(މިއީ ސްޓީވަން ލީކޮކް ލިޔެފައިވާ ވާހަކައެއްގެ ތަރުޖަމާއެކެވެ.)
މި މައްސަލައިގެ ޙައްލަކީ ކޮބައިކަން ނޭނގި ކުރެވޭ ފިކުރު މިހާރު އިންތިހާއަށް ހިނގައްޖެއެވެ. އެންމެ ފުރަތަމަ ފާހަގަ ކުރެވެނީ އެމީހާ ހަމަ ޙަޤީޤަތުގައިވެސް މަރާލާފައިވާ ކަމެވެ. ދެވަނައަށް ފާހަގަ ކުރެވެނީ ފާޅުކަން ބޮޑުކޮށް އެނގޭ ކަހަލަ ގޮތަކަށް ޤާތިލް އެނގޭފަދަ އެއްވެސް ގޮތެއް އަދި ފެނިފައި ނެތް ކަމެވެ.
އެހެންވީމާ މިވަގުތު ޖާސޫސީ ދާއިރާގެ އެންމެ މޮޅު މީހުންގެ ތެރޭގައި ހިމެނޭ މީހަކާ މައްސަލަ ޙަވާލުކުރަން ޖެހުނީއެވެ.
އޭނާ އެންމެ ފުރަތަމަ ވަރަށް ފުންކޮށް ތަޙްޤީޤީ ނަޒަރަކުން މައްޔިތާއާ ދިމާއަށް ބަލައިލިއެވެ. ދެން މައިކްރޮސްކޯޕަކުން ބަލަން ފަށައިފިއެވެ.
"އަނހާ..." އޭނާ ކުއްލިއަކަށް މިހެން ބުނެލާފައި، މައްޔިތާގެ ގަމީހުން އިސްތަށްޓެއް ނަގައިފިއެވެ. "މައްސަލަ މިއޮތީ މުޅިން ނިމިފައި- ޙައްލުވެ ނިމިފައި-"
އޭނާ އިސްތަށި ދައްކައިލިއެވެ.
"އަހަރެމެންނަށް ދެން އޮތް ކަމަކީ މި އިސްތަށީގެ ވެރިމީހާ ހޯދުން- ޤަތިލަކީ އެމީހާ-"
މައްސަލަޔާ ގުޅިގެން ފެނުނު ހެކިތައް ފުރިހަމަވީއެވެ.
ޚުދު މޮޅު ޖާސޫސް އަމިއްލައަށް އެމީހާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
އޭނާ ހަތަރުރޭ ހަތަރުދުވާ ވާންދެން މަގުމަތީގައި ހިނގިއެވެ. ބަލަމުން ދިޔައީ ބޮލުން އިސްތަށްޓެއް މަދުމީހަކު ފެނޭތޯއެވެ. އޭނާއަށް ފެންނަ ކޮންމެ މީހަކާ ދިމާއަށް އޭނާ ވަރަށް ފުންކޮށް ބަލަމުން ދިޔައެވެ.
ފަސްވަނަ ދުވަހު އޭނާއަށް ސިފަ ބަދަލުކޮށްގެން ކަހަލަ ގޮތަކަށް އުޅޭ ފަތުރުވެރިއަކު ފެނިއްޖެއެވެ. އޭނާގެ ބޮލުގައި ވަރަށް ބޮޑު ތޮތްޕެއް އޮތެވެ. ތޮފި ބޮޑުކަމުން އޭނާގެ ކަރާއި ކަންފަތަށް ދާންދެން ހުރީ ފޮރުވިފައެވެ.
އެމީހާ އޭރު ލާންޗަކަށް އަރަނީއެވެ.
ޖާސޫސްވެސް އެމީހާގެ ފަހަތުން ލާންޗަށް އަރައިފިއެވެ.
"އޭނާ ހައްޔަރު ކުރޭ-!" މިހެން ގޮވައިލުމަށްފަހު ޖީބުން އެއްކަލަ އިސްތަށި ނަގައި އަތުގެ ކޮޅަށް ހިއްލައިލިއެވެ. "މިއީ އޭނާގެ އިސްތަށްޓެއް- އެހެންވީމާ އޭނާއަކީ ޤާތިލްކަން މުޅިން ޔަޤީންވެއްޖެ-"
"އޭނާގެ ތޮފި ނަގާ-" ލާންޗުގެ ކައްޕިތާނު ބުނެލިއެވެ.
އެމީހުން އޭނާގެ ބޮލުގައި އޮތް ތޮފި ނަގައިފިއެވެ.
އެމީހާގެ ބޮލަކު އެންމެ އިސްތަށްޓެއްވެސް ނެތެވެ. އެއީ މުޅިން ތަލަވެފައިވާ މީހެކެވެ.
މަޝްހޫރު، ކުޅަދާނަ ޖާސޫސް ކުޑަ ހިނދުކޮޅަކަށްވެސް ފަސްނުޖެހި ބުނެލިއެވެ. "މިކަލޭގެ މަރާލީ އެންމެ މީހެއްވެސް ނޫންތާ-! މިއީ އެތައް ހާސް ބަޔަކު މަރާލާފައިވާ ޤާތިލެއް-"
(ނިމުނީ)