ޢާއިލާ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ކުށް ސާބިތުވި މީހަކު 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް އައްޑޫ އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.
ޢާއިލާ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގިކަމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމްކޮށްފައިވަނީ ސ. މަރަދޫ، ފޮރެސްޓް، މޫސާ އާދަމް (46އ) އެވެ.
މޫސާ ޢާދަމްގެ މައްޗަށް ޢާއިލާ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގައި 18 އަހަރުން ދަށުގެ އާއިލާ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައާއި ގުޅިގެންނެވެ.
މި ދަޢުވާ ބެލުމަށްފަހު އައްޑޫ އަތޮޅު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނަނީ ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މޫސާ އާދަމްގެ މައްޗަށް ހުށަހެޅި ޢާއިލާގެ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާއަށް އިންކާރުކުރިނަމަވެސް ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުންނާއި ހުށަހެޅިފައިވާ އެންމެހައި ޤަރީނާތަކުގެ މައްޗަށް ބިނާކޮށް ޢާއިލާ މެމްބަރަކާއެކު ޖިންސީ ޢަމަލެއް ހިންގާފައިވާކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.
އެހެންކަމުން ޤާނޫނު ނަންބަރު 2009/12 ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން މޫސާ އާދަމްގެ މައްޗަށް ޢާއިލާ މެމްބަރަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެއްޖެކަމަށް ކަނޑައަޅައި މިކުށުގެ އުޤޫބާތެއްގެ ގޮތުން 20 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޙުކުމްކުރާކަމަށް އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު އައްޑޫ އަތޮޅު ހިތަދޫ މެޖިސްްޓްރޭޓް ކޯޓުން ކުރި ޙުކުމްގައި ވެއެވެ.