ދެކުނު އެފްރިކާގެ ރައީސު ސިރިލް ރަމަފޯސާ އާ ދައުރަކަށް ހުވައިކުރެއްވުމަށް ފަހު އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހުގެ %50 މަގާމު އޭނާ އަންހެނުންނަށް ދެއްވައިފިއެވެ.
"އަހަރުމެންގެ ގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިނިސްޓަރުންގެ ދެބައިކުޅަ އެއްބަޔަކި އަންހެނުން." ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާޠާބުކުރައްވަމުން އުމުރުފުޅުން 66 އަހަރުގެ ރައީސު ރަމަފޯސާ ވިދާޅުވިއެވެ.
ސަރުކާރުންކުރާ ބޭކާރު ޚަރަދުތައް ކުޑަކުރައްވާނެ ކަމުގެ ވައުދާއެކު ރައީސު ރަމަފޯސާ ވަނީ ވަޒީރުންގެ މަޖިލިސް ކުޑަކުރައްވައި، ވަޒީރުންގެ އަދަދު 36 އިން 28 އަށް މަދުކުރައްވާފައެވެ. އެއީ ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތައް އެއްކޮށްލައިގެންނެވެ.
"މިއަދު އަހަރެން އައްޔަން މިކުރި ބޭފުޅުންނަށް އެނގިވަޑައިގަންނަވަން ވާނެ ދެކުނު އެފްރިކާގެ ރައްޔިތުންގެ އުއްމީދުތައް މިއަށްވުރެ ބޮޑު ދުވަސްވަރެއް އައިސްފައިނުވާކަން. އަދި އެބޭފުޅުން އުފުއްލަވަން ޖެހޭ މަސްއޫލިއްޔަތު ބޮޑުކަން." ވަޒީރުން މަޖިލިސް އައްޔަންކުރެއްވުމަށް ފަހު ދެއްވި ޚިޠާބުގައި ރަމަފޯސާ ވިދާޅުވިއެވެ.
އެފްރިކާގެ ގައުމުތަކުގެ ތެރެއިން އިތިއޯޕިޔާއާއި ރުވަންޑާއިގައި ވަނީ %50 އަންހެނުން ހިމެނޭ ވަޒރުންގެ މަޖިލިސް ކުރިން އެކުލަވާލާފައެވެ. ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެ ގިނައިން ވަޒީރުންގެ މަޖިލީހުގައި އަންހެން ހިމެނޭ ގައުމުތަކުގެ ތެރޭގައި ސްޕޭން، ބަލްގޭރިޔާ، ފްރާންސް، ނިކަރާގުއާ، ސްވިޑަން، ކެނެޑާ އަދި ސްލޮވީނިޔާ ހިމެނެއެވެ.
ދެކުނު އެފްރިކާގައި ޑިމޮކްރެޓިކް ގޮތުން އިންތިޚާބުވެވަޑައިގަތް 6 ވަނަ ރައީސުގެ ގޮތުގައި ހޮނިހިރު ދުވަހު ހުވައިކުރެއްވި ސިރިލް ރަމަފޯސާ ވަނީ އޭނާގެ ވަޒީރުންގެ މަޖިލީހުގައި ޒުވާން ބޭފުޅުން ހިމެނުއްވުމުގެ އިތުރަށް ގިނަ ބަޔަކު ހައިރާންކޮށްލި އެހެން ކަމެއްވެސް ކުރައްވާފައެވެ. އެއީ އިދިކޮޅު ޕާޓީގެ ލީޑަރު ޕެޓްރީޝިޔާ ޑި ލިލޭއަށްވެސް ވަޒީރުކަން ދެއްވުމެވެ. އޭނާއަށް ދެއްވީ މިނިސްޓަރ އޮފް ޕަބްލިކް ވާކްސް އެންޑް އިންފްރާސްޓްރަކްޗާގެ މަގާމެވެ.
"އާ ގައުމީ ތަންފީޒީ މަޖިލިސް (ވަޒީރުންގެ މަޖިލިސް) އައްޔަންކުރުމުގައި އަހަރެން ވާނީ ގިނަ ކަންތައްތަކަށް ބަލާފައި، އޭގެ ތެރޭގައި ތަޖުރިބާ، ގާބިލުކަން، ތަފާތު ޖީލުތަކަށް ނިސްބަތްވުން، ޖިންސް ހަމަހަމަކުރުން، އަދި ސަރަހައްދުތަކަށް ބެލުން ހިމެނޭ." ރައީސު ރަމަފޯސާ ވިދާޅުވިއެވެ.
ނާއިބު ރައީސަކަށް އައްޔަންކުރައްވާފައި ވަނީ މިހާރުވެސް އެމަގާމުގައި ހުންނެވި ޑޭވިޑް މަބޫޒާއެވެ.