މި އަހަރުގެ މޭ 20 ވަނަ ދުވަހުގެ ނިޔަލަށް ވަޒީފާއާ ބެހޭ ޓްރައިބިޔުނަލަށް 95 މައްސަލަ ހުށަހަޅާފައިވާ ކަމަށް އެތަނުން ވިދާޚުވެއްޖެއެވެ. މިގޮތަށް ހުށަހަޅާ މައްސަލަތައް އަވަސް ކުރުމަށް ވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެތަނުން ވިދާޅުވިއެވެ.
ޓްރައިބިޔުނަލްގެ ރައީސް އަޙުމަދު ޝިފާޢު ވިދާޅުވީ އެތަނަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމުމަށްޓަކައި، ޓްރައިބިއުނަލްއަށް ހާޒިރުވެ، އަޑުއެހުމުގައި ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ހުށަހެޅުމުގެ ބަދަލުގައި، މައްސަލައިގައި ހިމެނޭ ފަރާތްތަކުން ހުށަހަޅަން ބޭނުންވާ ކަންތައްތައް ބަޔާނެއްގެ ސިފައިގައި ހުށަހެޅޭ ގޮތަށް ބަޔާން ބަދަލުކުރުމުގެ އުޞޫލު ތަޢާރަފްކޮށް އެ އުސޫލަށް ޢަމަލު ކުރަމުންދާ ކަމަށެވެ. މައްސަލަތައް ހުށަހެޅުމުން ވީހާ ވެސް އަވަހަކަށް ޝެޑިއުލް ކޮށް މައްސަލަ ނިންމުމުގެ މަސައްކަތް ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެތަނުން ގޮތް ނިންމިޔަސް ތަންފީޒު ކުރުމުގެ ބާރު ލިބިފައި ނުވާތީ އެއީ އޮތް ވަރަށްބޮޑު ގޮންޖެހުމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އުސޫލު ބަދަލުކޮށް އެކަންކަން ރަނގަޅު ކުރުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަށް ޝިފާޢު ވިދާޅުވިއެވެ.
މިއަހަރުގެ މިހާތަނަށް ހުށަހަޅާފައި ވާ މައްސަލަތަކަށް ބަލާއިރު އިރު ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވަޒީފާއިން ވަކި ކުރުމާއި މުސާރަ ނުލިބޭ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތަށް ހުށަހަޅާ މައްސަކަތައް ތިނެއް ނުވަތަ ހަތަރު މަސްތެރޭ ނިންމުމަކީ އެތަނުގެ އަމާޒެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.