ވާދަވެރި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް ރެއާލް މެޑްރިޑް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ.
މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗު ރެއާލް މެޑްރިޑް ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން 3 – 5 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުގައި ފުރަތަމަ ލަނޑު ޖަހައި މެޗުގެ ލީޑުނެގީ ރެއާލް މެޑްރިޑުންނެވެ. އެއީ މެޗުގެ 15 ވަނަ މިނެޓުގައި ކެޕްޓަން ސާޖިއޯ ރާމޯސް ޖަހައިދިން ލަނޑުންނެވެ. މިލަނޑާއެކު މެޗުގެފޯރި އިތުރަށްގަދަވެގެންދިޔައެވެ. އެގޮތުން ރަނގަޅު ކުޅުމެއްދައްކައި، އެތްލެޓިކޯއިން މެޗުގެ ކޮންޓްރޯލް ނެގިއެވެ.
އެހެންނަމަވެސް މެޗުގެ ފުރަތަމަހާފު ނިމުނީ 1 – 0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ހާފު ފެށިގެން މެޗުގެ 48 ވަނަ މިނެޓުގައި ނަތިޖާ ހަމަހަމަ ކޮށްލަން އެތްލެޓިކޯއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެއީ ރެއާލުގެ ޕެޕޭ އެތުލެޓިކޯގެ ފެނާންޑޯ ޓޮރޭޒް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެވެ. އެހެންނަމަވެސް ގްރިޒްމަން ޖެހި ޕެނަލްޓީ އަމާޒުވީ ގޯލްގެ ހުރަސް ދަނޑި އަށެވެ. ރޭގެ މެޗުގައި އެތްލެޓިކޯއަށް އެއްވަރުކޮށްދިން ލަނޑު ޖަހައިދިނީ މެޗުގެ 79 ވަނަ މިނެޓުގައި ފެރޭރާ ކެރަސްކޯއެވެ.
މެޗުގެ ފުރިހަމަ ވަގުތުނިމުނީ މިނަތީޖާއިންނެވެ. އަދި ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރުވަގުތުގެ ދެހާފުގައިވެސް އެއްވެސްޓީމަކަށް އިތުރު ލަނޑެއްޖެހިފައެއްނުވެއެވެ.
ނަތީޖާ ނެރެން ޕެނަލްޓީޖަހައިގެން ރެއާލް މެޑްރިޑް މޮޅުވިއިރު، ރެއާލުން ފުރަތަމަ ހަތަރު ޕެނަލްޓީ ލޫކަސް ވަސްކުއެޒް، މާސެލޯ، ގަރެތު ބޭލް އަދި ސާޖިއޯ ރާމޯސް ކާމިޔާބުކުރި އެވެ. އެތުލެޓިކޯގެ ފުރަތަމަ ތިން ޕެނަލްޓީ އެންޓޮއިން ގްރިޒްމަން އާއި ކެޕްޓަން ގަބީ އާއި ސައުލް ކާމިޔާބުކުރި އެވެ.
އެތުލެޓިކޯގެ ހަތަރު ވަނަ ޕެނަލްޓީ، ރެއާލުގެ ކުރީގެ ކުޅުންތެރިޔާ ހުއަންފްރަން އަތުން ވީ ނާކާމިޔާބެވެ. ރެއާލް މެޑްރިޑަށް ޔުއެފާ ޗެމްޕިއަންސްލީގުގެ ޗެމްޕިއަންކަން ލިބުނީ ޕެނަލްޓީ ޝޫޓްއައުޓުގެ ރެއާލުގެ ފަސް ވަނަ ޕެނަލްޓީ ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރިމާއެކުއެވެ.
ރޭގެ މޮޅާ އެކު، ރެއާލް ވަނީ ޗެމްޕިއަންސް ލީގުގެ ތަށި 11 ފަހަރު ހޯދާފައެވެ. މިލީގުގައި ދެ ވަނަ އަށް އެންމެ ކާމިޔާބު ޓީމަކީ 7 ތައްޓާއެކު އޭސީ މިލާނެވެ.