ވޭތުވެ ދިޔަ އަހަރުތަކެކޭ އެއް ގޮތަށް މި އަހަރުވެސް ރާއްޖޭގައި ޒުވާނުންނަށް ބޭއްވޭ އެންމެ ބޮޑު ޢީދު ޝޯވ، "ދިރާގު ޢީދު ޝޯވ" 2016 ވަނަ އަހަރު ގެ އަޟްހާ ޢީދާ ދިމާ ކޮށް ބާއްވަން ހަމަ ޖައްސައިފިއެވެ.
މިއީ ދިރާގުން ޖެހި ޖެހިގެންޢީދާ ދިމާ ކޮށްޢީދު ޝޯވ ބާއްވާހަ ވަނަ އަހަރެވެ. މި އަހަރު ދިރާގު ޢީދު ޝޯވ ބާއްވަނީ 12 ސެޕްޓެމްބަރ 2016 ވާ ހޯމަ ދުވަހު ރޭގަނޑު 20:30 އިން 00:00 އަށް "އެކުވެނި ޓްރެކް" ދަނޑުގައި އެވެ.
ވޭތުވެ ދިޔަ ހަ އަހަރު ވެސް މި ޝޯވ ބައްލަވާ ލެއްވުމަށް 7،000 އަށް ވުރެ ގިނަ ބޭފުޅުން ވަނީ ޒިޔާރަތް ކުރައްވާފައި އެވެ.
މި ޝޯވ އަކީ ދިރާގުގެ އިޖުތިމާއީ ޒިއްމާގެ ދަށުން ރާއްޖޭގެ ޒުވާން ފަންނާނުންގެ ހުނަރު ދައްކާލާނެ ޕްލެޓްފޯމެއް ޤާއިމް ކޮށްދިނުގެ އިތުރުން ދިރާގުގެ ލޮބުވެތި ހުރިހާ ކަސްޓަމަރުންނަށް ޢީދު ހަދިޔާ އެއް ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މި ޝޯވ އާ ބެހޭ ގޮތުން ވާހަކަ ފުޅު ދައްކަވަމުން ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރ އިމްޖާދް ޖަލީލް ވިދާޅުވީ "ދިރާގުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންނަށް އެ ކުދިން ގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކުވެސް ބިނާ ކުރުން. އެހެން ކަމުން އަޅުގަނޑުމެންގެ އުންމީދަކީ މި އަހަރުވެސް މި ޒުވާން ފަންނާނުންނަށް ތަރުހީބުދީ ޢީދުގެ އުފަލުގައި ބައިވެރި ވުމަށް ވީހާވެސް ގިނަ ބޭފުޅުން ޝޯވ އަށް ޒިޔާރަތް ކުރުން"
މިއަހަރުގެ ޝޯވ ވެގެން ދާނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ރާއްޖޭގެ ހުނަރުވެރި ޒުވާން މިއުޒިކީ ފަންނާނުންނަށް، އެ ފަންނާނުންގެ ހުނަރު މުޅި ރާއްޖެ އަށް ދައްކާލުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތަކަށެވެ.މި އަހަރުގެ ޝޯވ ގައި ފެނިގެން ދާނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަންނާނުންނެވެ.
މި އަހަރުގެ ޝޯވ ގައި ފެނިގެން ދާނެ ފަންނާނުންނަކީ:
- ހައިޝަމް ތައުފީގް އެންޑް ބޭންޑް
- އިޝާން އެންޑް ބޭންޑް
- ޒަލީފް އެންޑް ޓީމް ފިޓް
- ޑީޖޭ ފާރިހް (ޑީޖޭ އަލްފީ)
- ހަރުބީ ބޮޑު ބެރު ގުރޫޕް
މި އަހަރުގެ ޝޯވ ވެސް ވެގެން ދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު، އެންމެ ކުލަ ގަދަ ޢީދު ޝޯވ އަށެވެ. ދިރާގުގެ ޢީދު ޝޯވ ކާމިޔާބު ޝޯވ އަކަށް ވެގެން ދިޔުމަށް ވަރަށް ކުޅަދާނަ އަދި ކަމަށް ގާބިލް ފަރާތް ތަކާ ވަނީ ގުޅި ޕާރޓްނާޝީޕް ހަދާފައި އެވެ.
އެގޮތުން މި ޝޯވ ގެ ޕާރޓްނަރުންގެ ތެރޭގައި ހިމެނެނީ:
- ލައިޓް އެންޑް ސްޓޭޖް: ސްޓޭޖް ކޯ
- ސައުންޑް: ސައުންޑް ހައުސް
- އޮފިޝަލް މެގަޒިން: މިސްކް
- އޮންލައިން މީޑިއާ: އަވަސް
- ބެވަރެޖް: މޯޓޯ
- އިވެންޓް: ތިންކް މޯލްޑިވްސް