ޙަރަމްފުޅުގެ އިމާމު އާލްޠާލިބު ހައްޔަރުކޮށްފި

އަލްމަސްޖިދުލް ޙަރާމްގެ އިމާމު އަދި ޚަޠީބު އައްޝައިޚް ޞާލިޙު އާލްޠާލިބު

މައްކާގެ ޙަރަމްފުޅު، އަލްމަސްޖިދުލް ޙަރާމްގެ އިމާމު އަދި ޚަަޠީބު އައްޝައިޚް ޞާލިޙު އާލްޠާލިބު ސަޢޫދީ ސަރުކާރުން ހައްޔަރުކޮށްފި ކަމުގައި، ސަޢޫދީ ބައެެއް ފަރާތަކާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާއިން ބުނި ގޮތުއި ޝައިޚް އާލްޠާލިބު ހައްޔަރު ކުރީ ދާދިފަހުން އޭނާ ދެއްވި ހުކުރު ޚުޠުބާއެއްގައި އަނިޔާވެރި ވެރިންނާ ދެކޮޅު ހަދަންޖެހޭނެކަމަށާ، މުންކަރާތްތައް ހުއްޓުވުމަށް މަސައްކަތްކުރަން ޖެހޭނެކަމަށް ވިދާޅުވެފައި ވާތީއެވެ.

އިއްޔެ އޭނާ ހައްޔަރުކުރުމުގެ ކުރިން ކުރެއްވި ޓުވީޓެއްގައި ޙައްޖުވެރިންނަށް ތަހުނިޔާކިއްުވައި ހެޔޮ ދުޢާ ކުރައްވާފައި ވެއެވެ. އަދި ފާއިތުވި ހުކުރު ދުވަހު ދެއްވި ޚުޠުބާގެ ތަންކޮޅެއްވެސް ހިމަނުއްވާފައި ވެއެވެ.

މައްކާގެ ޙަރަމްފުޅުގެ އިމާމުންގެ ގޮތުގައި 10 ވަރަކަށް ބޭފުޅުން ތިއްބަވައެވެ. އޭގެތެރޭގައި ޞާލިހު އާލްޠާލިބުގެ އިތުރަށް ޢަބްދުއްރަޙްމާން އައްސުދައިސް، ސުޢޫދު އައްޝުރައިމް، ބަންދަރް އަލްބަލްބަލާ، އުސާމާ އަލްޚައްޔާޠު، ފައިޞަލް ޣައްޒާވީ، މާހިރު އަލްމުޢައިޤިލީ، ޚާލިދު އަލްޣާމިދީ، ޞާލިޙު ބިން ޙުމައިދު އަދި ޢަބްދުﷲ ބިން ޢަވާދު އަލްޖުހަނީ ހިމެނިވަޑައިގަންނަވައެެވެ.

ހިޖުރައިން 1393 ވަނަަ އަހަރު ރިޔާޟަށް އުފަންވެ ވަޑައިގަތް ޞާލިޙު ބިން މުޙައްމަދު ބިން އިބްރާހީމް އާލް ޠާލިބަކީ ޝަރުޢީ ދާއިރާއިން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އަދި ޙަރަމްފުޅުގެ އިމާމުކަން ކުރައްވަމުންވެސް އޭނާ ގެންދެވީ މައްކާގެ ކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އަލްމަސްޖިދުލް ޙަރާމުގެ އިމާމަކަށް އޭނާ އައްޔަންކުރައްވާފައި ވަނީ ހިޖުރައިން 1423 ވަނަ އަހަރުގައެވެ.

މިފަހަކަށް އައިސް ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށް ފާޑުވިދާޅުވާ ޢިލްމުވެރިން ހައްޔަަރުކުރަމުންދާކަން ފާހަގަކުރެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.