ފެބުރުއަރީ އަށެއްގެ ބޮޑުހުޅު: އަދަބު ނުދެވުމަކީ ދައުލަތް ލަދުގަންނުވައިލިކަމެއް

ދެހާސް ބާރަވަނަ އަހަރު ފެބުރުވަރީ ހަތް ވަނަދުވަހު ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މީޑިއާ ކުރިމަތީގައި އިސްތިއުފާ އިޢުލާން ކުރެއްވިއެވެ. ހަމަ އެދުވަހު އޭރުގެ ނާއިބު ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު،  ރައީސް ކަމުގެ ޤާނޫނީ ހުވައި ކުރައްވައި ވެރިކަމާ ޙަވާލުވެ ވަޑައިގެންނެވިއެވެ.

ޖެހިގެންއައި އަށްވަނަ ދުވަހު އެމްޑީޕީގެ ގިނަޢަދަދެއްގެ ބަޔަކު މާލޭގެ މަގުމައްޗަށް ނުކުތެވެ. އިސްވެ ހުންނެވީ ކުރީ ދުވަހު އިސްތިއުފާ ދެއްވި ރައީސް ނަޝީދެވެ. އެ އެއްވުމަށް ހުރަސް އަޅަން ނުވަތަ ހުއްޓުވަން ސަލާމަތީ ބާރުތަކުން ވެސް މަގުމައްޗަށް ނުކުތެވެ.

އެރޭ ކުއްލިއަކަށް ފެނިގެންދިޔައީ ބަޔަކު ނުކުމެ ބައެއް ރަށްރަށުގައި ހުރި ސަރުކާރުގެ ޢިމާރާތްތަކުގައި ރޯކުރި މަންޒަރެވެ. އޭގެ ތެރޭގައި މެޖިސްޓްރޭޓް ކޯޓްތަކާއި، ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިދާރާތައް ހިމެނެއެވެ.

ގިނަ މީހުން އެޢަމަލު ސިފަކޮށްފައިވަނީ ފަހުގެ ތާރީޚުގައި ރާއްޖެއަށްދިމާވި ބޮޑުހުޅުގެ ގޮތުގައެވެ. ތަޢުލީމީ ޒަމާނެއްގައި ތަހުޒީބީ މުޖުތަމަޢެއްގައި  މަގުމައްޗަށް ނުކުމެ  ދައުލަތުގެ މުދަލަށް ގެއްލުން ދިނުމަކީ ގިނަމީހުންނަށް ބަލައިގަނެވުނު ކަމަކަށް ނުވިއެވެ. ކަމީނާ އެ ޢަމަލަށް ތަރުޙީބު ދިނަސް ދީފައިވާނީ އެކަންކުރި މީހުންނާއި އެކަމަށް ވާގިވެރިވި މީހުންނެވެ. އެ ޢަމަލުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން އިންތިހާއަށް ބޮޑެވެ. އަގުގެ ގޮތުން ބަލާ ކަމަށްވާނަ 200 މިލިއަން ޑޮލަރަށް އަރާ ކަމަށް އޭރުގެ ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

އެ ޙާދިސާގައި ރާއްޖޭގެ ފަސް ކޯޓެއް ވަނީ އަންދާލައިފައެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ ކޯޓާއި ސ. ހިތަދޫ ކޯޓާއި މަރަދޫ ކޯޓާއި ފޭދޫ ކޯޓާއި ހުޅުދޫ ކޯޓު ހިމެނެއެވެ. އޭގެ އިތުރަށް ފުވައްމުލަކު ކޯޓާއި ގދ. ރަތަފަންދޫ ކޯޓާއި ސ. މަރަދޫފޭދޫ ކޯޓަށް ވަނީ އެކިވަރުގެ ގެއްލުންދީފައެވެ. ކޯޓުތައް އަންދާލުމުން ޝަރުޢީ ދާއިރާގެ ޢުމުރާނީ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ދިޔައެވެ. އަދި އެތައް ބަޔަކަށް ގެއްލުންވިއެވެ.

މީގެ ސަބަބުން އެތައް ބައެއްގެ ޙަޤުތައް ގެއްލުނެވެ. ކޯޓުގައި ނިމިފައިވާ މައްސަލަތަކާއި ހިނގަހިނގާހުރި މައްސަލަތަކުގެ ލިޔުންތައް ވަނީ އަނދައި އަޅިއަށްވެފައެވެ. އެހެންކަމުން ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކާ ކުރިމަތިލާން ޖެހުނެވެ. އަންދާލި ކޯޓުތަކުގައިހުރި ރައްޔިތުންގެ ޙައްޤުތަކާގުޅޭ ހުރިހާ ލިޔުމެއް ވަނީ ނެތިގެން ގޮސްފައެވެ. އޭރު 70 އަހަރު ވަންދެން ރައްކާކުރެވިފައިވާ ޝަރުޢީ ލިޔުންތައް ވސް ވަނީ އެޙާދިސާގައި އަޅިއަށްވެފައެވެ.
އެ ޙާދިސާއަށް އިއްޔެއަށް ވަނީ ހަތް އަހަރު ފުރިފައެވެ. އަދިވެސް އެކަމުން ލިބުނުގެ ގެއްލުމުން އަރައިގަނެވުނު ކަމަށް ނުބެލެވެއެވެ. އެ  ހިތި ހަނދާންތައް އަދިވެސް ހިތްތަކުގައި އެބަހުއްޓެވެ. އެހެންނަމަވެސް އެދުވަހަށް އިތުރު އަހަރެއް ފުރުނުއިރު އެކަން އުފާވެރި ކަމެއްގެ ގޮތުގައި ފާހަގަ ކޮށްފާނެ ބަޔަކުވެސް ތިބުން އެކަށީގެންވެއެވެ.

އެ ޙާދިސާގައި ޝަރުޢީ ކޯޓްތަކުގެ ޢިމާރާތްތަކަށް ދިން ގެއްލުން ފައިސާއިން ހިސާބުކޮށްފި ކަމަށްވާނަމަ  50 މިލިއަނަށް އަރައެވެ. އަދި ފުލުހުންގެ ޢިމާރާތްތަކަށް ދިން ގެއްލުންތައް ފައިސާއިން ބަލައިފި ނަމަ 100 މިލިއަނަށް އަރާ ކަމަށް ކަމާބެހޭ ފަރާތްތަކުން އޭރު ހާމަކޮށްފައިވާ މަޢުލޫމާތުތަކުން މިހާރުވެސް ފެންނަން އެހުރީއެވެ.

ފެބުރުއަރީ 8 ގެ ހުޅުޖެހުމުގެ ޙާދިސާގައި އައްޑޫ ސިޓީ ގަމުގައި ހުރި ޕޮލިސް ސްޓޭޝަނާއި އެތަނުގައި ބޭނުންކުރަމުން ދިޔަ ވެހިކަލްތައް ވަނީ އަލިފާނުގެ ކާނާއަކަށް ވެފައެވެ. އޭގެ އިތުރަށް އައްޑޫގައި އޭރު ހިންގި ޕޮލިސް ޓްރެއިނިނިން ސްކޫލުވެސް ވަނީ ހުޅުޖަހައި އަންދައިފައެވެ. އޭގެ އިތުރަށް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުގައި ވެސް ވަނީ ރޯކޮށްފައެވެ. މިނޫން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުރި ފުލުހުންގެ އެތައް ޢިމާރާތަކަށް ވަނީ ގެއްލުންދީފައެވެ.

މިޙާދިސާއާ ބެހޭ ގޮތުން ކުރީގެ ހޯމްމިނިސްޓަރު ޢުމަރު ނަސީރު ވިދާޅުވީ އެއީ ފަހުގެ ތާރީޚެއްގައި ރާއްޖެ ދުށް އެންމެބޮޑު ބޮޑުހުޅު ކަމަށެވެ. "އޭގެ ސަބަބުން ދުއިސަތައް މިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށްވި. މީގެ އެންމެ ބޮޑު މައްސަލައަކީ އެ މައްސަލާގައި އެތައް ބައެއްގެ މައްޗަށް ދަޢުވާ އުފުލައި ޝަރީޢަތް ވެސް ހިންގައި އެއްވެސް މީހެއްގެ މައްޗަށް ޙުކުމެއް ކުރައްވައިފައިނުވުން. އެކަން އެހެންވީ ޤާނޫނެއް ތަންފީޒުކޮށްލަން ކެރޭވަރުގެ ގަޓު، ވެރިންގެ ގައިނެތުން،" ޢުމަރު ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ އެތައް ކޯޓެއްގައި ހުޅުޖަހައި ރޯކޮށްލުމުން އެތައް ބައެއްގެ ޙައްޤުތައް ގެއްލިފައިވާ ކަމަށެވެ.  "މީހުންގެ މުދަލާއި ގޯތި ގެދޮރާބެހޭ އެތައް ލިޔުމެއް ގެއްލުނު. ލިޔެކިޔުންތަކުންހުރި އެތައް ހެއްކެއްވަނީ އަންދާލައިފައި. އައްޑޫ ސިޓީގައި ވެސް އެތައް ބައެއްގެ ޙައްޤުތައް އެބަވޭ އޭގެ ސަބަބުން ގެއްލިފައި،" ޢުމަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދައުލަތުގެ ޢިމާރާތްތަކާއި އެތައް ވެހިކަލެއް އަންދައި ރައްޔިތުންގެ އެތައް ޙައްޤަކަށް އަރައިގަތް ބަޔަކާމެދު އަދާ ހަމައަށް ވެސް ފިޔަވަޅެއް ނޭޅުމަކީ ދައުލަތް ވެސް ލަދުގަންނަންޖެހޭ ވަރުގެ ކަމެއް ކަމަށެވެ.

މި ހިސާބަށް އައިރު އެއްވެސް ސަރުކާރަކަށް އެކަމާބެހޭ ގޮތުން އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. ދެން ކުރެވެންއޮތްހާ ވެސް ކަމަކީ އެއީ ލިބުނު ޢިބުރަތެއް ކަމަށް ބަލައިގެން މުސްތަޤުބަލުގައި އެފަދަ ކަމެއް ނުހިނގާނެ ގޮތަށް ދައުލަތުގެ ހުރިހާ ކަމެއް ބައްޓަން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

  1. Umar Naseer akee Mi kan Hin'gaa dhiya iru , Dhaulathfushun Andhaasaa Hisaab Hadhaa Haama Kurevey Fantheegai Huri Meeheh Noon. Eige Fahun Thiya Meehaa Home Minister akah vee. Keeveba Libunu Furusath gai E Thahgeeg Hingaalaa Ekan kuribayakah Fiyavalhu Neylhi. Lamrath, Mi Liyun Liyumah Mi ah vure Maa bodah Dhiraakutavvan jehey. Meegai Fact ge kuda Minvareh vee nei in'geythoa.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.