ނަސަންދުރަ އިން ދައުލަތަށް 4 މިލިއަން ޑޮލަރު ލިބެންއޮތް: އޭސީސީ

ނަސަންދުރާ ޕެލަސްހޮޓެލް ހިންގުމަށް ކުރިން ޙަވާލުކޮށްފައިވާ ކުންފުންޏާއެކު ހަދައިފައިވާ އެއްބަސްވުން އުވައިލުމުގެ ބަދަލުގައި މުއްދަތު އިތުރުކުރިނަމަ ދައުލަތަށް ހަތަރު މިލިއަން އަށްލައްކަ ޑޮލަރު ލިބެން އޮތްކަމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

"ސަރުކާރުގެ ވިސްނުމަކީ ހޯލް ރައިޓުސް ގަތް ކުންފުންޏާ ޙަވާލުކޮށްގެން ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްޤީކޮށް ހިންގުން ކަމަށްވާނަމަ، ނަސަންދުރަޕެލަސް ހޯޓެލް ހިންގުން ހަވާލުކުރި ކުންފުންޏާއި މިނިސްޓްރީއޮފް ޓޫރިޒަމާ ދެމެދު 31 ޖަނަވަރީ 2010 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން ބާޠިލް ކުރުމުގެ ބަދަލުގައި އެއްބަސްވުމުގެ މުއްދަތު އިތުރުކުރިނަމަ، "ޓޫރިސްޓް ރިސޯޓު ކުއްޔަށްދީފައިވާ މުއްދަތު އިތުރުކުރުމަށް ފީނެގުމާބެޭ ޤަވާއިދުގެ ދަށުން މުއަދަތު އިތުރުކުރުމަށް ދައްކަންޖެހޭފީގެ ގޮތުގައި ދައުލަތަށް ހަތަރު މިލިއަން އަށްލައްކަ އެމެރިކާ ޑޮލަރު ފައިދާވާނެ ކަމަށް ފާހަގަކުރެވެއެވެ."

ނަސަންދުރަ ހިންގުން ކުރިން ޙަވާލުކޮށްފައިވަނީ ގެލެކްސީއެންޓަރޕްރައިޒަސްއާއެވެ.  ނަސަންދުރަ ހިންގުމުގެ މަސައްކަތް އެކުންފުންޏާ ޙަވާލުކޮށްފައިވަނީ 8 އަހަރަށެވެ.

ކޮރަޕްޝަނަށް މަގުފަހިވާގޮތަށް 50 އަހަރަށް ނަސަންދުރަ ޕެލަސް ހޮޓެލް ކުއްޔަށްދީފައިވާ މައްސަލަ ތަޙުޤީޢު ކުރެއްވުމަށްފަހު އެންޓިކޮރަޕްޝަންސް ކޮމިޝަނުން ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ގެލެކްސީއާއެކު 2010 ވަނަ އަހަރުވެފައިވާ އެއްބަސްވުން އުވާލުމަށްފަހު ނަސަންދުރާ ހިންގަމުންއައި ބިން އެމްއެމްޕީއާރުސީގެ ދަށަށް ބަދަލުކޮށްފައެވެ. އަދި 2015 ވަނަ އަހަރުވަނީ އެ ބިން އެންޕީއެޗު އިންވެސްޓްމެންޓް ނަމަކަށްކިޔާ ކުންފުންޏަކާ ޙަވާލުކޮށްފައެވެ.

އެރިޕޯޓުގައި ބުނެފައިވަނީ ނަސަންދުރަ ތަރައްޤީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އެމްއެމްޕީއާރުސީއާ ޙާވާލުކުރައްވައިފައިވަނީ އިޢުލާން ކުރުމަކާ ނުލައި ޓޫރިޒަމް ޤާނޫނާވެސް ޚިލާފަށް ކަމަށެވެ. އަދި އެ ބިން 50 އަހަރަށް ކުއްޔަށް ދީފައިވަނީ އިކިއުޒިޝަން ފީއެއްވެސް ނުނަންގަވައި ކަމަށް ވެސް އޭސީސީން ވިދާޅުވެފައިވެއެވެ.

މިމައްސަލައިގައި އޭސީސީން ވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަޙުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ އޭރުގެ އެމްޑީގެ މައްޗަށް ދަޢުވާ ކުރަން ޕީޖީއަށް ފޮނުވައިފައެވެ. އެހެންނަމަވެސް ޕިޖީން ވަނީ އެ މައްސަލަ އަނބުރައި ފޮނުވައިފައެވެ. އޭސީސީން ވިދާޅުވެފައިވަނީ އަލުން އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.