މިއަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓް ދޭނެ ފަރާތްތައް ކަށަވަރު ކުރުމަށްޓަކައި ބާއްވާ ޕްރައިމަރީ މިމަހުގެ 18 ވަނަ ދުވަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ އިންތިޚާބީ ކޮމިޓީގެ މެމްބަރު އިބްރާހިމް ވަޙީދު ވިދާޅުވީ 18 ވަނަ ދުވަހު ޕްރައިމަރީގެ ވޯޓުލުން ބާއްވާއިރު ވޯޓު ފޮށިތައް ބަހައްޓާނީ އެމްޑީޕީގެ ޖަގަހަ ހުރި ކޮންމެ ރަށެއްގައިވެސް އެރަށެއްގެ ޖަގަހައިގައި ކަމަށެވެ. ޖަގަހަ ނެތް ރަށެއްނަމަ އެރަށެއްގެ އިޖުތިމާއީ މަރުކަޒު ނުވަތަ އެހެން ކޮންމެވެސް ތަނެއްގައި ކަމަށެވެ.
ވޯޓުލުން ފަށާގޮތަށް ހަމަޖައްސާފައި ވަނީ މިމަހުގެ 18 ވަނަ ދުވަހު މެންދުރު ފަހު 2:30 ގައެވެ. ވޯޓުލުން ނިންމާލުމަށް ހަމަޖައްސާފައިވާ ގަޑިއަކީ އެރޭ 8:00 އެވެ. ވަޙީދު ވިދާޅުވީ 8 ޖަހާއިރު ވޯޓުލުން ނިންމަން އޮތް ނަމަވެސް 8 ޖަހާއިރުވެސް ވޯޓުލާން ކިޔޫގައި މީހުން ތިބި ކޮންމެ ފޮއްޓަކަށްވެސް ވަގުތު އިތުރު ކޮށްދޭނެ ކަމަށެވެ. ވޯޓުލާ މަރުކަޒު ތަކުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރި ވާނީވެސް އެމްޑީޕީގެ އާންމު މެމްބަރުން ކަމަށް ވަޙީދު ވިދާޅުވިއެވެ.
ވަޙީދު ވިދާޅުވީ އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ޖުމްލަ 86 ދާއިރާއަށް ނުކުންނައިރު އޭގެތެރެއިން 9 ދާއިރާގައި ޕްރައިމަރީ ނުބާއްވައި 9 ކެންޑިޑޭޓަކަށް ޓިކެޓް ކަށަވަރު ވެފައިވާއިރު ރާއްޖެއިން ބޭރުގައިވެސް ވޯޓު ލެވޭނެ އިންތިޒާމު ހަމަޖައްސަމުން އަންނަ ކަމަށެވެ.
އެމްޑީޕީގެ ޕްރައިމަރީގައި މިހާރުވެސް މަޖިލިސް މެމްބަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކާއި އެމްޑީޕީގެ އިސް މަގާމު ތަކުގައި ތިއްބެވި ފަރާތްތައްވެސް ވާދަ ކުރާނެއެވެ. ޕްރައިމަރީގައި ވާދަކުރާ އެންމެ ފާހަގަ ކޮށްލެވޭ ފަރާތަކީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙަންމަދު ނަޝީދެވެ.