އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އޮޕަރޭޓްކުރާ ކޯލް ސެންޓަރުތަކުގެ ތެރެއިން ހިދުމަތް އެންމެ ފުރިހަމަ، ޒަމާނީ އަދި ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ފޯރުކޮށްދޭ 'ގަދަ 3 ކުންފުނީގެ' ތެރޭގައި ދިރާގު ހިމެނިއްޖެއެވެ.
ދުނިޔޭގެ ފެންވަރުގައި ދެވޭ މި އެވޯޑުގެ މީޑިއަމް ސައިޒް ކޯލްސެންޓަރުގެ ކެޓެގަރީ އިން ދިރާގަށް ލިބިފައިވަނީ ބްރޯންޒް އެވޯޑެވެ. މި ކެޓެގަރީގައި އޭޝިޔާ ޕެސިފިކް ރީޖަނުގެ އެންމެ ތަރައްޤީވެފައިވާ ޤައުމުތައް ކަމަށްވާ މެލޭޝިޔާ އާއި ޖަޕާނާއި ސިންގަޕޫރު ފަދަ ޤައުމުތަކުގެ ކުންފުނިތައް ވަނީ ވާދަކޮށްފައެވެ. އެގޮތުން ސިންގަޕޫރުގެ ޑީއެޗްއެލް، އިންޑޮނޭޝިއާގެ ބޭންކް ނެގާރާ، ޖަޕާނުގެ އެސް.އެމް.ބީ.ސީގެ ނިކޯ ސެކިއިރިޓީސް އިންކް ފަދަ ކުންފުނިތައް ވާދަކޮށްފައިވެއެވެ.
މި ކެޓެގަރީގައި 'މީޑިއަމް ސައިޒު' ގެ ގޮތުގައި ބެލެވިފައިވަނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް 250-50 އާއި ދެމެދުގެ އަދަދަކަށް އޭޖެންޓުން މަސައްކަތް ކުރަމުން ގެންދާ ކޯލްސެންޓަރުތަކެވެ. އެހެންކަމުން މި އެވޯޑަށް ދިރާގަށްވުރެން މާބޮޑެތި ކުންފުނިތަކުން ވަނީ ވާދަކޮށްފައެވެ.
ދުނިޔޭގެ ކޮންޓެކްޓް ސެންޓަރު ތަކުގެ އެންމެ ބޮޑު ޖަމިއްޔާކަމަށްވާ ކޮންޓެކްޓްސެންޓަރވޯރލޑް.ކޮމް އިން ދެމުން ގެންދަވާ މި އެވޯޑަކީ، އެތަނެއްގެ ހިދުމަތުގެ ފެންވަރު ދެމެހެއްޓުމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރާއި، މަސައްކަތުގެ މާހައުލާއި ކުރެވޭ މަސައްކަތް އެތަނެއްގައި މަސައްކަތް ކުރާ މުވައްޒަފުން ބާރުވެރިކުރުމާއި އަގުވަޒަންކުރުމުގެ މައްޗަށް ބިނާވެފައި އޮންނަ މިންވަރަށް ބެލުމަށް ފަހު ދެވޭ އެވޯޑެކެވެ. އަދި މުވައްޒަފުންނަށް ދެވޭ ތަމްރީންތަކާއި އެ ތަމްރީންތަކުގެ ފެންވަރަށްވެސް މި އެވޯޑު ދިނުމުގައި ބަލާ ކަމަށް ދިރާގުން މައުލޫމާތު ދެއްވައެވެ.
ދިރާގުގެ ކޮންޓެކްޓް ސެންޓަރ މެނޭޖަރ މުހަންމަދު އަޒްލީމް ވިދާޅުވިއެވެ. "މި ފަދަ އެވޯޑެއް ރާއްޖޭގެ ކުންފުންޏަކަށް ލިބުނު ފުރަތަމަ ފަހަރު ދިރާގަށް ލިބިގެންދިޔަ ދިޔުމަކީ ދިރާގަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝަރަފެކެވެ. ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ ކަސްޓަމަރަކު ހިދުމަތަކަށް އެދިގެން ގުޅައައިފި ކޮންމެ ކަމަކަށް މަގުފަހި ކޮށްދޭނެ ސެންޓަރެކެވެ. ދިރާގުގެ ފްރަންޓް އޮފީހަކަށް ޒިޔާރަތް ކުރައްވާ ކަސްޓަމަރަކަށް ލިބިގެންދާނެ ހުރިހާ ހިދުމަތެއް ކަހަލަގޮތަކަށް މިހާރު ދިރާގުގެ ކޮންޓެކްޓް ސެންޓަރަށް ފޯނުން ގުޅުއްވައިގެންވެސް ލިބިގެންދާނެއެވެ. އެހެންކަމުން ދިރާގުގެ ކޮންޓެކްސެންޓަރު މިވަނީ ޒަމާނީ އެކްސްޕީރިއެންސް ސެނޓަރަކަށް ބަދަލުވެފައެވެ. އަޅުގަނޑުމެން މިހާރު މިވަނީ ކަސްޓަމަރުންނަށް ފޯންކޯލު، އީމެއިލް، އައި.ވީ.އާރު އަދި ސޯޝަލް މީޑިޔާގެ އިތުރުން ކަސްޓަމަރ އޭޖެންޓަކާއި ލައިވްކޮށް ޗެޓް ކުރައްވައިގެންވެސް ހިދުމަތް ލިބިގަނެވޭ ގޮތަށް ދިރާގެ އެކްސްޕީރިއަންސް ސެންޓަރު ފަރުމާކޮށް ހިދުމަތް ފުރިހަމައަށް ދޭންފަށާފައެވެ. އަޅުގަނޑުމެން ފަޙުރުވެރިކަމާއެކު ފާހަގަ ކުރަން ބޭނުންވާ ކަމަކީ މިއީ މިގޮތަށް މަލްޓި-ޗެނަލް ކޮށް ހިދުމަތް ދެމުންގެންދާ ރާއްޖޭގެ ހަމައެކަނި ކޮންޓެކްޓް ސެންޓަރުކަމެވެ."
އަޒްލީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ އެތަނުގެ މުއައްޒަފުންނަށްވެސް އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އޮތް ވަރަށް ވަރުގަދަ ޕްލެޓްފޯމެކެވެ. އެގޮތުން މިހާރު އެ ސެންޓަރުގައި ޓީމްލީޑަރުންގެ ގޮތުގަޔާއި އެހެނިހެން އިސް މަޤާމްތަކުގައި ތިއްބެވި މުވައްޒަފުންނަކީ ދިރާގުގެ އެކި އެކި މަޤާމްތަކުން ކުރިއަރައިގެން ގޮސްފައިތިބި މުވައްޒަފުން ކަމުގައި އަޒްލީމް ފާހަގަކުރެއްވިއެވެ.
ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ ރާއްޖޭގައި މަލްޓި-ލޮކޭޝަން ތަކުގައި ހިދުމަތް ދެމުންގެންދާ ހަމައެކަނި ކޮންޓެކްޓް ސެންޓަރު ކަމަށް ދިރާގުން ހާމަ ކުރެއެވެ. ދިރާގުން ހާމަކޮށްފައިވާ ގޮތުގައި ހދ. ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރާއި މާލޭގެ ހެޑްއޮފީހުގައި، ދިރާގުގެ ކޮންޓެކްޓް ސެންޓަރަށް ނިސްބަތްވާ ޖުމްލަ 90 އަށްވުރެ ގިނަ މުއައްޒަފުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ދިރާގުގެ ކޮންޓެކްޓް ސެންޓަރަކީ އެއްފަހަރާ އެންމެ ގިނަ އެޖެންޓުން ހިދުމަތްދޭ، އަދި އެންމެ ގިނަ ކޯލްތަކަށް ޖަވާބުދޭ ކޮންޓެކްޓް ސެންޓަރެވެ. ދިރާގުގެ ރަސްމީ ރެކޯޑްތައް ދައްކާގޮތުން އެ ސެންޓަރުން ދުވާލެއްގެ މައްޗަށް ޖުމްލަ 18000 ކޯލަށް ޖަވާބުދެއެވެ.
އެއް ނަމްބަރަކަށް ގުޅައިގެން ހުރިހާ ހިދުމަތެއް ލިބިގަނެވޭ ގޮތަށް މިހާރު މި ހިދުމަތް ފަރުމާކުރެވިފައިވާއިރު މިއީ މިހާރު ހުރިހާ ޗެނަލްތަކެއް މެދުވެރިކޮށް ހިދުމަތްދޭ 'އެކްސްޕީރިއަންސް ސެންޓަރ' އެކޭވެސް ބުނެވިދާނެ ކަމަށް އަޒްލީމް ވިދާޅުވިއެވެ.
ދިރާގަށް މި ފަހުރުވެރި އެވޯޑް ލިބިގެން ދިޔަ އިރު ދިރާގުގެ ކޮންޓެކްޓް ސެންޓަރުގެ %62 މުއައްޒަފުންނަކީ ކަސްޓަމަރ ސާވިސްގެ ބައިނަލްއަޤްވާމީ ސްޓޭންޑަޑެއް ކަމަށްވާ ސީއޯޕީސީ ގެ ސެޓިފައިޑް ކަސްޓަމަރ ސާވިސް ޕްރޮފެޝަނަލުންކަން ދިރާގުން ފަޚުރުވެރިކަމާއިއެކު ފާހަގަ ކުރެއެވެ.