ހިތަދޫގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

އައްޑޫ ސިޓީ ހިތަދޫ ކުނި ކޮށި ކައިރީގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.

މިއަދު ހިނގި އެކްސިޑެންޓުގައި ނިޔާވެފައިވަނީ ވެމްކޯގެ މުވައްޒަފެއް ކަމަށްވާ ނަބީލް އިބްރާހީމެވެ. އޭނާގެ ޢުމަުރަކީ 35 އަހަރެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) އިން ވިދާޅުވީ ހިތަދުއަށް ނިސްބަތްވާ އެ ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ ނިޔާވެފައި ކަމަށެވެ.

އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫގައި ހިންގާ މެޑިސިޓީގެ ކާރަކާއި  ސައިކަލް ޖެހިގެން ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަބީލް ދުއްވަން އިން ސައިކަލް ވޭނުގައި ޖެހި ވިއްސައިގެން ގޮސް އެހެން ސައިކަލެއްގައިވެސް ޖެހުނު ކަމަށް މަންޒުރު ދުށްކަށް ބުނާ ބައެއް މީހުން ބުނެފައިވެއެވެ. އެހެންނަމަވެސް އެ ސައިކަލް ދުއްވަން އިން މީހާއަށް އެއްވެސް ގެއްލުމެއް ލިބުނު ކަމެއް އެނގިފައެއް ނުވެއެވެ.

ހޮސްޕިޓަލުން ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައީ ނަބީލް ގެ އިތުރަށް މެޑިސިޓީގައި މަސައްކަތްކުރާ އަންހެން މުވައްޒަފެއް ކަމަށެވެ. ފެންނަ ފެނުމަށް އޭނާއަށް މާބޮޑު އަނިޔާއެއް ވެފައި ނުވެއެވެ. އެހެންނަމަވެސް އެކްސްރޭ ނަގައި އިތުރަށް ބަލަމުންދާ ކަމަށް އެޗުއާރުއެޗުން ވިދާޅުވިއެވެ.

"މިއެކްސިޑެންޓް ހިނގާފައިވަނީ އައްޑޫސިޓީ ލިންކު ރޯޑުން އުތުރުން ދެކުނަށް ދުއްވާފައިދިޔަ ކާރަކާއި އުތުރުން ދެކުނަށް ދުއްވާފައިދިޔަ ސައިކަލެއްގައި ކާރު ޖެހުމަށްފަހު ކާރު ކޮންޓްރޯލް ނުވެ ގޮސް ލިންކު ރޯޑުން ދެކުނުން އުތުރަށް ދުއްވާފައިދިޔަ އެހެން ސައިކަލެގައި ޖެހިގެން،" ކަމަށް ފުލުހުން ވިދާޅުވިއެވެ. އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލުގައި އިނީ ނަބީލެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.