ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މުޙައްމަދު ޒާހިރާއި، މަރްޔަމް ޝަމްޢާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް، މއ. އާޕިއާ އަލްއުސްތާޛު މުޙައްމަދު ޒާހިރާއި، ހ. އެލިއަތުވިލާ މަރްޔަމް ޝަމްޢާ އިބްރާހީމް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މި ދެބޭފުޅުން މަޤާމަށް ޢައްޔަން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެ ބޭފުޅުންނާ ޙަވާލުކުރައްވައިފައެވެ.

މިރަސްމިއްޔާތުގައި ލިޔުން ޙަވާލު ކުރެއްވުމުގެ ކުރިން، ކްރިމިނަލް ކޯޓުގެ އިސް ޤާޒީ އަލްއުސްތާޛު އަޙްމަދު ހައިލަމްގެ ކުރިފުޅުމަތީގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ކަމުގެ ހުވައި، އެ ދެބޭފުޅުން ވަނީ ކުރައްވައިފައެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމަށް ޢައްޔަނު ކުރެއްވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަންއިން "ބެޗްލަރ އޮފް ލޯ" ހާސިލްކުރައްވާފައެވެ.

މަރްޔަމް ޝަމްޢާ ވަނީ ވިލާ ކޮލެޖުން "މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން" ހާސިލްކުރައްވާފައެވެ. އަދި 2014 ވަނަ އަހަރު ޝަމްޢާ ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަންވެސް އަދާކުރައްވާފައެވެ. މީގެ އިތުރުން އޭނާ ވަނީ މޯލްޑިވްސް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، ޕެރެޑައިސް ހޮލިޑޭ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަދި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ފަދަ އިދާރާތަކުގައި މަސައްކަތްކުރައްވައިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.