ކޮންމަންޑޫ ބަނދަރުގެ މައްސަލަ ހައްލު ކޮށްދޭނަން: ޑރ. ޝަހީމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމް އިން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެ ކަމަށްވާނަމަ ށ. ކޮމަންޑޫ ބަނދަރަށް ދިމާވެފައިވާ މައްސަލައަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންޑުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

"މާތްﷲ އިރާދަ ކުރައްވައިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިފަހަރު އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ މިރަށުގެ ބަނދަރަށް ދިމާވެފައިވާ ދަތިކަން ސަރުކާރުގެ ފަރާތުން ހައްލު ކޮށްދޭނަން،" ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އޮތް ތާއީދު އިތުރު ކުރެއްވުމަށް ޑރ. ޝަހީމް ރަށްރަށަށް ކުރައްވަމުން ގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މިއަދު ވަނީ ފޯކައިދުއާއި، މަރޮއްޓަށް ވެސް ވަޑައިގެންފައެވެ. މިއިން ކޮންމެ ރަށެއްގައި ވެސް އެމަނިކުފާނު ވަނީ ހަރުގެ ޖަލްސާ ބާއްވައިފައެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ އިބޫއާއި ރައީސް ޔާމީނާ ދެބޭފުޅުން ގެންދަވަނީ އަވަދިނެތި ކެމްޕޭން ކުރައްވަމުންނެވެ. ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.