އޮސްޓްރިޔާގެ ޕްރައިމަރީ ސްކޫލްތަކުގައި ބުރުގާއެޅުން މަނާކުރާ ގާނޫނެއް އެގައުގެ ގާނޫނުހަދާ މަޖިލީހުން ފާސްކޮށްފިއެވެ.
އެގައުމުގެ ޗާންސެލާ ސެބަސްޓިއަން ކުރްޒުގެ ކަނާތުފިޔައިގެ ޕީޕަލްސް ޕާޓީ ހިމެނޭ ކޯލިޝަނުން ސްކޫލްތަކުގައި ބުރުގާ މަނާކުރުމުގެ މަސައްކަތް ފަށާފައިވަނީ މީގެ އަހަރެއްހާ ދުވަސް ވެއްޖެއެވެ. މިގޮތުން ފާއިތުވި އަހުރެ އެޕްރީލް މަހު 'ކުޑަކުދިން ހިމާޔަތްކުރުމުގެ ގާނޫނު' ގާނޫނެއްގެ ޑްރާފްޓެއް ހުށަހެޅިއެވެ. އެގާނޫނުގައި ވަނީ 10 އަހަރުން ދަށުގެ އަންހެންކުދިން ބުރުގާ އަޅައިގެން ސްކޫލަށް ދިއުން މަނާކުރަން ހުށަހަޅާފައެވެ.
އިދިކޮޅު ހުރިހާ މެންބަރުންހެން ވަނީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ޕާޓީއާއި ކަނާތު ފިޔައިގެ ހަރުކަށި ފްރީޑަމް ޕާޓީގެ މެންބަރުންގެ ތާއީދާއެކު ފާސްކުރި މިގާނޫނާ ދެކޮޅަށް ވޯޓުލާފައެވެ. ގާނޫނުހަދާ މަޖިލީހުގެ އަމިއްލަ މެންބަރަކު ވަނީ ބުރުގާ މަނާކުރުމާ ދެކޮޅު ހެދުމުގެ ގޮތުން ބުރުގާ އަޅައިގެން މަޖިލީހަށް ހާޒިރުވެފައެވެ.
މިއީ މުސްލިމުންނާ ދެކޮޅަށް ފާސްކުރާ ގާނޫނެއް ނޫންކަން ދެއްކުމަށް އިސްލާމްދީނަށް އެގާނޫގައި އިޝާރާތްކޮށްފައި ނުވެއެވެ. ގާނޫނުގައި ބުނަނީ "ވަކި ވިސްނުމަކަށް ތަބާވުމުގެ ގޮތުން ނުވަތަ ދީނީ ގޮތުން ގަބޫލުކުރާކުރުމަކާއި ގުޅިގެން ބޯނިވާކުރުން" މަނާކުރާ ވާހަކައެވެ.
އެހެންނަމަވެސް ސަރުކާރުން ބުނެފައި ވަނީ ސިކް ފިރިހެން ކުދިން އަޅާ ފަގުޑިއާއި، ޔަހޫދީ ކުދިން އަޅާ ތާކިހާ 'ކިއްޕާ' މިގާނޫނުން އިސްތިސްނާ ވާނެކަމުގައެވެ.
މިގާނޫނު ފާސްކުރުމާ ގުޅިގެން އޮސްޓްރިޔާގެ މުސްލިމުން ވަނީ ކޯޓަށް ދާން ނިންމާފައެވެ. އޮސްޓްރިއާގެ މުސްލިމުން ތަމްސީލުކުރާ ޖަމާއަތް، އިސްލާމިކް ރެލިޖަސް ކޮމިއުނިޓީ އިން އޮސްޓްރިޔާ (އައިޖީޖީއޯއީ) އިން މިއަދު ބުނީ ބުރުގާ މަނާކުރުމުގެ މައްސަލަ އެގައުގެ ދަސްތޫރީ ކޯޓަށް ހުށަހެޅުމަށް ނިންމާފައިވާ ކަމުގައެވެ. "ޕްރައިމަރީ ސްކޫލަކުގައި އަންހެންކުދިން ބުރުގާއެޅުން މަނާކުރުމުން، މުސްލިމް އަންހެންކުދިން އެކަހެރިކުރުމާއި، އެކުދިންނާމެދު ތަފާތުކުރުން ނޫން ކަމެއް ނުވާނެ." އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ވެއެވެ.
2017 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އޮސްޓްރިޔާގައި 7 ލައްކަ މުސްލިމުން ދިރިއުޅެއެވެ. އެއީ އާބާދީގެ ގާތްގަނޑަކަށް %7 އެވެ. އޮސްޓްރިއާގެ މުސްލިމުންގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ 1960 އާއި 1970 ގެ އަހަރުތަކުގެ ތޭރޭގައި އެގައުމަށް ހިޖުރަކުރި ތުރުކީ މަސައްކަތްތެރިންގެ ދަރިފަސްކޮޅެވެ.