ޕީޕީއެމް ޖެހޭނީ އައު ލީޑަރޝިޕެއްގެ ދަށުން "ފައިޓަށް" ތައްޔާރުވާން: އުމަރު

ޕީޕީއެމް އޮޓޮމެޓިކުން ދެން ބަދަލުވެގެންދާނީ އިދިކޮޅު ޕާޓީއަށް ކަމަށާއި ޕާޓީއަށް ދެން އެންމެ ފައިދާ ބޮޑުވާނީ އައު ލީޑަރޝިޕެއްގެ ދަށުން ޕާޓީ "ރީގްރޫޕް" ކޮށްގެން، ފަސް އަހަރު ފަހުން (ދެންއަންނަ ރިޔާސީ އިންތިޚާބެއްގައި) ވަރުގަދަ "ފައިޓެއް" ދިނުމަށް ތައްޔާރުވާން ކަމަށް އެޕާޓީގެ ކުރީގެ ނާއިބު ލީޑަރު އަދި މިސަރުކާރުގެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ނަތީޖާއިން ދައްކައިދިނީ ދިވެހިން އެ ޕާޓީގެ މިހާރުގެ ލީޑަރޝިޕް ބަލައި ނުގަންނަކަން ކަމަށެވެ. އެހެންވީމާ ޕީޕީއެމްގެ މެމްބަރުން އާ ލީޑަރ ޝިޕެއްގެ ދަށަށް އަލުން އައިސް ރީ ގްރޫޕްވެ "ފަސް އަހަރުފަހުން ފައިޓެއްދޭން ތައްޔާރުވާންޖެހޭނީ،" އުމަރު ވިދާޅުވިއެވެ. "އެ ނޫން ގޮތަކަށްވާނެ އެއްވެސް ކާމިޔާބެއް ދެންނޯންނާނެ،" އޭނާ ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ރައީސް މައުމޫނަށް ޕީޕީއެމް އަލުން ލިބޭނެ ކަމަށް ވާހަކަ ދެކެވޭ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނަށް ޕާޓީ ލިބިވަޑައިގެންނެވިޔަސް ދެންވާނެ އެއްވެސް ކަމެއްނެތެވެ. "އެއީ ރައީސް މައުމޫން އެހުންނެވީ ސަރުކާރުގެ ތެރޭގައި. ރައީސް މައުމޫނަށް ޕީޕީއެމް ލިބުމަކުންވާނެ އިތުރު ކަމެއްންނާނެ،" އުމަރު ވިދާޅުވިއެވެ.

"ރައީސް މައުމޫނަކީ މިހާރު ސަރުކާރުގައި ހުންނެވި ބޭފުޅެއް. އެހެންވީމާ ޕީޕީއެމަށް ވޯޓު އެދިން ނުވަދިހަ ހަ ހާސް މީހުންނަކީ މިސަރުކާރު (އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރު) ކަމުނުދާ މީހުން. އެހެންވީމާ ރައީސް މައުމޫނަށް ޕާޓީލިބުނަސް އެއިން އެއްވެސް މީހަކު ރައީސް މައުމޫންގެ ފަހަތަކުން ނުދާނެ. ރައީސް މައުމޫން ޖަލުގައި އިންނަވަނިކޮށް އެމީހުން ރައީސް ޔާމީނަށް ވޯޓުދިނީ. އެހެންވީމާ އޭގެ މާނައަކީ ވަރަށް ސާފުކޮށް އެމީހުން އެތިބީ ރައީސް މައުމޫނާއެކީ ނޫނޭ" އުމަރު ވިދާޅުވިއެވެ.

އެހެންވީމާ ރައީސް މައުމޫނަށް ޕީޕީއެމް ލިބުމަކުން އަނެއްހެންވާނެ ކަމެއް ނޯންނާނެ. ޕީޕީއެމް ދެންދާނީ އޮޓޮމެޓިކުން އިދިކޮޅަށް. އެމީހުން އިދިކޮޅުގައި ތިބެގެން އެއްވެސް ނަތީޖާއެއް ހާސިލް ކުރަން ބޭނުންކަމަށްވަންޏާ ހަމަ އައު ލީޑަރޝިޕެއްގެ ދަށުގައި ނޫނީ އެކަމެއް ނުކުރެވޭނެ. މިހާރުއޮތް ލީޑަރޝިޕް ފެއިލްވެގެން މިހިސާބަށް މިއައީ. މި ލިޑަރޝިޕް ދިވެހިން ގާބޫލެއް ނުކުރި. ދެންވާންޖެހޭ ގޮތަކީ ރީއޮގަނައިޒްކޮށް ރީގްރޫޕްވާން ޖެހޭނީ. އެކަން ކުރަން މިހާރު ލީޑަރޝިޕްގައި ތިބި މީހުން ޖާގަނުދީފިއްޔާ އެހެންބަޔަކު އެކަންކުރާނެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.