އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒް ރަންޑަލް ޝްރައިވަރ، ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ރަންޑަލް ޝްރައިވަރ، މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނެވެ.

މިމަހު 8 އިން 9 އަށް އޭނާ ރާއްޖެއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާ ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޯރ އޭޝިއަން އެންޑް ޕެސިފިކް ސެކިއުރޓީ އެފެއާރޒްގެ މަޤާމަށް ރަންޑަލް ޝްރައިވަރ އައްޔަންކުރައްވާފައިވަނީ 2018 ޖަނަވަރީ 08 ވަނަ ދުވަހުއެވެ. މި މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ ޑެޕިޔުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އީސްޓް އޭޝިއަން އެންޑް ޕެސިފިކް އެފެއަރޒްގެ މަޤާމުގައެވެ.
