ހިމާލަޔާ ފަރުބަދަތަކުގެ ތެރޭގައި އޮންނަ ދެކުނު އޭޝިޔާގެ ގައުމު ބޫޓާނުގައި އާދީއްތަ ދުވަހު ބޭއްވި އާއްމު އިންތިޚާބުގެ ދެވަނަ ބުރަށް ނުގޮސް އެގައުމުގައި ނިމިގެން ދިޔަ ފަސް އަހަރުގެ ދައުރުގައި ވެރިކަންކުރި ޕީޕަސް ޑިމޮކްރެޓިކް ޕާޓީ (ޕީޑީޕީ) ކަޓައިފިއެވެ. މިއީ 2008 ވަނަ އަހަރު އެގައުމަށް ޑިމޮކްރަސީ ގެނައި ފަހުން ބާއްވާ ތިންވަނަ އާއްމު އިންތިޚާބެވެ.
2013 ވަނަ އަހަރުން ފެށިގެން ފާއިތުވި އޮގަސްޓު މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ދައުރު ފުރިހަމަކުރެއްވި ބޮޑުވަޒީރު ޗެރިންގް ޓޮބްގޭ ވަނީ ބަލި ގަބޫލުކުރައްވާފައެވެ. ބޫޓާނުގެ ގާނޫނު އަސާސީގައިވާ ގޮތުން އާއްމު އިންތިޚާބުގެ ކުރިން ސަރުކާރު އިސްތިއުފާދިނުމަަށްފަހު އިންތިޚާބު ބާއްވަންޖެެހެނީ ވަގުތީ ސަރުކާރެއްގެ ބެލުމުގެ ދަށުންނެވެ.
މަޝްހޫރު ހާވާޑް ޔުނިވަސިޓީން ތައުލީމު ހާސިލުކުރައްވާފައިވާ ޓޮބްގޭ މަސައްކަތްޕުޅުކުރައްވަމުން ގެންދެވީ ބޮޑުވަޒީރުކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށެެވެ. އެެހެން ނަމަވެސް އޭނާގެ ޕާޓީ އައީ ތިންވަނައަށްެވެ. އެންމެ ގިނަ ވޯޓު ލިބުނު ދެ ޕާޓީގެ މެދުގައި ބާއްވާ ދެވަނަ ބުރު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
ގާތްގަނޑަކަށް 93 ހާސް ވޯޓު ހޯދައިގެން އިންތިޚާބުގެ ފުރަތަމަ ބުރުން އެންމެ ކުރި ހޯދީ ޑްރުކް ފުއެންސަން ޗޮގްޕާ (ޑީޕީޓީ- ބޫޓާން ޕީސް އެންޑް ޕްރޮސްޕަރިޓީ ޕާޓީ) އެެވެ. އެޕާޓީއަކީ 2008 ވަނަ އަހަރު ބޫޓާނުގައި ބޭއްވުނު ފުރަތަމަ އާއްމު އިންތިޚާބު ކާމިޔާބުކުރި ޕާޓީއެވެ. 90 ހާސް ވޯޓާއެކު ދެވަނައިގައި އޮތީ ޑްރުކް ނިޔާމްރުކް ޗޮގްޕާ (ޑީއެންޓީ) އެވެ.
މިފަަހަރުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ބޫޓާން އިލެކްޝަނުން ހަތަރު ސިޔާސީ ޕާޓީއަށް ދީފައިވެެއެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 4 ލައްކަ 38 ހާހަށް ވުރެ ގިނަ މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ %66 މީހުންނެވެ.
މިފަހަރުގެ އިންތިޚާބުގައި ތިންވަނަ އަށް ގޮސްގެން ދެވަނަ ބުރުގައި ވާދަކުރުމުގެ ފުރުސަތުވެސް ނުލިބުނު، ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީއަކީ ނިމިގެން ދިޔަ ދައުރުގައި ގާނޫނުހަަދާ މަޖިލީހުގެ 47 ގޮނޑީގެ ތެރެއިން 32 ގޮނޑި ކޮންޓުރޯލުކުރި ޕާޓީއެވެ. ނަަމަވެސް އެޕާޓީ މިފަހަރުގެ އިންތިޚާބުގެ ދެވަނަ ބުރަށް ނުދިއުމުުގެ ސަބަބުން އެޕާޓީ ގާނޫނުހަދާ މަޖިލީހުން މުޅިން ބޭރުވީއެެވެ.
38 ހާސް އަކަކިލޯމީޓަރުގެ ބޫޓާންގެ އާބާދީއަކި 8 ލައްކައެވެ. އެގައުމަކީ ދެކުނު އޭޝިޔާގައި ބޮލަކަށް ޖެހޭ އާމްދަނީ ދެވަނައަށް އެންމެ މަތި، އެންމެ ކޮރަޕްޝަން މަދު ގައުމެވެ.