ރައީސް ޔާމީނަށް ރަށްރަށްގޮސް އެރެނީ ރާޅުފަށާ ހަމައަށް، އެވެސް ބަރުހަތިޔާރާއެކު- ޝާހިދު

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވާތާ ފަސް އަހަރު ހަމަވާން ދާއިރު އެމަނިކުފާނު ރާއްޖޭގެ ރަށްރަށަށް ވަޑައިގެން އެރުއްވެނީ އެރަށްރަށުގެ ރާޅުފަށާށާ ހަމައަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ "ރާޅުފަށާ ހަމައަށް" އަރާވަޑައިގަންނަވަނީވެސް "ބަރު ހަތިޔާރާއެކު" ކަމަށެވެ.

"ފަސް އަހަރު ހަމަވާއިރު ރާއްޖޭގެ ވެރިކަމުގައި ހުރި މީހާއަށް ރަށްރަށަށް މިއެރެނީ ރާޅުފަށާ ހަމައަށް، އެވެސް ބަރު ހަތިޔާރު ހިފައިގެން، އަރާފައި ވައުދުވުމާއި ދޮގު ވާހަކަ ދެއްކުމުގެ މޫސުން މިއޮތީ އަނެއްކާވެސް ފައްޓަވާފައި" ރައީސް އަބްދުﷲ ޔާމީނަށް ފާޑުކިޔުން އަމާޒު ކުރައްވައި ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީން ފަސް އަހަރަށް ފަހު އާދައުރަކަށް ކެމްޕޭން ކުރައްވަން ފެއްޓެވުމުން ރައްޔިތުން ރައީސް ޔާމީނާ ސުވާލުތަކެއް އެބަ ކުރަމުންދާ ކަމަށެވެ.

"އަބްދުﷲ ޔާމީން އަބްދުލްގަތްޔޫމާ ދިވެހި ރައްޔިތުން ސުވާލުތަކެއް އެބަކުރޭ، ކޮބައިހޭ އަލަތު ކައިވެންޏާއެކު ދެއްވަން ވައުދުވީ ފްލެޓް، ކޮބައިހޭ ރިސޯޓު ޙިއްސާ، ކޮބައިހޭ ބެޔަސް ނުބެޔަސް ދޭންބުނި ދިހަހާސް ރުފިޔާ، ކޮބައިހޭ ދަނޑުވެރިންނަށް ދޭންބުނި ފައިސާ، ކޮބައިހޭ އާއިލީ ޑޮކްޓަރު، 65 އަހަރުން މަތީ މީހުންނަށް ދޭ އިނާޔަތް ބޮޑުކުރަން ބުނެފާ މިހާރު 75 އަހަރުގެ ވާހަކަ ދައްކާ ސަބަބަކީ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ ރައީސް ޔާމީނަށް ރައްޔިތުން ދެން އިތުރު ފުރުޞަތެއް ވެރިކަމުގައި ހުންނަވަން ނުދޭނެ ކަމަށެވެ. އަދި ރައްޔިތުން މިހާރު ރައީސް ޔާމީނަށް ބުނަނީ "ނޫނެކޭ، ނޫނެކޭ، ނޫނެކޭ" ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

"ރައްޔިތުން މިއަދު ޔާމީނަށް ބުނަނީ ނޫނެކޭ، ސަހަރޯއޭ، މަނިކުފާނު މިރާއްޖެއަށް ތިޔަ ފާކުރެއްވި ބިރުވެރިކަމާއި ވައްކަމާއި ފަސާދައަށް އަޅުގަނޑުމެން ބުނަނީ ނޫނެކޭ، ރާއްޖޭގެ ރައްޔިތުން ބުނަނީ ފުދިއްޖެޔޭ، ދެން ފުރުޞަތެއް ނުދޭނަމޭ" ޝާހިދު ވިދާޅުވިއެވެ.

މިދުވަސް ވަރަކީ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް އެންމެ ފޯރީގައި ކެމްޕޭން ކުރަމުން އަންނަ ދުވަސްވަރަށް ވާތީ އިދިކޮޅު ކޯލިޝަނާއި ޕީޕީއެމުންވެސް ދަނީ ކެމްޕޭނުގައި އެއްބަޔަކު އަނެއް ބަޔަކަށް އަނގަބަހުން ހޫނު ހަމަލާތަކެއް ދެމުންނެވެ. މިފަހަރުގެ އިންތިޚާބުގައި ފެންނާނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީން އާއި އިދިކޮޅު ކޯލިޝަނުން ނެރެފައިވާ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) އެކަންޏެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.