އޭޝިއަން ކަޕް ކޮލިފައިން ޕްލޭ އޮފްގެ ޔަމަނާދެކޮޅަށް ކުޅުނު ދެ ވަނަ ލެގުގެ މެޗުން ވެސް ރާއްޖެ ބަލިވެއްޖެއެވެ.
ރޭ ޔަމަން އަތުން 2-0 އިން ބަލިވެ ރާއްޖެ އަށް މިހަރުވަނީ ކޮލިފައިން ގްރޫޕް ސްޓޭޖުން ފުރުސަތު ނުލިބި ޕްލޭ އޮފް ދެ ވަނަ ބުރުގައި ވާދަކުރަން ޖެހިފައެވެ. މިމެޗުގެ ފުރަތަމަ ލެގުގައި ރާއްޖޭގެ ރަސްމީ ދަނޑުގައި ކުޅުނު މެޗުވެސް ކާމިޔަބުކުރީ ޔަމަނެވެ. އެމެޗުގެ ނަތީޖާއަކީވެސް 2-0 އެވެ. ދެ ލެގުގެ އެގްރިގޭޓުން 4-0 އިން ކުރި ހޯދައި ޔަމަނަށް ވަނީ ކޮލިފައިން ގްރޫޕް ސްޓޭޖުން ޖާގަ ލިބިފައެވެ.
ޕްލޭ އޮފް ދެ ވަނަ ބުރުގައި ރާއްޖެ ބައްދަލުކުރަން ޖެހެނީ ލާއޯސްއާ އެވެ.
ޕމިމެޗުގެ ފުރަތަމަ ލެގު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހު 6 ވަނަ ދުވަހު މާލޭގަ އެވެ. ދެ ވަނަ ލެގު އޮންނާނީ އޮކްޓޫބަރު 11 ވަނަ ދުވަހު ލާއޯސްގަ އެވެ. އެ ދެ މެޗުން ކުރި ހޯދިއްޖެ ނަމަ ރާއްޖެ އަށް ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނެ އެވެ.
ޔަމަނާއެކު މާލޭގައި ކުޅުނު މެޗަށްފަހު ގައުމީ ޓީމުގެ ކޯޗު ވަނީ މަޤާމުން ވަކިކޮށްފައެވެ. ރޭގެ މެޗުގައި ރާއްޖެ ކުޅުނީ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ގެ އިރުޝާދުގެ ދަށުންނެވެ.
ރޭގެ މެޗު ކުޅުނީ ގަތަރުގެ ވެރިރަށް ދޯހާގައެވެ. އެއީ ޔަމަނުގެ ހަމަނުޖެހުންތަކުގެ ސަބަބުން މެޗުކުޅެން އެޤައުމު ރައްކާތެރިނުވީމައެވެ.