ބޭރުގެ ބޯޓް ފަހަރުން ދިވެހި މަސްވެރިންގެ އަތުން މަސްގަތުމަށް ހުއްދަ ދިނުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅަނީ

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ރާއްޖެއިން ބޭރުގެ ބޯޓް ފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް މަޖިލީހަށް ޤަރާރެއް ހުށަހަޅަންހަމަޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީންޢާންމު ފާތުމަތު ނިޔުޝާ ވިދާޅުވީ މިހާރު މަޖިލީހަށް ހުށަހެޅިފައިވާ ޤަރާރުގެ އިތުރުން މަސްވެރިކަމާބެހޭ ހަތަރު ޤަރާރެއް މަޖިލީހަށް ތަޢާރަފް ކުރެއްވުމަށް މެމްބަރުން ފޮނުއްވައިފައިވާކަމުގައެވެ. ބޭރުގެ ބޯޓް ފަހަރު ރާއްޖެ އައިސް ދިވެހި މަސްވެރިންގެ އަތުން މަސް ގަތުމަށް ހުއްދަ ދިނުމަށް މަޖިލީހަށް ހުށަހަޅާ ޤަރާރަކީވެސް އެ ޤަރާރުތަކުގެ ތެރެއިން ޤަރާރެކެވެ.

މަޖިލީހަށް ހުށަހެޅުމަށް މެމްބަރުން ފޮނުއްވައިފައިވާ އިތުރު ޤަރާރުތަކުގެ ތެރޭގައި ހިމެނެނީ ދިވެހިން މަސްވެރިންކަންކުރާ ސަރަޙައްދުތަކެއް ފާހަގަކޮށް އޯފްޝޯ ޕްލެޓްފޯމް ޤާއިމްކުރުމާ ބެހޭގޮތުން ހުށަހަޅުއްވާ ޤަރާރަކާއި ރަށު ކައުންސިލްތަކާ އަމިއްލަ ފަރާތްތަކާ ގުޅިގެން ރަށްރަށުގައި ގޭދޮށު މަސްފެކްޓްރީ ޤާއިމްކުރުމާބެހޭ ގޮތުން ހުށަހަޅާ ޤަރާރަކާއި މީގެ އިތުރުން އިންޑިޔާ ކަނޑުގައި ބޮޑުދާ އެޅުން ހުއްޓުވާ ދެމެހެއްޓެނިވި މަސްވެރިކަން ކުރުމަށް ގޮވާލާ ހުށަހަޅާ ޤަރާރެކެވެ. މި ހަތަރު ޤަރާރުގެވެސް ފުރަތަމަ ކިޔުން މާދަމާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރުމަށް ވަނީ ހަމަޖައްސަވައިފައެވެ.

ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވައިފައިވާ، މަސްވެރިކަމާ ގުޅޭ ޤަރާރަކީ  ބޭރުގެ މަސްބޯޓް ފަހަރު ދިވެހި މަސްކަނޑުތަކުގައި މަސްވެރިކަންކުރުން ހުއްޓުވުމާ ގުޅޭގޮތުން ހުށަހަޅައިފައިވާ ޤަރާރެކެވެ. އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ހުށަހަޅުއްވާފައިވާ މިޤަރާރުގެ ބަހުސް މިހަފްތާގައި މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދަވާނެ ކަމަށް އަމީންޢާންމު ވިދާޅުވިއެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.