އައިއެންއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފަށާނެ

TMA-13

އިބްރާހިމް ނާސިރު އިންޓަރ ނޭޝަނަލް އެރޕޯޓްގައި ތަރައްގީކުރުމަށް ނިންމާފައިވާ މަސައްކަތުގެ ތެރެއިން ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ޓަރމިނަލް ގެ މަސައްކަތް ފެށޭވަރުވާނެ ކަމަށް އެކޮނޮމިކް މިނިސްޓަރ މުހަންމަދު ސައީދު  ވިދާޅުވެއްޖެއެވެ.
އިކޮނޮމިކް އެންޑް ޔޫތް ކައުންސިލުން އިއްޔެބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ،  އެއަރޕޯޓް ތަރައްގީކުރުމަށް ނިންމާފައިވާ ޕްރޮޖެކްޓްގެ ދަށުން ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޓަރމިނަލްގެ މަސައްކަތް ފެށުމަށް ނިންމާފައިވާއިރު، އެއަރޕޯޓް ބޮޑުކުރުމަށްޓަކައި ފެށުމަށް ހަމަޖެހިފައިވާ ބިންހިއްކުމުގެ މަސައްކަތާއި ރަންވޭގެ މަސައްކަތް  ވެސް އަންނަ މަސްތެރޭގައި ފެށިގެންދާނެ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެއަރޕޯޓް ތަރައްޤީކުރުމުގެ ގޮތުން ސަރުކާރުން  ފަށައިވާ  މި ބޮޑު މަޝްރޫޢުއަކީ،  ރާއްޖޭގެ އިޤްތިޞާދު ރަނގަޅުކުރެއްވުމަށް އެޅިގެންގެންދާ މުހިއްމު ފިޔަވަޅެއް ކަމަށާއި ، އަދި އެކަމުގެ ހެޔޮ އަސަރު ރާއްޖޭގެ ތަރައްގީއަށާއި ވަކި ވަކި ފަރުދުންނަށް ވެސް ކުރާނެ ކަން ފާހަގަކުރެއްވިއެވެ.
އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުއާއި ބެހޭ ގޮތުން ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ،  އެއަރޕޯޓް  މަޝްރުއުގެ ސަބަބުން ވަރަށް ގިނަ ގޮތް ގޮތުން އެއަރޕޯޓުގެ އޮޕަރޭޝަނަށް ފަހި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާ، އެގޮތުން ޓެކްސީވޭއެއް ނެތުމުން މިހާރު ރަންވޭ މަތީގައި ބޯޓު ގިނަވަގުތު ބާއްވަންޖެހޭ ޖެހުމަށް، އާ ރަންވޭ އާއިއެކު ހައްލެއް ލިބިގެން ދާނެ ކަމަށެވެ.
ގާތްގަނޑަކަށް 800 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހިންގާ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ޙަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕް، ބީ.ޔޫ.ސީ.ޖީއާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.