ކުރީގެ ރައީސުންނަށް ރާއްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭގޮތަށް ޤާނޫނަށް އިސްލާހުގެންނަން ހުށަހަޅައި ފާސް ކުރިޔަސް އެއެއް ތަސްދީގު ނުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެއްވެސް މީހެއްގެ ސިޔާސީ މަސައްކަތަަކަށް ހުރަސް އުޅޭނެ އެއްވެސް އިސްލާޙަކަށް (އެއްވެސް ކަމަކަށް) ތާއިދެެއް ނުކުރާނަން. އަޅުގަނޑު ތަސްދީޤެއް ވެސް ނުކުރާނަން". ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަނުކުރެވޭނެ ގޮތް ހެދުމުގެ އިސްލާޙު މަޖިލީސް އިންތިޚާބާ ބެހޭ ޤާނޫނަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދެވެ.
ކުރީގެ ރައީސުންގެ ތެރެއިން މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާ ކުރީގެ ރައީސަކީ ހަމައެކަނި ރައީސް މުޙައްމަދު ނަޝީދެވެ. ޢަބްދުލަތީފްގެ ހުށަހެޅުމާ ބެހޭ ގޮތުން އެމްޑީޕީން ބުނެފައިވަނީ އެއީ ރައީސް ނަޝީދަށް ފުރައްސާރަ ކުރުމުގެ ގޮތުން ހުށަހެޅި އިސްލާޙެއް ކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު ވިދާޅުވީ އެއްވެސް މީހަކަށް ޤާނޫނުން ލިބިދީފައިވާ ސިޔާސީ ޙައްގެއް އުނިވެދާނެ ފަދަ ކަމެއް އެމަނިކުފާނު ނުކުރައްވާނެ ކަމަށެވެ.