައްޔާރުވިއެވެ. ސައިމޭޒުދޮށުގައި ސިކަންދަރް އުސްމާން އިންތަން ފެނުމުން އޭނާ ހައިރާންވިއެވެ. މިއީ އޭނާ ނާސްތާ ނަގާ ގަޑިއެއް ނޫނެވެ. ބައްޕަގެ ދެ ލޯ ފެނުމުން އޭނާ ރަނގަޅަށް ނުނިދާކަން އެނގެއެވެ. ސާލާރް ކޮލެޖަށް ދާން ފެށުމުން އޭނާ ރުޅި އައިސްފައި ސުވާލުކުރިއެވެ.
"ކޮންތާކަށް ތި ދަނީ؟"
"ކޮލެޖަށް."
"ކަލޭ ތިހިރީ ހަމަ ހޭގަތަو އަހަރުމެންގެ ކަރަށް ދަން މަޅިއެއް ފައްތާފަ ކޮލެޖަށް ދާން؟ މި މައްސަލަ ހައްލުވުމުގެ ކުރިން އެއްވެސް ތަނަކަށް ނުދެވޭނެ. ކިހައި ވަރެއްގެ ނުރައްކަލެއްގަ ތެރޭގައި ކަން ތިހިރީ އެނގޭތަ؟"
"ކޮން ނުރައްކަލެއް؟" ސާލާރް އެހިއެވެ.
"ދަރިފުޅު ހާޝިމް މުބީންގެ އަތް ދަށުވާކަށް ބައްޕަ ނޭދެން. ރަނގަޅުވާނީ ގޭގަ މަޑުކުރިއްޔާ." ސިކަންދަރް އޯގާތެރިކަމާއެކު ބުނެލިއެވެ. "ކޮލެޖަށް ދާނީ އޭނަގެ ދަރިފުޅު ފެނުނީމަ."
"އަހަރެއް ވާއިރު އޭނަގެ ދަރިފުޅު ނުފެނިއްޖެއްޔާ، އެހައި ދުވަސް ވަންދެން ގޭގަ ހުންނަންވީތަ؟ ބައްޕަ ނުބުނަންތަ އަހަރެން ބުނި ވާހަކަ؟" ސާލާރް ހުރީ ހިތްހަމަނުޖެހިފައެވެ.
"ބުނިން. ސަނިއްޔާ ވެސް އެކަން ޔަގީންކޮށްދީފި." ސަނިއްޔާގެ ނަން ކީއިރު އޭނާގެ އަޑުގައި ހުރީ ހިތާމައިގެ އަސަރެވެ. "އަދިވެސް ހާޝިމް ތުހުމަތު ކުރަނީ ދަރިފުޅު އޭނަ ވަގަށް ނެގީކަމަށް."
"ދެން ކިިހިނެއް ހަދަންވީ؟ ދެރަކަމެއް. އެކަމަކު އޭނަ ގަބޫލުކުރިޔަސް ނުކުރިޔަސް މައްސަލައެއް ނެތް." ސާލާރް ނާސްތާކުރަން ފެށިއެވެ.
"ދަރިފުޅަށް މައްސަލައަކަށް ނުވިޔަސް ބައްޕައަށް އެއީ މައްސަލައެއް. ދަރިފުޅަށް ހާޝިމް މުބީން ނޭނގެނީ. ކިހައި ނުފޫޒުގަދަ މީހެއް ކަމާއި، ކޮންމެ ކަމެއްކުރަން ވެސް ޖެހިލުން ނުވާނެކަން... ބައްޕައަށް ވަރަށް ރަނގަޅަށް އޭނަ އެނގޭ. ދަރިފުޅަށް އެއްވެސް ގެއްލުމެއް ވުމަކީ ބައްޕަ އެދޭ ގޮތެއް ނޫން. އެހެންވީމާ އަދި ގޭގަ މަޑުކުރޭ."
މިފަހަރު ސިކަންދަރް ވާހަކަ ދެއްކީ ކުރިއަށް ވުރެވެސް ލޯތްބާއި އެކުގައެވެ. ހަރުކަށިވެގެން ނަތީޖާއެއް ނުނެރެވޭނެކަން އޭނާއަށް އެނގުނީ އެެވެ.
"ބައްޕާ، އަހަރެންގެ ކިޔެވުމަށް އަސަރުކުރާނެ. އަހަންނަކަށް ގޭގަ ނުހުރެވޭނެ." ސިކަންދަރްގެ އޯގާތެރިކަމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރިއެވެ.
"ކިޔެވުމަށް އަސަރުކުރިއަަސް އަހަރެންގެ ކަންބޮޑުވުމެއް ނެތް، ގޭގަ މަޑުކުރޭ! މިބުނާ އެއްޗެއް އެބަ އެނގޭތަ؟" ސިކަންދަރް ތަންކޮޅެއް ބާރަށް ބުންޏެވެ.
"މިއަދު ދިޔަދީ. އަހަރެން ނިންމަންޖެހޭ މަސައްކަތެއް އެބައޮތް." ބައްޕަގެ ރުޅިގަނޑު ފެނުމުން އޭނާ ހުރީ ހައިރާންވެފައެވެ.
"ޑްރައިވަރު ގާތު ތިކުރަން އުޅޭ ކަމެއް ކިޔައިދީ. އޭނަ ތިކަންތައް ކޮށްދީފާނެ. އެހެން ނޫނީ ރައްޓެއްސަކަށް ގުޅާފަ ބުނޭ." ސިކަންދަރު ގޮތުގައި ހިފަހައްޓާލިއެވެ.
"ބައްޕާ، ބައްޕައަށް ތިހެން އަހަރެން..."
ސާލާރްގެ ވާހަކަ އަޑު ނާހައި ސިކަންދަރް އެތަނުން ނިކުމެގެން ހިނގައްޖެއެވެ. ސާލާރް ބާރަށް ހަޅޭއްލަވައިގަތެވެ. އޭނަގެ ހަރަކާތްތައް ބައްޕަ ބަލާނެކަން ކުރިންވެސް އެނގެއެވެ. އެކަމަކު މިގޮތަށް ގޭގައި ބަންދުކުރާނެކަމަކަށް ހިއެއް ނުކުރެއެވެ. އޭނާ ހީކުރީ ސަނިއްޔާގެ ވާހަކަ ބުނުމުން އާއިލާ އަދި ހާޝިމް މުބީން ވެސް ހަމައަކަށް އެޅޭނެ ކަމަށެވެ. އަދި އޭނާގެ ބޯމަތިން އެ ބުރަ އުފުލޭނެކަމަށެވެ. ހާޝިމް މުބީން އަދިވެސް އޭނައަށް ތުހުމަތުކުރާ ވާހަކަ ބައްޕަ ބުނުމުން ލިބުނީ އިތުރު ހައިރާންކަމެކެވެ. ކާ މޭޒުދޮށުގައި އިނދެގެން މި މައްސަލަ ކުރިއަށް ދާ ގޮތާމެދު އޭނާ ވިސްނައިލިއެވެ. ކޮލެޖަށް ނުދެވި ގޭގަ ބަނދެވިފައި އިނުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ. އެހެން ހިތަށް އެރުމުން އޭނާގެ މޫޑު ޚަރާބު ވިއެވެ. ކާން އިން ތަށި ދުރަށް ކޮއްޕާލާފައި ތެދުވެގެން ކޮޓަރިއަށް ހިނގައްޖެއެވެ.
***
"ސިކަންދަރް ސާހިބް، އަޅުގަނޑު ވާހަކައެއް ދައްކަން ބޭނުން." ނޯކަރު އައި އިރު ސިކަންދަރް އިނީ ނޫސް ކިޔާށެވެ.
"ކޮން ވާހަކައެއް؟ ފައިސާކޮޅެއް ބޭނުންވީތަ؟" ނޫސްކިޔަމުން އޭނާ އެހިއެވެ. ސިކަންދަރަކީ އޭނާގެ ޚާދިމުންނަށް ދީލަތި މީހެކެވެ.
"ނޫން، އެހެން ވާހަކައެއް."
"ބުނޭ އަވަހަށް..." އޭނާ އިނީ އަދިވެސް ނޫހަށް ގެއްލިފައެވެ. ނާސިރާ ހުރީ މާޔޫސްވެފައެވެ. އެކި ގޮތްގޮތަށް ވިސްނައިފައި އޭނާ ބޭނުންވީ ސިކަންދަރް އުސްމާނަށް ސާލާރް އާއި އިމާމާގެ ވާހަކަ ކިޔައިދޭށެވެ. މައްސަލަ ގޯހުން ގޯހަށް ދާތީއެވެ. އެއީ އޭނާ ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ މެދުވެރިއެއްގެ ދައުރު އަދާކުރިކަން ކޮންމެވެސް ހިސާބަކުން ފަޅާއަރާފާނެތީއެވެ. އެދުވަހަކުން މުޅި އާއިލާ ފުލުހުންނާ ހަވާލުކޮށްފާނެތީ އެވެ. ފިރިމީހާ އާއި މަޝްވަރާ ކުރުމަށްފަހު އޭނާ ނިންމީ ސިކަންދަރް އުސްމާނަށް ހުރިހާ ވާހަކައެއް ކިޔައިދޭށެވެ. އެކަމުގައި ޝާމިލުވާ ދެ އާއިލާއިން ކޮންމެވެސް އެއް އާއިލާއެއްގެ އެހީތެރިކަން އޭނާ ބޭނުންވެއެވެ.
"ބުނަން ތިއުޅެނީ ކޮން ވާހަކައެއް؟" ސިކަންދަރްގެ ލޯ ހުރީ އަދިވެސް ނޫހަށެވެ.
"ސާލާރް ސާހިބްގެ ވާހަކަ."
"ސާލާރްގެ ކޮން ވާހަކައެއް؟" މޭޒުމަތީގަިއ ނޫސް ބޭއްވުމަށް ފަހު ސިކަންދަރު އޭނާއަށް ބަލައިލިއެވެ.
(ނުނިމޭ)
Thankolheh lahee upload kuraaleh
Naasthaa negun,naasthaa kurun
ran'galhu gothakee kobaithoa
dhanna
beyfulhaku vidhaalhu vedhevvaifiyyaa nihaayathah shukuru verivaanan