އިންޑިޔާއާއި ޖަޕާނާ ގުޅިގެން ސްރީލަންކާއިން ކޮލޮންބޯ ބަނދަރު ތަރައްގީކުރަނީ

ކޮލޮންބޯ ބަނދަރު

ކޮލޮންބޯ ބަނދަރުގައި ޑީޕް ސީ ކޮންޓޭނާ ޓާމިނަލެއް ހެދުމަށް ސްރީލަންކާއިން އިންޑިޔާއާ ޖަޕާނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ހަންބަންޓޯޓާގެ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދިން މައްސަލައިގައި އިންޑިޔާގައި އުފެދިފައި އޮތް ނުތަނަވަސްކަން މި އެއްބަސްވުމުގެ ސަބަބުން ކުޑަވެގެންދާނެކަމަށް ބެލެވެއެވެ.

ކޮލޮންބޯ ބަނދަރުގެ އިރުމަތީ ކޮންޓޭނާ ޓާމިނަލް ތަރައްގީކުރާނީ ތިން ގައުމު ގުޅިގެންނެވެ.

ސްރީލަންކާ ޕޯޓްސް އޮތޯރިޓީ (އެސްއެލްޕީއޭ) އިން ބުނި ގޮތުގައި ކޮލޮންބޯ ބަނދަރު މެދުވެރިކޮށް ކުރާ ޓްރާންޝިޕްމަންޓް ވިޔަފާރީގެ %70 އަކީ އިންޑިޔާއާ ގުޅުން ހުރި ވިޔަފާރިއެވެ. އަދި 1980 ވަނަ އަހަރުން ފެށިގެން ޖަޕާނުން އަންނަނީ ކޮލޮންބޯ ބަނދަރު ތަރައްގީކުރުމަށް އެކި ގޮތްގޮތުން އެހީވަމުންނެވެ.

ތިން ގައުމު ގުޅިގެން ތަރައްގީކުރި ނަމަވެސް ކޮލޮންބޯ ބަނދަރުގެ އިރުމަތީ ކޮންޓޭނާ ޓާމިނަލް ވާނީ %100 އެސްއެލްޕީއޭގެ ތަނަކަށެވެ.

އިރުމަތީ ކޮންޓޭނާ ޓާމިނަލްގެ މަސައްކަތް ހިންގުމަށް އުފައްދާ ޓާމިނަލް އޮޕަރޭޝަންސް ކޮންޕެނީ (ޓީއޯސީ) ގެ %51 ހިއްސާގެ މިލްކުވެރިއަކީ ސްރީލަންކާއެވެ. އިންޑިޔާއާއި ޖަޕާނަށް ލިބޭނީ %49 އެވެ.

މި ކަމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) ގައި އިއްޔެ ތިން ގައުމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޕޯޓްސް އެންޑް ޝިޕިންގ ސަގަލާ ރަތުނަޔަކޭއާއެކު ސޮއިކުރެއްވީ ސްރީލަންކާގައި ތިއްބަވާ އިންޑިޔާއާއި ޖަޕާނުގެ ސަފީރުންނެވެ.

ޖަޕާނުގެ ނޫހަކުން ބުނި ގޮތުގައި މި މަޝްރޫއުގެ ޚަރަދު ބައެއް ދޭނީ ޖަޕާނުންދޭ ތަރައްގީގެ އެހީގެ ގޮތުގައެވެ. އެ ނޫހުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ޖަޕާނުން ކަނޑު މަގުން އުފުލާ މުދާ މައިގަނޑު ގޮތެއްގައި އުފުލަނީ އިންޑިޔާ ކަނޑު ހުރަސްކޮށް ކަމުގައިވާއިރު ޗައިނާއި އެ ސަރަހައްދުގައި އަތްގަދަކުރުމަކީ ޖަޕާން ކަންބޮޑުވާ ކަމެކެވެ. އަދި ކޮލޮންބޯ ބަނދަރު އިތުރަށް ތަރައްގީ ނުކޮށްފިނަމަ، ސްރީލަންކާ ހުރަސްކޮށް އުފުލާ މުދަލުގެ ބޮޑު ބައެއް ޗައިނާއިން މިހާރު ހިންގާ ހަންބަންޓޯޓާ ބަނދަރަށް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.