ރޯދައާއި ދުޅަހެޔޮކަން

ވަރަށްގިނަ ބޭކަލުން ވިދާޅުވާ ގޮތުގައި ރޯދަހިފުމަކީ ޞިއްޙީގޮތުންވެސް ވަރަށް ފައިދާހުރި ކަމެކެވެ. އިންސާނުން ރޯދަހިފާހެން ޖަނަވާރުންނާއި ދޫނި ސޫފާސޫފިވެސް ރޯދަހިފާކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ. ރޯދަޔާ ބެހޭގޮތުން ދިރާސާކުރައްވާ މަޝްހޫރު ޢާލިމެއްކަމުގައިވާ ޑރ. ވެކް ވެޑޯން ވިދާޅުވާގޮތުގައި  ރޯދައަކީ ވަރަށް ބޭނުންތެރި އެއްޗެކެވެ. އިންސާނާ ކައިބޮއިހަދާ އެއްޗެއްސާއި  ބޭސްތަކުގެ ސަބަބުން އޭނާގެ ހަށިގަނޑުގައި އުފެދޭ ދަގުއިތަކާއި ވިހަތައް ގިނަވެ ހަށިގަނޑު ބުރަހެލިވާތީއެވެ. މިކަމުގެ ސަބަބުން އޭނާ ކަންނަތްވެ އޭނާގެ މުރާލިކަން ކުޑަވާތީއެވެ. ރޯދަހިފުމުން މި ދަގުއިތައް ބޭރަށް ނުކުމެއެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ ހަށިގަނޑު އަލުން ތާޒާވެ މުރާލިވެ ހީވާގިވެއެވެ. މިހެންވެ، ޑަކްޓަރުން އިންސާނާއަށް ރޯދަހިފުމަށް އަމުރުކުރެއެވެ. އެއީ މި ރޯދައިގެ ސަބަބުން މުހިއްމު މި ދެ މަޤްޞަދެއް ޙާޞިލުކުރެވޭތީއެވެ.އަދި ހަށިގަނޑު ކެއުމާއި ބުއިމާއި ހަޖަމުކުރުމުގެ ރަނގަޅުމިންގަޑެއްމަތީގައި ވަކިއަތަކަށް ބުރަނުވާގޮތަށް ބަހައްޓާދޭތީއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވަނީ صُومُوا تَصِحُّوا [1] - "ތިޔަބައިމީހުން ރޯދަ ހިފާށެވެ. އޭރުން ތިޔަބައިމީހުން ދުޅަހެޔޮވާނެތެވެ."

ޑަކްޓަރުން ބުނާގޮތުގައި " ބަލިމަޑުކަމުގެ ޖަގަހައަކީ ބަނޑެވެ."  އެހެންކަމުން ބަލިމަޑުކަމުން ރައްކައުތެރި ވުމަށްޓަކައި ރޯދައަކީ މުހިންމު ވަސީލަތެކެވެ.މި ޢިލްމީ ޙަޤީޤަތް ހާމަކޮށްދެއްވަމުން،  ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ مَا مَلَأَ ابْنُ آدَمَ وِعَاءً شَرًّا مِنْ بَطْنٍ حَسْبُ ابْنِ آدَمَ أُكُلَاتٌ يُقِمْنَ صُلْبَهُ فَإِنْ كَانَ لَا مَحَالَةَ فَثُلُثُ طَعَامٍ وَثُلُثُ شَرَابٍ وَثُلُثٌ لِنَفسِهِ [2] -  "ބަނޑަށްވުރެ ނުބައި ކަންވާރެއް އާދަމު ދަރިޔާ ނުފުރަތެވެ.އާދަމުގެދަރިއާ އަށް އޭނާގެ މައިކަށި ކޮޅަށް ބަހައްޓާދޭނެ މަދު ސުވާކޮޅެއް ފުދިގެންވެއެވެ. ފަހެ، ކޮންމެހެން ނުކައިނުވެއްޖެ ނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ! އަދި ތިންބައިކުޅައެއްބަޔަށް ބޯށެވެ! އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށް ބަހަށްޓާށެވެ!" އެކަލޭގެފާނު އިރްޝާދު މި ދެއްވަނީ ކާއިރު ބަނޑުގެ ތިންބައިކުޅަ އެއްބައި އަބަދުވެސް ހުހަށް ބެހެއްޓުމަށެވެ. އެއީ ނޭވާލުމަށް ޓަކައެވެ.

ބަނޑުހުސްކޮށް ބެހެއްޓުމަށްޓަކައި ރޯދައަކީ އިންސާނާއަށް ލިބޭ ރަނގަޅު ފުރްޞަތެކެވެ. ރޯދައިގެ ސަބަބުން މަޢިދާ ތަންޒީމުކޮށް ތަރްތީބު ކުރެވެއެވެ.

ބައެއްމީހުން ހީކުރާގޮތުގައި ރޯދަ ހިފުމުން ހަށިގަނޑަށް ގެއްލުން ލިބެއެވެ.އެމީހުން ދަޢުވާކުރާ ގޮތުގައި ހަށިގަނޑަށް ދުވާލަކު ތިން ކޮއްތު ބޭނުން ވާނެއެވެ. އޭގެތެރެއިން  ކޮއްތެއް ދޫކޮށްލައިފިނަމަ  ހަށިގަނޑަށް ގެއްލުން ލިބޭނެއެވެ. މި ފަދަ މީހުން ހީކުރާގޮތުގައި އިންސާނާއަކީ މަންމަނު މެޝިނެކެވެ. ތެޔޮ ( ހަކަތަ ) އަޅައިގެން މެނުވީ އޭތި މަސައްކަތެއް ނުކުރާނެއެވެ.

މިއަދުގެ ޢިލްމީ ދިރާސާތައް ބުނާގޮތުގައި ބަލިނުވިޔަސް އިންސާނާ ރޯދަ ހިފަން ޖެހޭނެއެވެ. އެއީ ކާބޯތަކެތީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ވިހަތަކުން ހަށިގަނޑު ބުރަހެލިވެ  ކަންނެތް ވާތީއެވެ.ރޯދަ ހިފުން ހުއްޓާލައިތާ ވިއްސަކަށް ދުވަހުގެ ތެރޭގައި އޭނާގެ ހަށިގަނޑުގެ ހަތާތައް މުޅިން އައުވެގެން ދާނެއެވެ. އޭނާގެ ހަށިގަނޑަށް އާރޯކަން ލިބިގެން ދާނެއެވެ.ޑަކްޓަރުން ވިދާޅުވާ ގޮތުގައި ރޯދަ ހިފުމުން ހަށިގަނޑުގައި ހުންނަ ހުތްކަން ( އެސިޑިޓީ) އޭގެ ޠަބީޢީ މިންވަރަށް އަނބުރާ ދެއެވެ.  ގޮހޮރު ފާރު ވަނީ މި ހުތްކަން އިތުރުވުމުގެ ސަބަބުންނެވެ.

ރޯދަހިފުމަކީ ލޭނާރުތަކުގައި ސަރުބި ޖެހުމުން އެ ނާރުތައް ރައްކައުތެރިކޮށްދޭ ކަމެއްވެސް މެއެވެ. އެއީ ރޯދަ ހިފުމުން މި ސަރުބިތައް ވިރިގެން ގިރިގެން ދާތީއެވެ.

މީގެއިތުރަށް  އެއީ ކުޑަކަމުދާ ނިޒާމުގައި އުފެދޭ ހިލަ އުފެދުމުން އެ ނިޒާމު ޙިމާޔަތްކޮށްދޭ ކަމެއްވެސް މެއެވެ.ރޯދަހިފުމުގެ ސަބަބުން ލޭގައި ހުންނަ ސޯޑިއަމް އިތުރުވާތީއެވެ. އެހެންކަމުން ކެލްސިއަމްގެ ތަފާތު ބާވަތްތަކުގެ ލޮނު ހަށިގަނޑުގެ ތެރެއަށް ފޭދުން މަދުވެގެން ދާނެތެވެ. އަދި  ރޯދަ ހިފުމަކީ ބައުލީނާ އުފެދުން މަދުކޮށްދޭ ކަމެކެވެ. ކުޑަކަމުދާ ހޮޅިތަކުގައި ހިލަ އުފެދެނީ މި ބައޮލީނާގެ ސަބަބުންނެވެ.

ރޯދައަކީ ހަމުގެ ބަލިތަކަށް ލިބިގެންވާ ފަރުވާއެއް ކަމަށް ޑަކްޓަރުން ވިދާޅުވެއެވެ. އެއީ ކާބޯތަކެތި މަދުވުމުން ސަރުބި މަދުވާނެތީއެވެ. ގިނަފަހަރަށް އޮށާޅައާއި މުލިހި ފަދަ ބިހިތައް ނަގަނީ ހަށިގަނޑުގައި ސަރުބި ގިނަވުމުންނެވެ.

އެލެކްސީސް ކަރޭލް ވިދާޅުވާ ގޮތުގައި ހަށިގަނޑަށް އެތެރެ ކުރެވޭ ކާބޯތަކެތި ގިނަވުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ޤުދްރަތީ ބައެއް ބާރުތައް ހަލާކުވެ ނެތިގެން ދެއެވެ. އޭނާ ވިދާޅުވާ ގޮތުގައި ހަށިގަނޑަށް ލިބޭ ކާއއްޗެހި މަދުވުމުން ހަށިގަނޑުގެ ގުނަވަންތަކާއި ނިޒާމުތައް އޭއްޗެއްސަށް ތަނަވަސް ވެފައިވާ ކާނާކޮޅާ އެއްގޮތަށް މުޅި ހަށިގަނޑު ހާނުވާލައެވެ. މޭގަނޑުގައި ރައްކައުކޮށްފައި ހުންނަ ހަކުރާއި ހަންގަނޑުގެތެރޭގައި ރައްކައުކޮށްފައި ހުންނަ ސަރުބިތައް ހަށިގަނޑަށް ބޭނުންވާ ހަކަތަ ލިއްބައިދިނުމަށް ޓަކައި ބަދަލު ކުރެއެވެ. މިކަމުގެ ސަބަބުން ހަށިގަނޑު ސާފުވެ އައު ހަތާތައް އުފެދި ހަށިގަނޑު އައުވެގެން ދެއެވެ.

މިހެންވެ މާތް ﷲ ވަޙީ ކުރެއްވިއެވެ. وَأَن تَصُومُواْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ [3] - "އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ."

ޢިލްމީ ތަޖްރިބީ ދިރާސާއެއްގައި ބައިވެރި 30 % މީހުންގެ ނަތީޖާ ދައްކާ ގޮތުގައި ރޯދަވެރިޔާގެ  ބަދަނީ ޤާބިލުކަމާއި ހަށިގަނޑުގެ މަސްގަނޑުގެ ބާރު ރޯދައިގެ ސަބަބުން 200 % ށް އިތުރު ވެއެވެ. ދެފައިގެ ވަރުބަލިކަން 11 % ށް ކުޑަވެގެން ދިޔައެވެ.

މި ދުޅަހެޔޮކަން ޙާޞިލުކުރުމަށްޓަކައި ރަމަޟާންމަހުގައި އަޅުގަނޑުމެންގެ ކެއުންބުއިމުގެ ކަންތައްތައްވެސް ކީރިތިރަސޫލާގެ ސުންނަތާ އެއްގޮތްކުރަން ޖެހޭނެއެވެ. ރޯދަވީއްލުމާއި ހާރުކެއުމުގެ ކަންތައް އެކަލޭގެފާނު ދެއްވި އިރްޝާދާ އެއްގޮތަށް ބަހައްތަން ޖެހޭނެއެވެ.

[1]  - رواه الطبرانى

[2] - مسند الصحابة في الكتب الستة

[3]  - البقرة : 184

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.